ގާތުން ކިރު ދޭނަމަ ތުއްތު ކުދިންގެ ވިސްނުން ތޫނުވޭ: ދިރާސާ

މަންމަޔަކު ގާތުން ކިރުދެނީ ---

ގާތުން ކިރު ދިނުމަކީ، އޭގެ ސަބަބުން ތުއްތު ދަރިފުޅަށާއި މައިމީހާ އަށް ވެސް އެކަމުން ގިނަ ފައިދާ ތަކެއް ކުރާ ކަމެކެވެ. އަދި ހަ މަސް ވަންދެން ތުއްތު ދަރިފުޅަށް ގާތުން ދޭ ކިރު ފިޔަވައި އިތުރު އެއްޗެއް ނުދިނުމަށް ސިއްހީ މާހިރުން ވެސް ލަފާ ދެއްވަ އެވެ.

ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލް އިން ދާދި ފަހުން ކުރި ދިރާސާ އަކުން ވެސް މިވަނީ ގާތުން ކިރު ދިނުމުގައި ފައިދާތަކަށް ބާރުލިބޭ ފަދަ ހެކިތަކެއް ލިބިފަ އެވެ.

ސަތޭކަ އަށްޑިހަ ތުއްތު ކުދިން ބޭނުންކޮށްގެން ކުރި ދިރާސާ އިން ދައްކާފައިވާ ގޮތުން، އެންމެ ތުއްތު އިރު ހަމައެކަނި ގާތުން ކިރު ދޭ ކުދިންގެ ވިސްނުން، އެހެން ކުދިންނަށް ވުރެ ތޫނެވެ.

އެ ދިރާސާގައި ބައިވެރި ކުރި 180 ކުދިން، އުފަންވި ހިސާބުން ފެށިގެން އެކުދިންގެ އުމުރުން ހަތް އަހަރު ވަންދެން ވަނީ މޮނިޓާ ކޮށްފަ އެވެ. އެ ދިރާސާ އިން ދައްކާފައިވާ ގޮތުން ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވުމަށް ފަހު، ފުރަތަމަ 28 ދުވަހު ގާތުންދޭ މިންވަރު އިތުރުކޮށްފި ނަމަ، އެކުދިންގެ އައިކިއު މަތިވެ އެވެ. އަދި ތައުލީމީ ގޮތުން ގާބިލުވެ، ހަނދާން ހުންނަ މިންވަރާއި ސިކުނޑި މަސައްކަތް ކުރާ މިންވަރު އިތުރު ކަމަށް ވެސް ދިރާސާ އިން ވަނީ ދައްކައިފަ އެވެ.

އެ ދިރާސާގެ ނަތީޖާގެ ސަބަބުން ގާތުން ކިރު ދިނުމަށް މައިންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ދިރާސާ ކުރި ފަރާތުން ބުނެ އެވެ. އެ ހޯދުންތައް މިހާރު ވަނީ އާންމު ކޮށްފަ އެވެ.

comment ކޮމެންޓް