ޗައިނާއިން އުފެއްދި މިބަހުގެ ދަށުން ކާރަށް ދަތުރު ކުރެވޭ

ދެމީޓަރު އުސް ޓީއީބީ ފަރުމާކޮށްފައި ވަނީ އޭގެ ދަށުން ކާރަށް ދަތުރު ކުރެވޭ ގޮތަށް -- ފޮޓޯ: އޭޕީ

ބެއިޖިން (އޮގަސްޓް 4): ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރި އަރާފައިވާ އެއް ގައުމު ކަމަށްވާ ޗައިނާއިން މިފަހަރު ދުނިޔެއަށް ތައާރަފު ކޮށްފައި ވަނީ މަގުމަތީގެ ޓްރެފިކަށް ބޮޑު ލުއި ކަމެއް ގެނެސްދޭނެ އާ ވައްތަރެއްގެ ބަހެކެވެ.

ޗައިނާގެ ހީބޭ ޕްރޮވިންސުގެ މަގުތަކުގައި އަންގާރަ ދުވަހު ފުރަތަމަ ފަހަރަށް ޓެސްޓު ކުރި ޓްރާންސިޓް އެލެވޭޓެޑް ބަސް (ޓީއީބީ) ފަރުމާކޮށްފައި ވަނީ އޭގެ ދަށުން ކާރުތަކަށް ދަތުރު ކުރެވޭ ގޮތަށް ދެމީޓަރު އުސްކޮށެވެ.

ކަރަންޓުން ދަތުރު ކުރާ، 25 ފޫޓު ފުޅާ އަދި 72 ފޫޓު ދިގު އެބަހުން އެއްފަހަރާ 300 މީހުންނަށް ދަތުރު ކުރެވޭނެ އެވެ. އެހެންކަމުން އާދައިގެ 40 ބަހުގެ ބަދަލުގައި އެއް ޓީއީބީ ބޭނުން ކުރުމުން ފުދޭނެ ކަމަށް ބަސް ހަދާފައިވާ ކުންފުނިން ބުންޏެވެ.

އާދައިގެ މަގުތަކުގައި ހާއްސަ ޓްރެކެއް އަޅައިގެން ދުއްވާ ގޮތަށް ހަދާފައިވާ ޓީއީބީން ގަޑިއަކު 60 ކިލޯމީޓަރަށް ދުއްވޭނެ އެވެ.

"ޓީއީބީ މަސައްކަތް ކުރަނީ ސަބްވޭ އެއް ގޮތަށް، ނަމަވެސް ޓީއީބީ ހަދަން ހޭދަ ވަނީ ސަބްވޭއެއް ހަދަން ހޭދަ ކުރާ ހަރަދުގެ ފަސް ބައި ކުޅަ އެއްބައި،" ބަސް އުފެއްދި އިންޖިނިއަރުންގެ ތެރެއިން އިންޖިނިއަރަކު ވިދާޅުވި އެވެ.

މިދިޔަ މޭމަހު ބަހުގެ ކުޑަ މޮޑެލްއެއް ވަނީ ދައްކާލާފަ -- ފޮޓޯ: އީޕީއޭ

މިދިޔަ މޭ މަހު އެބަހުގެ ކުޑަ މޮޑެލްއެއް ދައްކާލުމުން އަސްލު އުޅަނދު ބަލާލުމަށް ގިނަ ބަޔެއްގެ މެދުގައި ޝައުގު އުފެދިގެން ދިޔަ އެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެމޮޑެލް ހަގީގަތަކަށް ހެދުމުން ގިނަ ބަޔަކު ވަނީ "ޗައިނީސް ސްޕީޑުގައި" ހަދާފައިވާ އެ ބަހަށް ތައުރީފު އޮއްސާފަ އެވެ. (ބީބީސީ)

comment ކޮމެންޓް