ގާތުންދިނުން: ތުއްތު ދަރިފުޅަށް ދެވޭ އެންމެ ފުރަތަމަ ހަދިޔާ

ގާތުން ދިނުމަކީ ކުޑަދަރިފުޅު ރަނގަޅު ސިއްހަތުގައި ބަހައްޓަން ކޮންމެހެން ބޭނުންތެރި ކަމެއް ---

ގާތުންދިނުމަކީ ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވުމަށްފަހު، އެދަރިފުޅަށް މައިމީހާގެ ފަރާތުން ފޯރުކޮށްދެވޭ ފުރަތަމަ ހަދިޔާ އެވެ. އަދި މިއީ ޅަފަތުގައި މައިމީހާގެ ފުށުން ތުއްތު ދަރިފުޅަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ ވެސް މެއެވެ. ތުއްތު ދަރިފުޅުގެ އުމުރުން ފުރަތަމަ 6 މަހުގައި ތުއްތު ދަރިފުޅަށް ބޭނުންވާނެ ހަމައެކަނި ކާނާ އަކީ މައިމީހާގެ ކިރެވެ. އަދި މިމުއްދަތުގައި ދެވޭ އެންމެ އަގުބޮޑު ކާނާ އަކީ ވެސް މައިމީހާގެ ކިރެވެ. އެހެން އެއްވެސް ކެއުމެއް ނުވަތަ ބުއިމެއް މިމުއްދަތުގައި ތުއްތު ދަރިފުޅަކަށް ބޭނުމެއް ނުވާނެއެވެ. ގާތުންދޭ ކިރަކީ ތުއްތު ދަރިފުޅަށް ހަޖަމުކުރަން އެންމެ ފަސޭހަ އެއްޗެވެ. 2 އަހަރު ވަންދެން ހުއްޓާލާ ގާތުން ދިނުން ކުރިޔަށް ގެންދިއުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. މިއީ އިސްލާމް ދީން ވެސް އެކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އުމުރުން 6 މަސް ވަންދެން ހަމައެކަނި ގާތުން ކިރުދެނީ ދުނިޔޭގެ އާބާދީގެ އެންމެ %38 ކުދިންނަށެވެ. އަދި އެކަށޭނަ ވަރަށް ގާތުން ކިރު ނުދިނުމުގެ ސަބަބުން އަހަރަކު 8 ލައްކަ ކުދިން ދުނިޔެދޫކުރާ ކަމަށް ވެސް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ގާތުން ދިނުމަކީ އަހަރަކު 1 މިލިޔަން ކުދިންގެ ފުރާނަ ސަލާމަތްކޮށްދޭ ކަމެއްކަމަށް އެޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ގާތުންދޭ ކިރުގައި ހިމެނެނީ ކޮން އެއްޗެއް؟

މައިމީހާގެ ގާތުންދެވޭ ކިރުގައި ހަށިގަނޑަށް ބޭނުންވާ ފެން، ޕްރޮޓީން، ފެޓް، އަދި ހަކުރު އެކުލެވިގެން ވެއެވެ. އެންމެ ހޫނު ގަދަ މާހައުލު ތަކުގައި ވެސް ތުއްތު ދަރިފުޅަށް ބޭނުންވާނެ ހުރިހާ ފެނެއް މައިމީހާގެ ކިރުގައި އެކުލެވިގެން ވެއެވެ. ގާތުންދޭ ކިރުގައި ތަފާތު ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ ވަރަށް ގިނަ ފައިދާހުރި މާއްދާތައް ހުރެއެވެ. އެގޮތުން ގާތުންދޭ ކިރުގައި އެކުލެވޭ މާއްދާތަކުގެ ތެރޭގައި ލެކްޓޯފެރިން، އިމިޔުނޯގްލޯބިއުލިން، ބައިލް ސޯލްޓް، ލެކްޓޯޒް،ފެޓީ އެސިޑްތައް، ލައިސޯޒައިމް، އަދި ސްޓިމިޔުލޭޓަޑް ލައިޕޭޒް ފަދަ މާއްދާތައް ހިމެނެއެވެ. މިމާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަވެ، ބަލިތަކާ ދުރުކޮށްދޭތީ، ގާތުންދޭ ކިރު ސިފަކުރެވެނީ ތުއްތު ކުދިންނަށް ފޯރުކޮށްދެވޭ "ފުރަތަމަ ވެކްސިން" ގެ ގޮތުގައެވެ.

ކޮލަސްޓްރަމް އަކީ ކޮބާ؟

ކޮލޮސްޓްރަމް އަކީ މައިމީހާ ވިހެއުމަށްފަހު ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އުރަމަތިން އަންނަ އޮލަ ރީނދޫ-އޮރެންޖު ކުލައިގެ ކިރެވެ. ކޮލަސްޓްރަމް އަކީ ތުއްތު ދަރިފުޅަށް ދިނުން އެދެވިގެންނުވާ އެއްޗެއް ކަމަށް ބައެއް މީހުން ބުނާބުނުމަކީ އޮޅިފައިވާ އޮޅުމެކެވެ. ނުވަތަ ކުރެވިފައިވާ ކުށްހީ އެކެވެ. އެހެނީ ކޮލަސްޓްރަމް އަކީ އަލަށް އުފަންވާ ތުއްތު ކުދިންނަށް އެންމެ ފައިދާހުރި، އަދި އެންމެ ބޭނުންތެރި ކާނާ އެވެ. މައިމީހާގެ އުރަމައްޗަށް ރަނގަޅަށް ކިރުއެރި، ދަރިފުޅަށް ކިރު ލިބެން ފަށަންދެން، މިނޫން ކެއުމެއް، ނުވަތަ ބުއިމެއް، ތުއްތު ދަރިފުޅަށް ބޭނުމެއް ނުވާނެ އެވެ.

ކޮލަސްޓްރަމް އިން ލިބިދޭ ފައިދާތައް

ތުއްތު ދަރިފުޅަށް ކޮލަސްޓްރަމް ދިނުމުން ދަރިފުޅުގެ ދިފާއީނިޒާމް ވަރުގަދަވެ، ތަފާތު ޖަރާސީމުތަކާއި، ވައިރަސްތަކުން ޖެހޭ ބަލިތަކުން ދިފާއުވުމަށް އެހީތެރިކަން ލިބިގެންދެއެވެ. ތުއްތު ދަރިފުޅު އެންމެ ފުރަތަމަ ލާ ބޮޑުކަމުނަޖިސް ހަށިގަނޑުން ބޭރުކުރުމަށް ވެސް އެހީތެރިވެދެއެވެ. މިހެންވުމުން ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އިތުރުވެފައި ހުންނަ "ބިލިރޫބިން" ހަށިގަނޑުން ބޭރުކޮށްދީ، ރީނދޫވުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.

ހެދިބޮޑުވުމަށް ބޭނުންވާ ކާނާގެ ގިނަ ބާވަތްތަކާއި، ބަލިތަކުން ދިފާޢުވުމަށް އެހީތެރިވެދޭ މާއްދާތައް ކޮލޮސްޓްރަމްގައި ހުރެއެވެ. އެގޮތުން ކޮލޮސްޓްރަމްގައި އެކުލެވޭ މުހިއްމު މާއްދާތަކުގެ ތެރޭގައި ބަލިތަކުން ދިފާޢުވުމަށް އެހީތެރިވެދޭ ލޭގެ ހުދުސެލްތަކާއި، ކެލްސިއަމް، ޕޮޓޭސިއަމް، ތަފާތު ހަށިދަމަނަ(އެންޓިބޮޑީޒް) ތައް، ވިޓަމިންއޭ، ވިޓަމިން އީ، އަދި އިމިޔުނޯގްލޯބިއުލިން ހިމެނެއެވެ. ކޮލޮސްޓްރަމްގައި ހިމެނޭ އެންމެ ފާހަގަކުރެވޭ އެއް ހަށިދަމަނަ އަކީ "ސިކްރީޓަރީ އިމިޔުނޯގްލޯބިއުލިން އޭ" އެވެ. މިއީ ޖަރާސީމުތަކުން ހަށިގަނޑު ދިފާއުކޮށްދޭ މާއްދާއެކެވެ.

ގާތުން ދިނުމުން ތުއްތުކުއްޖާ އަށް ސިއްހީގޮތުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ---

ކޮލޮސްޓްރަމް ގައި ފެޓު ހުންނަނީ ވަރަށް މަދުންނެވެ. މަދު މިންވަރަކަށް ހަކުރު ހުންނައިރު، ކާބޯހައިޑްރޭޓް އަދި ޕްރޮޓީން ގިނަ އަދަދަކަށް ހުރެއެވެ. ހަށިގަނޑު ބަލިތަކުން ދިފާޢުކޮށްދޭ މާއްދާތައް ފުރިހަމައަށް ކިރުއެރުމުން އަންނަ ކިރަށްވުރެ އެތައް ގުނައެއް ކޮލޮސްޓްރަމްގައި ގިނަކަން ފާހަގަކުރެވެއެވެ. 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 100އެމްއެލް ގެ ކޮލޮސްޓްރަމް އުރަމަތިން ބޭރުކުރެއެވެ. ކޮލަސްޓްރަމް ފުރިހަމަވެފައިވާ ކިރަށް ބަދަލުވަނީ ވިހެއުމަށްފަހު 7-3 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ.

ގާތުންދިނުމުން ތުއްތު ދަރިފުޅަށް ލިބިދޭ ފައިދާތައް

ގާތުންދޭ ކިރަކީ ތުއްތު ކުދިން ހެދި ބޮޑުވުމަށާއި، ބަލިތަކުން ދިފާޢުވެ، ރައްކާތެރިވުމަށް ބޭނުންވާ އެންމެ މުހިއްމު ވަޞީލަތެވެ. އަދި އެންމެ ރަނގަޅު ކާނާ އެވެ. ގާތުންދިނުމުގެ ސަބަބުން ތުއްތު ކުދިންގެ ދިފާޢީ ބާރު ރަނގަޅުކޮށްދެއެވެ. އެކަމުގެ ސަބަބުން ބޭރަށްހިންގުން، ކެއްސުން، އަރިދަފުސް ރޯގާ، މޭގައި އަރިދަފުސް ހިފުން، ކަންފަތުގައި އަރިދަފުސް އެޅުން، ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދީ، އެފަދަ ބަލިތަކުން ހިމާޔަތްކޮށް ރައްކާތެރިކޮށްދެއެވެ.

ގާތުންދިނުމަކީ ތުއްތު ދަރިފުޅުގެ ހެދިބޮޑުވުން ރަނގަޅުކޮށްދޭ ކަމެކެވެ. ތުއްތު ދަރިފުޅުގެ ވިސްނުން ތޫނުވެ، ތޫނުފިލިކަން އިތުރުވާ ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކޮށްދޭ ކަމެކެވެ. ދަތުގެ ޞިއްޙަތު ރަނގަޅުވެ، ދަތާއި، ހިރުގަނޑުގެ ބަލިތައް ޖެހުމުން ދުރުކޮށްދީ، ތުއްތު ކުދިންގެ އަނގައިގެ ބައްޓަން ރީތިކޮށްދޭ ކަމެކެވެ. ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ހަމުގެ ބަލިތަކާ ދުރުކޮށް ދެއެވެ. ތުއްތު ދަރިފުޅުގެ ނެޕީ އިން ނުބައިވަސްދުވުން ކުޑަކޮށްދެއެވެ.

ގާތުންދިނުމަކީ އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. ހަކުރުބަލި، ރާއްޖެބަލި، ނޭވާހިއްލުން، ކެންސަރު ފަދަ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ބަލިތައް ޖެހުމުގެ ފުރުޞަތު ގާތުންދިނުމުގެ ސަބަބުން ކުޑަކޮށްދޭކަން ހާމަވެފައި ވެއެވެ. މިއީ ޅަފަތުގައި ތުއްތު ކުދިން ކުއްލިއަކަށް މަރުވުމުގެ ފުރުޞަތު ކުޑަކޮށްދީ، ތުއްތު ދަރިފުޅުގެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކޮށް، ކުއްޖާގެ ސަމައްތަރު ހެޔޮކޮށްދޭ ކަމެކެވެ. އަދި ތުއްތު ކުއްޖާ އަށް އަޅާލުންތެރިކަމާ، ރައްކާތެރިކަން އިހުސާސްކޮށްދޭނެ ކަމެކެވެ.

ގާތުން ދިނުމުން މައިމީހާއަށް ލިބިދޭ ފައިދާތައް

ގާތުން ދިނުމުގެ ސަބަބުން އެކަމުގެ މަންފާ ލިބިގެންދަނީ ހަމައެކަނި ކުޑަ ދަރިފުޅަކަށް ނޫނެވެ. މިއީ ގާތުންދޭ މައިމީހާއަށް ވެސް އެކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. ގާތުން ދިނުމަކީ ދޭތެރެ ދުރުކޮށްދޭ ކަމެކެވެ. ގިނަގިނައިން ގާތުންދޭނަމަ ވިހެއި ފަހުން 6 މަސް ނުވަނީސް އަލުން ބަލިވެއިނުމުގެ ފުރުޞަތު %98 ކުޑަކޮށްދެއެވެ.

ވިހެއުމަށްފަހު ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މައިމީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. މައިމީހާއަށް ކަށިފީވުން ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. ރަހިމުގެ ދޮރާއި، ރަހިމުގެ ކެންސަރު، ބިސްއުފައްދާތަނު(އޯވަރީ)ގެ ކެންސަރު، އުރަމަތީގެ ކެންސަރު ފަދަ ތަފާތު ކެންސަރުތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. އަދި މިއީ ހަކުރު ބަލި ޖެހުމުގެ ފުރުޞަތު ވެސް ކުޑަކޮށްދޭ ކަމެކެވެ. ވިހެއުމާއެކު ގާތުން ދޭން ފެށުމަކީ ލޭމަނާވުން އަވަސްވެ، ރަހިމު ކުޑަވެ، ކުރީގެ ހާލަތަށް ރުޖޫޢަވެ، ފާރު ފަސޭހަކޮށްދީ، ކުރިމަތި ފަރާތުގައި ޖަރާސީމު އެޅުމުން ދުރުކޮށްދޭނެ ކަމެކެވެ.

ގާތުން ދިނުމަކީ މައިމީހާއާއި ތުއްތު ދަރިފުޅާއި ދެމެދު ޚާއްޞަ ކުލުނުވެރިކަމާ، ގުޅުމެއް ގާއިމުވެގެންދާ ކަމެކެވެ. އެއީ މައިމީހާއާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ލޯބި އިތުރުވެގެންދާ ކަމެކެވެ.

ތުއްތު ދަރިފުޅަށް ގާތުންދިނުމަކީ އޭގައި އެތަކެއް ފައިދާތަކެއް ކުޑަ ދަރިފުޅާއި، އަދި މައިމީހާއަށް ލިއްބައިދޭ ކަމަކަށްވުމާއެކު، އުމުރުން 6 މަސް ވަންދެން ހަމައެކަނި ގާތުން ދިނުމާއި، އަދި އުމުރުން 2 އަހަރު ވަންދެން ހުއްޓާނުލާ ގާތުން ދިއުން ކުރިޔަށް ގެންދިއުމަކީ ކޮންމެ ޅަދަރިމައެއްގެ އަމާޒުކަމުގައި ހަދަންޖެހެއެވެ. އެހެނީ ތުއްތު ދަރިފުޅު ދުޅަހެޔޮ ގޮތުގައި ބޮޑުވެގެން އައުމަށް ތުއްތު ދަރިފުޅަށް ދެވޭ ފުރަތަމަ ހަދިޔާ އަކީ މިއީ އެވެ.

comment ކޮމެންޓް