ބަޣާވާތްކުރި ރޭ އުރުދުގާން އަވަހާރަކޮށްލަން އުޅުނު ސިފައިން އަތުލައިގެންފި

ތުރުކީއަށް ބަޣާވާތް ގެންނަން އުޅުނު ރޭ އެގައުމުގެ ރައީސް އުރުދުގާން ހައްޔަރުކުރަން އުޅުނު ސިފައިންގެ މީހަކު ހައްޔަރުކޮށްގެން ގެންދަނީ: ރައީސް އުރުދުގާން ހައްޔަރުކުރަން އުޅުނު 11 ސިފައިންގެ ކޮމާންޑޯސް ވަނީ ހައްޔަރުކޮށްފަ --- ފޮޓޯ/ ރޮއިޓާސް

ތުރުކީގައި ބަޣާވާތްކުރި ރޭ އެގައުމުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުގާން ހައްޔަރުކޮށް އަވަހާރަކޮށްލަން މަސައްކަތްކުރި ސިފައިންގެ ބަޔަކު، ތުރުކީ ސިފައިންގެ ހާއްސަ ޔުނިޓުން ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތް ކުރަން އުޅުނު ރޭ އުރުދުގާން ހުންނެވީ އާއިލާއާއެކު ތުރުކީގެ ހުޅަނގު ދެކުނުގައި އޮންނަ ޓޫރިސްޓް ރިސޯޓެއް ކަމަށްވާ މާމެރިސްގައެވެ. ނަމަވެސް އުރުދުގާން ހައްޔަރުކުރަން އުޅުނު ސިފައިންގެ ގްރޫޕް އެ ހޮޓެލަށް އައުމުގެ ކުރިން އެމަނިކުފާނު ވަނީ އެތަނުން ސަލާމަތްވެ ވަޑައިގެންފައެވެ.

ތުރުކީ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ރައީސް އުރުދުގާން ހައްޔަރުކުރަން އުޅުނު 11 ސިފައިންގެ މީހުންގެ ތެރެއިން ނުވަ މީހަކު އިއްޔެ ހައްޔަރުކުރި އިރު، އަނެއް ދެ މީހުން ފެނިފައިވަނީ މިއަދު އެވެ.

ރައީސް އުރުދުގާން އަވަހާރަކޮށްލަން އުޅުނު އެ މީހުން ފެނިފައިވަނީ އެ މީހުން ހޯދުމަށް ޑްރޯންއާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ތުރުކީގެ ސިފައިން ހިންގި ދެ ހަފްތާގެ ބޮޑު އޮޕަރޭޝަނެއްގައި، އުރުދުގާން ހުންނެވި ރިސޯޓް ކައިރީގައި އޮންނަ ޖަންގަލި ތެރެއިން ނެވެ.

ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބަޣާވާތްކުރި ރޭ އުރުދުގާން ޗުއްޓީއަށް ގޮސް ހުންނެވި ހޮޓެލްއަށް ގޮސް އެމަނިކުފާނު ހައްޔަރުކުރަން މަސައްކަތްކުރުމުގެ އަޑީގައި 37 ސިފައިންގެ މީހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި ބަޣާވާތަށްފަހު ހިންގި އޮޕަރޭޝަނެއްގައި އޭގެ ތެރޭގައި ހިމެނޭ 25 މީހުން ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. (ގާޑިއަން)

comment ކޮމެންޓް