ދިވެހި ވަންތަކަމަށް އަޅާނުލެވި!

އަދަބީ އުފާ ނަމުގައި ދިވެހި ބަހުގެ ހަރަކާތްތައް ހިރިޔާ ސްކޫލްގައި ފެށުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

ދިވެހި ބަހަށާއި ގައުމަށް ލޯބިކުރާ އެދެމަފިރިންގެ މިހާރުގެ ބޮޑުކަންބޮޑުވުމަކީ އުމުރުން 10 އަހަރުގެ ކުއްޖާ ދިވެހިން ވާހަކަ ނުދައްކާތީއެވެ. އެކަންބޮޑުވުމާއެކުވެސް އޭނާ އުފާވާކަމެއްއޮވެއެވެ. އެއީ އެހާ ކުޑައިރުވެސް އެކުއްޖާ މައުލޫމާތު މުއްސަދިކަމުންނެވެ.

ދެން 13 އަހަރުގެ ކުއްޖާގެ ވާހަކައެވެ. އޭނާއަށް ދިވެހިން ވާހަކަ ދައްކަން އެނގެއެވެ. ނަމަވެސް އެކުއްޖާގެ ޝައުގުވެރިކަން ހުންނަނީ ޖަޕާނު ސަގާފަތަށެވެ. އެގޮތުން "ޗޮޕްސްޓިކް" އެއް ހޯދައިގެން އޭގެން ކެއުމަކީ އޭނާ އެންމެ ޝައުގުވެރިވާ އެއްކަންތަކެވެ.

ކުޑަ އެދެކުދިންގެ ބައްޕަ ބުނާގޮތުގައި އެގައުމުތަކަށް ނިސްބަތްވާ މީހުންނާއެކު އެކުދިން ނޫޅެއެވެ. ސުކޫލަށް ފިޔަވާ ތައުލީމް ހާސިލް ކުރަން އެކުދިން އެހެން ތާކަށްނުދެއެވެ. ނަމަވެސް ގިނަ އަދަދަކަށް އިނގިރޭސި ފޮތްކިޔައެވެ. ކާޓޫން ބަލައެވެ. ކުޑަކުއްޖާގެ ޝައުގުވެރިން ބޮޑަށް ހުންނަނީ މައުލޫމާތުތަކުގެ މައްޗަށެވެ. ބޮޑު ކުއްޖާ ބެލި ޖަޕާން ކާޓޫނަކާއެކު އޭނާގެ ޝައުގުވެރިވީ ދުވަހަކުވެސް ނުދާ އެގައުމަށެވެ. ބަސް ވެސް ކޮންމެވެސް ވަރަކަށް އެނގެއެވެ.

ޅަދަރިންގެ ނަމޫނާއަކަށް އަވައްޓެރިން!

މާދަމާ މިގައުމާއި ހަވާލުވާންތިބި ކުޑަކުދިން އަދި މިއަދުގެ ޒުވާނުންގެ ގިނަ ހިތްތަކަކުން ދިވެހި ވަންތަކަމަށް މާބޮޑު ފުރުސަތެއްނެތެވެ. އެމީހުންގެ ހިތްތައްވަނީ ބޭރުގެ ގައުމުތަކާއި އެސަގާފަތްތަކުން ފަތަހަކޮށްފައެވެ. މިނިވަން ދުވަހުގެ ފުޅަނދުބުރުންވެސް އެކަން ހާމަވެއެވެ. ބަތަލުންނަށްވުރެ ހިޔާލީ ފޮލާ އިސްކޮށްފައިވާއިރު އެކަން ފާހަގަކޮށް ލިޔުމުން ލިބުނު ކޮމެންޓުތަކުންވެސް އެކަން ހެކިދެއެވެ.

27، ޖުލައި 2016: މިނިވަނ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބެއްވި ފުޅަދު ބުރުގެ ތެރެއިން---- ސަން ފޮޓޯ/މުހައްމަދު އަފްރާހް

މިހެންވާ ސަބަބުތައް ގިނަ!

އިންސާނާއަށް ލޯބިވެވޭނީ އޭނާ ދަންނަ ނުވަތަ އޭނާ އަށް އެނގޭ އެއްޗެއް ދެކެ އެވެ. އޭނާއަށް އެކަމާ މެދު ފަހުރުވެރިވެވޭނީ އެކަމެއް އިހުސާސް ކުރެވިގެންނެވެ. ހާއްސަކޮށް ކުޑައިރުން ސުރެ ފެނިދެވިނެ ވާކަންތަކަށެވެ. މިއަދު ކުޑަކުދިންގެ އާދަތަކަށްބަލާއިރު ނިދަންވެސް ކާންވެސް އަދި ފޫހިފިލުވުމަށްވެސް އެންމެ ގިނައިން ކުރާ ކަމަކީ ކާޓުންތައް ބެލުމެވެ. ނޫނީ އެކުދިންނާއި ގުޅޭ ފޮތްތައް ބެލުމެވެ. އެދާއިރާ ރާއްޖޭގައި ވަރަށް ދަށެވެ.

"ބުކްޝޮޕަކަށްގޮސް ބަލާއިރު ވަރަށް ނުހުރޭ މިކުދިންނާ ގުޅޭފޮތެއް، ހުއްޓަސް ގިނައިން މިހުންނަނީ ބިރުވެރި ވާހަކަ، ދިވެހި ފޮތްކިޔާނަމަ ކޮންމެވެސް ބިރުވެރި ވާހަކައެއް ކިޔުވަން މިޖެހެނީ، އެކުދިން ޝައުގުވެރި މައުލޫމާތު ގިނަ ފޮތްތައް ވަރަށް މަދު، އެކުދިންނާ ގުޅޭ ދީނީ ފޮތްތައްވެސް އެހާމަދު،" ބެލެނިވެރިއަކު ކަންބޮޑުވުން ހިއްސާ ކުރަމުން ބުންޏެވެ.

ޝައުގުވެރި ފޮތްތައް މަދުއިރު ދިވެހި ކާޓޫންތައްވެފައިމިވަނީ އެކަކު އަނެކަކަށް ފުރައްސާރަކުރުމަށް ހަދާ އެއްޗަކަށެވެ. ކުދިންނާއި ގުޅުމެއްނެތެވެ. ބަތަލުންގެ އަގުހުރި ޒިކުރާ ދައްކުވައިދޭ ކާޓޫނާއި ފިލްމެއް ނެތެވެ. އަވަށްޓެރި ގައުމުތަކަށްބަލާއިރު ކުދިން ޝައުގުވެރިވާ އެހެންގައުމުތަކުގެ ކާޓުނަކަށް އެމީހުންގެ އަމިއްލަ ބަސް އަޅައިގެންވެސް ދައްކައެވެ. ފިލްމުތައް ހަދައި ގައުމިއްޔަތު ދައްކުވައެވެ. ނަމަވެސް ރާއްޖެއިން އެކަން ނުފެނެއެވެ.

ދިވެހި ބަހާއި ތާރީހު ކުރިއެރުމުގެ ޒިންމާ އުފުލާ ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ 2000 ވަނަ އަހަރަށްފަހު ކުދިން ކިޔާ ހިތްވާ ކަހަލަ ވާހަކަ އާއި ފޮތްތައް ލިޔެ ނެރެމުންދާ ކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ސުކޫލު ކުދިންނާއި ޒުވާނުންނަށް ހާއްސަފޮތްތައް ނެރެމުން އަންނަ ކަމަށާއި އެކަންކަމުގެ ނަތީޖާ ފެންނާނެ ކަމަށެވެ.

އަޝްރަފް ސަން އަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ސްކޫލު ކުދިން އަދަބީ ކަންތަކަށް ޝައުގުވެރިކުރުވަން މިހާރު ބާއްވަނީ ގައުމީ ވާހަކަ ދެއްކުމާއި މަޒުމޫން ލިޔުންފަދަ މުބާރާތްތަކެވެ. ނަމަވެސް ވާދަވެރިކަމާއި ކުދިންގެ ޝައުގުވެރިކަން އެހާބޮޑުހެނެއް ހިޔެއްނުވެއެވެ. ގައުމީ މުބާރާތުގެ ވާހަކަ ދެއްކުން ކުރިއަށްދާއިރު ބަލަންވަންނާނެ ގިނަ މީހަކުވެސް ނުވެއެވެ.

އަޝްރަފް ވިދާޅުވީ އެ އެކަޑަމީގެ ބޭނުމަކީ ދެއްކުންތެރިކަން ނޫން ކަމަށާއި އެބޭފުޅުންގެ އެދުމަކީ އުފެއްދުންތެރި ލިޔުންތެރިންނާއި ވާހަކަ ދެއްކުންތެރި އުފެއްދުން ކަމަށެވެ. ޝައުގުވެރިކަން އިތުރުވެ އެކަން ހާސިލްވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މިހާރު މުޅި ރާއްޖެއަށް މިހުޅުވާލަކީ، މީގެކުރިން 60 ނުވަތަ 70 ކުދިން ބައިވެރިވާއިރު މިހާރު 300 ނޫނީ 400 އެއްހާ ކުދިން ބައިވެރިވޭ،" އަޝްރަފް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާވެސް ދިވެހިވަންތަކަމާއި ބީރައްޓެހި!

ސިކުނޑީގެ ކާނާ ކަމަށްވާ ތައުލީމީ ނިޒާމަށް ބަލާއިރު ރާއްޖޭގައި އެކަންކަން ކޮންޓުރޯލް ކުރަނީވެސް ބޭރުގެ ސަގާފަތްތަކާއި ބަސްތަކެވެ. ހަތް މާއްދާ ނުވަތަ އަށް މާއްދާ ކިޔަވާއިރު އޭގެ ތެރެއިން ދިވެހި ބަހުން ކިޔަވައިދެނީ އެންމެ ދެ މާއްދާއެވެ. އަނެއް ހުރިހާ މާއްދާއެއް އިނގިރޭސީންނެވެ.

އިސްކަންދަރު ސްކޫލުގެ، 2014 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

ދިވެހި ކިޔައިދެއްވަމުން 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަމުން ގެންދަވާ އަބްދުﷲ އަލީ ވިދާޅުވިގޮތުގައި ތައުލީމީ ދާއިރާގައިވެސް ރާއްޖޭގައި ދިވެހިބަހަށް އަހުމިއްޔަތުކަމެއް ނުދޭ ކަމަށާއި މިހާލަތައް ދިއުމުގެ އަސްލަކީ އެއީ ކަމަށެވެ.

"އިނގިރޭސި ބަސް ދަސްކޮށްދެވޭތޯ ބަލަނީ ކުޑައިރުންސުރެވެސް، އެއްވެސް ގޮތަކަށް ދިވެހި ބަހަކަށް ސަމާލުކަމެއް ނުދޭ، ދެން އޯލަވެލްގައި ކިޔަވައިދޭން އެއުޅެނީ ހަމައެކަނި ޓޮޕްޓެންގެ ފަސްޓްއަކަށްނުވެއް އަރާނެ ނާރާނެ ދިވެހިން ފާސްނުވެ." އަބްދުﷲ ވިދާޅުވިއެވެ.

އަވައްޓެރި އިންޑިއާފަދަ ގައުމުތަކުގައި ގައުމިއްޔަތަކީ އެންމެން ލޯބިކުރާ ކަންތަކަށްވާއިރު އެގައުމުތަކުގައި ގައުމިއްޔަތަކީ ވަކި މާއްދާއެވެ. ބަސް ވަކިން ކިޔަވައިދޭއިރު ގައުމިއްޔަތާއި ތާރީހާއި ސަގާފަތް ވަކި މާއްދާއަކަށް އެދަނީ ކިޔަވައިދެމުންނެވެ. ނަމަވެސް އަޅުގަނޑުމެން ރާއްޖޭގައި ބަހާއި އަދަބިއްޔާތާއި ސަގާފަތްވެސް މިކިޔަވައިދެނީ އެންމެ ފޮތަކުން އެއް މާއްދާގެ ގޮތުގައެވެ.

ކަރިކިއުލަމް ތައްޔާރު ކުރުމަށް ހަރަކާތްތެރިވާ އެޑިއުކޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުރިންސުރެ ވެސް އަދި މިހާރުވެސް އެކަށީގެންވާ ގޮތެއްގައި މާއްދާތަކުގައި ބަތަލުންގެ ވާހަކަ ހިމެނިފައި އެބަހުއްޓެވެ. ނަމަވެސް ބެލެނިވެރިން ހަމައެކަނި ނަތީޖާއަށް އިސްކަންދިނުމުން އެކަރިކިއުލަމްތައް ތަންފީޒު ކުރުމަށް ގޮންޖެހުންތަކެއް ހުރުމުން ސްކޫލުތަކާއި ބެލެނިވެރިން ވެސް އެކަމަށް އެއްބާރުލުން ދޭންޖެހޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ތައުލީމަށާއި މައުލޫމާތައް ލޯބިކުރާ ފަރާތްތަކަށްވެސް ދިވެހި ބަހުން މިވަނީ ބީރައްޓެހިކަމެކެވެ. މުއްސަދި ބަސްތަކަށްބަލާއިރު ޝައުގުވެރި އަދި މީހުންނަށް ބޭނުންތެރި އެތައް މައުލޫމާތެއް ލިބޭ ފޮތްތަކާއި ލިޔުންތައް އެބަސްތަކުން ވަނީ ޝާއިރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެބަސްތައް ބޭނުންކުރެއެވެ. ދިވެހި ބަހަށް ބަލާއިރު އެފުރުސަތުތައްވެސް ވަރަށް މަދުން ނޫނީ ނުލިބެއެވެ.

އަޝްރަފް ވިދާޅުވީ އެފަދަ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި އެގޮތުން ދިވެހި ބަހަށް ގިނައިން ތަރުޖަމާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިހާރުވެސް އަހަރަކު ދެ ފޮތްވަރު ތަރުޖަމާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވާގޮތެއް އެނގެންޖެހޭ!

ދިވެހި ބަހަށް ދިވެހިންގެ ތެރެއިން ބޮޑުބައެއް ހާއްސަކޮށް ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރި ނޫންކަން މިއީ ޔަގީންކަމެކެވެ. ދިވެހި ގައުމިއްޔަތުވެސް އޮތީ އެހާލަތުގައެވެ. އެއާއެކު ދެން މުޅިންހެން މިއިވެނީ މިހެން މިވަނީ އެހެން މިހެންވާތީއޭބުނެ ދައްކާ ވާހަކަތަކެވެ. ނަމަވެސް އެ ވާހަކަތަކަކީ އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކައެއްނޫނެވެ.

އަދަބީ ދާއިރާގައި ހަރަކާތްތެރިވާ، ޝަރީއަތާއި ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައިވާ ހަސަން ޒަހީން ވިދާޅުވީ ދިވެހި ބަހާއި އަދަބިއްޔާތާއި ދިވެހިން ދުރަށްދާ ސަބަބާއި ގުޅޭގޮތުން ވާހަކަ ގިނަނުކޮށް އިލްމީ ދިރާސާއެއް ކުރަންޖެހެއެވެ. ބޭސްދެވޭނީ ބަލި އެނގިގެން ކަމަށްވާއިރު ދިވެހި އަދަބިއްޔާތައްވެސް އެހައްލު އޮތީ މައްސަލަ ދެނެގަނެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ މައްސަލަތައް ދެނެގަނެވިފައިވާ ކަމަށާއި އެ މައްސަލަތައް ހައްލުކުރެވޭނީ ގައުމީ ފެންވަރެއްގައި ގައުމިއްޔާތު ދިރުވަން އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ކުރިއަށްއޮތްތަނުގައި އެދެވޭ ނަތީޖާއެއް ފެންނާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

ދުނިޔޭގެ ބައިގިނަ ގައުމުތަކުގައި އަމިއްލަ ބަހެއް ނެތްއިރު ދިވެހިންނަށް އަމިއްލަ ބަހެއް ލިބިފައިވުމަކީ ދިވެހިންގެ ނަސީބެވެ. ބަހުގެ އިތުރުން ދިވެހިންނަކީ މުއްސަދި ސަގާފަތަކާއި އަމިއްލަ ވަންތަ ގޮތްތަކެއް ލިބިފައިވާ ބައެކެވެ. ގައުމަށްޓަކައި ގުރުބާންވީ ބަތަލުންގިނައެވެ. ނަމަވެސް ހިތާމައަކީ އެފަރާތްތަކުގެ އަގުވަޒަން ނުކުރެވޭ ކަމެވެ.

comment ކޮމެންޓް