ޒުމްބާގެ ފައިދާތައް ވަރަށް ގިނަ، ނުކޮށް ދޫކޮށްލާ ވަރު ކަމެއް ނޫން!

ޒުމްބާ ކްލާހެއްގެ ތެރެއިން ---

ޒުމްބާ އަކީ ދިވެހިންނާ ވަރަށް ރަށްޓެހި ކަސްރަތެކެވެ. ޚާއްސަކޮށް އަންހެނުންނާ އެވެ. ޒުމްބާ އަކީ ހަށިގަނޑަށް ފައިދާ ވާގޮތަށް ތައްޔާރު ކޮށްފައިވާ ނެށުންތަކެކެވެ. މާ ބުރަ ނެށުންތަކެއް ވެސް ނޫނެވެ. ނަމަވެސް ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ކްލާސްތަކަށް ގޮސް ޒުމްބާ ޖައްސާނެ ފުރުސަތު ގިނަ މީހުންނަކަށް ނުލިބެ އެވެ.

ކޮންމެހެން ކްލާހަކަށް ނުގޮސް ވެސް މިކަން ވާން އެބަ އޮތެވެ. ގާބިލު ޓްރެއިނަރުންގެ އިރުޝާދާ އެކު އޮންލައިންކޮށް ވެސް ޒުމްބާ ވީޑިއޯތައް ބަލާލެވޭ މި ޒަމާނުގައި، ގޭގެ ހަތަރު ފާރުން އެތެރޭގައި ވެސް ޒުމްބާ ކުރިއަށް ގެންދެވޭނެ އެވެ. މިއީ އެއްގޮތަކަށް ވެސް ނުކޮށް ދޫކޮށްލާ ވަރު ކަމެއް ނޫނެވެ. ފައިދާތައް ވަރަށް ގިނަ އެވެ.

1. ބަރުދަން ލުއިވުން

ޒުމްބާ ނެށުންތައް ތައްޔާރު ކޮށްފައި ވަނީ ކެލޮރީތައް އަންދާލެވޭ ގޮތަށެވެ. ކޮންމެ ދުވަހަކު އެއް ގަޑި އިރު ވަންދެން ޒުމްބާ ކުރިއަށް ގެންދާ ނަމަ 500 އާއި 1000 ދެމެދުގެ މިންވަރަކަށް ކެލޮރީ އަންދާލެވޭނެ އެވެ.

2. ކޯޑިނޭޝަން ރަނގަޅުވުން

ޒުމްބާ ކުރިއަށް ގެންދަނީ އިރުޝާދު ތަކަކާ އެކު އެވެ. މިޔުޒިކާ އެއްވަރަށް، ޓައިމިން ދިމާކޮށްގެން ކުރިއަށް ގެންދާ ނެށުންތަކުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހާގެ ކޯޑިނޭޝަން މުޅިން ރަނގަޅު ވެގެންދެ އެވެ.

3. ބޯހާސްކަން ފިލުވައިދޭ

ޒުމްބާއަކީ މީހާގެ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށް ގެންދެވޭ ކަސްރަތެކެވެ. އެހެންކަމުން މުޅި މީހާގެ ސަަމާލުކަން ހުއްޓެނީ ނެށުމުގެ ހަރަކާތްތަކާއި މިޔުޒިކަށެވެ. އެހެންވުމުގެ ސަބަބުން މީހާ އަކީ "ކޮންފިޑެންޓް" މީހަކަށްވެ، ބޯހާސްކަން ފިލުވައިދެ އެވެ.

4. މުޅި ހަށިގަނޑަށް ވެސް ލުއިކަން އިހުސާސް ކުރެވޭ

ޒުމްބާ އަކީ ފައިގެ އިނގިލިތަކުން ފެށިގެން މުޅި ހަށިގަނޑަށް ވެސް އޭގެ ފައިދާ ކުރާ ކަސްރަތެކެވެ. ފައިގެ ހަރަކާތްތަކުގެ ސަބަބުން ފައިގެ މަސްތަކުގައި ވަރުޖައްސައިދީ ލޮޑުކަން ފިލުވައިދެ އެވެ. އަދި ނެށުމުގެ ސަބަބުން ކޮނޑުގެ މަސްތަކަށް ލުއިކަން ލިބި، މުޅި ހަށިގަނޑު ރިލެކްސް ވެގެންދެ އެވެ.

5. ހަށިގަނޑުގެ ބައްޓަން ރީތިވުން

ލޫޅާފަތި ރީތި ހަށިގަނޑެއް ލިބުމަކީ ކޮންމެ މީހަކުވެސް ދެކޭ ހުވަފެނެކެވެ. ޒުމްބާގެ ސަބަބުން އެ ހުވަފެން ހަގީގަތަކަށް ވުމުގެ ފުރުސަތު ބޮޑެވެ. ޒުމްބާގައި ހިމެނޭ ހަރަކާތްތަކުގެ ސަބަބުން ބޭކާރު މަސްތައް ވިރި، ހަށިގަނޑު ލޫޅާފަތިވެގެން ދެ އެވެ.

comment ކޮމެންޓް