ލަމްޕާޑް ފުރިހަމަކުރި ހެޓްރިކާއެކު ނިއު ޔޯކް ސިޓީގެ ތާރީހުގެ ތެރެއަށް

ނިއު ޔޯކް ސިޓީއަށް ކުޅެމުންދާ އިނގިރޭސިވިލާތުގެ ތަޖުރިބާކާރު މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް: އޭނާ އަކީ ނިއު ޔޯކް ސިޓީއަށް އެންމެ ފުރަތަމަ ހެޓްރިކެއް ފުރިހަމަކޮށްދިން ކުޅުންތެރިޔާ --- ފޮޓޯ: ގެޓީ

އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގައި އިނގިރޭސިވިލާތުގެ ތަޖުރިބާކާރު މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ކާމިޔާބުކުރި ހެޓްރިކާ އެކު ނިއު ޔޯކް ސިޓީ އަށް އެންމެ ފުރަތަމަ ހެޓްރިކެއް ފުރިހަމަކުރި ކުޅުންތެރިޔާ އަށް ވެއްޖެ އެވެ.

ނިއު ޔޫކް ސިޓީގެ ތާރީހުގެ ތެރެއިން ލަމްޕާޑް ޖާގަ ހޯދާފައިވަނީ އެމްއެލްއެސްގައި އިއްޔެ ކޮލޮރާޑޯ ރެޕިޑްސްއާ ދެކޮޅަށް ކުޅެ، 5-1 ލަނޑުން ނިއު ޔޯކް ސިޓީ މޮޅުވި މެޗުގައެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ލަމްޕާޑްގެ ފުރަތަމަ ލަނޑު ފެނިގެންދިޔަ އިރު، އޭނާ ޖެހި ފަހު ދެ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ނިމެނިކޮށެވެ.

"އަހަރެން ވަރަށް އުފާވެއްޖެ. އަހަރެންނަކަށް ނޭނގޭ އަހަރެންނަށް ރެކޯޑެއް ހެދުނު ކަމެއް. ކްލަބުގެ ކުރު ތާރީހުގައި ރެކޯޑެއް ހެދުމަކީ އަހަރެންނަށް ލިބުނު ބޮޑު އުފަލެއް ކަމުގައި ދެކެން،" ލަމްޕާޑް ބުންޏެވެ.

އަނިޔާއާ ފިޓްނަސްގެ މައްސަލަތަކާ ގުޅިގެން ނިއު ޔޯކް ސިޓީގެ ސަޕޯޓަރުންގެ ހިތުން ޖާގަ ހޯދުމަށް ދަތިތަކާ ކުރިމަތިލި ލަމްޕާޑް ވަނީ އެ ޓީމަށް ކުޅުނު އަށް މެޗުން އޭނާ ވަނީ އަށް ލަނޑު ކާމިޔާބުކޮށްފަ އެވެ.

ލަމްޕާޑްގެ އިތުރުން އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދުރޭ ޕިރްލޯ އަދި ސްޕެއިންގެ ތަޖުރިބާކާރު ފޯވަޑް ޑޭވިޑް ވިޔާ ވެސް ކުޅެމުންދަނީ ނިއު ޔޯކް ސިޓީއަށެވެ.

comment ކޮމެންޓް