ދުނިޔެއިން މެމޮތު ނެތިގެން ދިޔައީ ފެން ނުލިބުމުގެ ސަބަބުން؟!

ވޫލީ މެމޮތު --

ދުނިޔޭގައި މީގެ އެތައް ހާސް އަހަރެއް ކުރިން އުޅުނު، ބޯކޮށް ކެހެރި ފަޅާފައި ހުންނަ އެތް ނުވަތަ ވޫލީ މެމޮތު، ދުނިޔެއިން ނެތިގެން ދިޔައީ އެ އެއްޗެހި ބޯނެ ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ކަރުހިއްކުމާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އައިސް އޭޖުގެ ޒަމާނުގައި ދުނިޔޭގައި އުޅުނު މެމޮތުތަކުގެ ތެރެއިން ގިނަ މެމޮތު މީގެ 10،500 ވަރަކަަށް އަހަރު ކުރިން ނެތިގެން ދިޔަ ކަމަށް ސައިންސްވެރިން ބުނެ އެވެ. އެކަމުގެ ސަބަބެއް ކަމުގައި ސައިންސްވެރިން ބުނަނީ އޭރު ދިރިއުޅުނު އިންސާނުން އެތަކެތި ޝިކާރަ ކުރުމުގެ އިތުރުން މޫސުމާއި ތިމާވެއްޓަށް އަންނަމުން ދިޔަ ބަދަލުތަކެވެ.

އެހެން ނަމަވެސް އޭގެ ގާތްގަނޑަކަށް 5،000 އަހަރު ފަހަށް ވެސް ދުނިޔޭގައި މެމޮތު "މައިނޯރިޓީ"އެއް އުޅެމުން ދިޔަ ކަމަށް ސައިންސްވެރިން ބުނެ އެވެ. އެމެރިކާގެ އެލަސްކާގައި އުޅުނު މި މެމޮތުތައް މަރުވެ، ނެތިގެން ދިޔައީ މީގެ ގާތްގަނޑަކަށް 5،600 އަހަރު ކުރިންނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، އައިސް އޭޖުގައި ދިރިއުޅެމުން ދިޔަ އެ ޖަނަވާރުތައް މަރުވެގެން ދިޔައީ ދުނިޔެ ހޫނުވެ، އައިސް އޭޖު ނިމެމުން ދިއުމާ ގުޅިގެންނެވެ.

ދުނިޔެ ހޫނުވެ، ގަނޑުފެންތައް ވިރި، އެ އެތްތައް ދިރިއުޅެމުން ދިޔަ ސެއިންޓް ޕޯލް އައިލެންޑްގެ ބިންގަނޑު ކުޑަވެ އެ ރަށުގައި ރީތި ފެން ރައްކާވެފައި ހުރި ފެންގަނޑުތަކުން ފެން ހިނދުނު އިރު، ސައިންސްވެރިން ބުނަނީ އެކަމުގެ ސަބަބުން މެމޮތުތައް ފެން ބޯނެ އިތުރު ގޮތެއް ހޯދުން ވީ ދަތި ކަމަކަށް ކަމަށެވެ.

ސެއިންޓް ޕޯލް އައިލެންޑުގައި ހުރި ފެންގަނޑުތަކަށް ކަނޑުގެ ލޮނުގަނޑުގެ އަސަރުކޮށް ފެންގަނޑު ތަޣައްޔަރުވުމާ ގުޅިގެން، ކަރުހިއްކައިގެންފައި ތިބި މެމޮތުތައް ދިޔައީ ދިރިއުޅެމުން ދިޔަ މާހައުލު ހަލާކު ކުރަމުންނެވެ.

"ފެން ނެތިގެން އެ ޖަނަވާރުތައް އާވާރާވެ، ވަށައިގެން ހުރި ގަސްގަހާގެއްސާއި ހުރިހާ އެއްޗެއް ހަލާކު ކުރަމުން ދިޔައީ. ގަސްތައް އުފުރަމުން ދިއުމުން އަނެއްކާވެސް ފެންގަނޑަށް އަސަރު ކުރާނީ، ބިންގަނޑު ހިފަހައްޓައިދޭ ގަސްތައް ނެތުމުން ބިމުގެ ވެއްޔާއި ހިރަފުސް ފެންގަނޑާ އެކުވެ، ބުއިމަށް ކަމުދާ ފެން މަދު ވީ. އެ އެތްތައް ނެތިދިއުމަށް އޭގެ އަމިއްލަ ހިއްސާ ވެސް އެބަ އޮތް!" ޕެންސިލްވޭނިއާ ސްޓޭޓު ޔުނިވާސިޓީގެ ލީޑު އޯތަރ ޕްރޮފެސަރ ރަސަލް ގްރޭމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު ބޭނުންވާ ވަރަށް ވާރޭ ވެހުމާއި، ގަނޑުފެން ވިރިގެން ފެން އުފެދޭ މިންވަރު މަދު ވުމުން މެމޮތުތައް މާ އަވަހަށް މަރުވެ ދިޔައީ ކަމަށެވެ.

"މިހާރު ވެސް އެތެއް ދުވާލަކު ބޭނުންވާނެ 70 ލީޓަރާ 200 ލީޓަރާ ދެމެދުގެ އަދަދަށް ފެން. ގަބޫލުކުރެވެނީ މެމޮތުތައް ވެސް އެވަރަށް ފެން ބޭނުންވާނެ ކަމަށް،"

ނަމަވެސް ބޭނުންވާ ވަރަށް ފެން ނުލިބި، ގަދީމީ އެތްތައް މަރުވެ ދިޔައީ ކަމަށް ޕްރޮފެސަރ ގްރޭމް ވިދާޅުވި އެވެ.

comment ކޮމެންޓް