ބަތަލުންގެ އިއްޒަތް ކާޓޫންތަކަށް ދީ ގައުމީ ހެދުން ޒަމާނީކޮށްފި!

މިރިޕޯޓް ލިޔުމަށް ޕްރީސުކޫލާއި ޕުރައިމަރީ ގުރޭޑުގައި ކިޔަވާ ކުދިންކައިރި އިބްރާހިމް ނާސިރާއި އަބްދުއްސައްތާރު މޫސާ ދީދީ އަކީ ކާކުތޯ އަދި އެއީ ކީއްކޮށްދިންބައެއްތޯ ސުވާލުކޮށްލީމެވެ. އެކުދިންގެ ޖަވާބަކީ "ނޯ އައިޑިއާ" މިއެވެ. ދެން "ޑިސްނީ ލޭންޑްގެ ކާޓޫން ކެރެކްޓާސް" ތަކަކީ ކޮބައިތޯ އަހާލީމެވެ. ފަޓާސް ބަރިއެއްހެން އެޔޮށްގެން ކިޔާލީއެވެ. ނަންތައް އެކަންޏެއްނޫނެވެ. އެތަކެތީގެ ތަފްސީލީ މައުލޫމާތުވެސް އެނގެއެވެ. ވާހަކަދައްކާ ރާގުން ފެށިގެން ލާ ހެދުންތަކަށްދާންދެން އެނގެއެވެ. ނަމަވެސް ގައުމީ ހެދުމެއްގެ ވާހަކަ އަހައިފިނަމަ އެސުވާލަށް ފުރިހަމަ ޖަވާބެއް ދޭކަށް ނޭންގެއެވެ.

މިނިވަން މިގައުމާއި މާދަމާ ހަވާލުވާން ތިބި ތުއްތު ކުދިންނަށް ނަމޫނާއެއްގެ ގޮތުގައި މިބަލަނީ ހިޔާލީ އަދި އަހަރެމެންގެ ދީނާއި ސަގާފަތާއި ނުގުޅޭ ކެރެކްޓާތަކެކެވެ. މި ގައުމަށްޓަކައި އެތައް ބަތަލުންނެއް ގުރުބާންވިއިރު އެފަރާތްތަކަށް އެކުދިންގެ ސިކުނޑިތަކުން ޖާގައެއްނެތެވެ. ކުށަކީ ކުދިންނެއްނޫނެވެ. ބުނެނުދޭ ކިޔައިނުދޭ އެއްޗެއް ނޭންގޭނެތާއެވެ.

މިނިވަން 50 އަށް ތައްޔާރު ކުރި ފުޅަނދުތަކާ އެކު، މާލޭ އެކުވެނީ ސަރަހައްދުގައި، ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފައިލް ފޮޓޯ

މިގައުމުގެ ކާބަފައިންގެ ރީތި އާދަތަކެއްވެއެވެ. އޭގެ ތެރެއިންވެސް ހެދުން އެޅުމަކީ ހާއްސަކަމެކެވެ. ގައުމީ މުނާސަބަތުތައް މިއަދު ފާހަގަ ކުރަމުންދާއިރު ގައުމީ ހެދުން ފެހުމަށް ކިޔޫ ހެދުމަކީ މިހާރުވެސް އާދައެކެވެ. ނަމަވެސް ޒަމާނުގެ އަވާގައިޖެހި މިކަންވެސް މިވަނީ ލަދުވެތިކަމަކަށް ހަދާފައެވެ. ކުޑަކުއްޖަކަށް ގައުމީ ހެދުމެއް ފަހާނަމަ އެކުދިންގެ ބަނޑުން ނުވަތަ ބުރަކަށިން ބޮޑުބައެއް އެއޮށްވަނީ ނިވާނުކޮށެވެ. ޒުވާނެއްނަމަ ބާރުބާރަށް ހަށިގަނޑުގެ ބަނޑިތައް އެނގޭވަރަށް ބާރުކޮށްފައެވެ. ފިރިހެނެއްނަމަވެސް ޖެއްސުނު ވައްތަރެއް ޖައްސާފައެވެ. އެހެންހަދަމުންގޮސް އެހެންގައުމުތަކުގެ ހެދުންތައް ހެދޭއިރުވެސް ނޭންގޭ ދަރަޖައަށް މިވަނީ ގޮސްފައެވެ. ގައުމީ ކުލަ ނުވަތަ ވަކި ވައްތަރެއްގެ ރޭނދާއެއް ބޭނުން ކުރެވުނީމަ އެގައުމީ ހެދުމެއް ކަމަށް ގަބޫލް ކުރެވޭ ހިސާބަށް ކަންމިއޮތީ ގޮހެވެ.

ދައުލަތުން ހަރަދުކޮށްގެން ގައުމީ ކަންކަން ފާހަގަކުރަން ބާއްވާ ޝޯތަކެކޭ ޔޫރަޕު ގައުމުތަކުގެ ޝޯތަކެކޭ ތަފާތެއްނެތްކަހަލައެވެ. އަޅާ ހެދުމާއި އުޅޭގޮތް ތަފާތެއްނެތެވެ. ދިވެހިވަންތަކަމަށްވުރެ އިސްކަންދެނީ ބޭރުގެ ގައުމުތަކުގެ ސަގާފަތްތަކަށެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ފަންނާނުންގެ މިއުޒިކީ އީދުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމާއި ދޭތެރޭ ފަހުރުވެރި ނުވާ މުޖުތަމައުއެއް!

ކާބަފައިންގެ އަގުވަޒަން ކުރަން ކޮންމެހެން ދަސްކޮށްދޭންޖެހެއެވެ. އެހެން ނޫންނަމަ ތިމާ ނެތްދުވަހަކުން ތިމާމެންމަތިންވެސް ދަރިން ހަނދާން ނައްތާލުން ލަހެއްނުވާނެތާއެވެ. މިއަދު މިމުޖުތަމައުއިން މިކަން ފެނިގެންނުދެއެވެ. ތާރީހު ނުވަތަ ކާބަފައިންގެ އަގުހުރި ޖިހާދާއި ހިދުމަތްތައް ހަނދާން ނައްތާލައިފިއެވެ. ނަތީޖާއެއްގެ ގޮތުން ގައުމީ ޖޯޝާއި ލޯބި މިވަނީ ކެނޑިފައެވެ.

ޓީވީއެމްގެ ޕުރެޒެންޓަރު ޗައިނާގެ ގައުމީ ހެދުމެއްގައި އަދި ޗައިނާ މީހަކު އެ ގައުމުގެ ގައުމީ ހެދުމުގައި --

އަވައްޓެރި އިންޑިއާގެ އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާގެ އިހުތިރާމްވެސް އެގައުމު މިނިވަންކޮށްދެއްވި މަހާތަމާ ގާންދީ ފަދަ ފަރާތްތަކަށް ދީފައިވާއިރު މިރާއްޖެ މިނިވަން ދުވަސް ފާހަގަކުރަން ދައުލަތުން ހަރަދުކޮށްގެން ހަދާ ފުޅަނދުތަކުންވެސް މިހަދަނީ އަޅުވެތިކުރި ގައުމުތަކުގެ ފިލޯސަފީއެވެ.

ދައުލަތުން ބޮޑު ހަރަދުކޮށްގެން ހެދި 14 ފުޅަނދު ހިޔާލީ ކާޓޫންތަކަށް ހާއްސަކުރީ ކީއްވެގެންތޯ ކުރި ސުވާލަށް މުޅިންހެން ލިބޭ ޖަވާބަކީ އެއީ ކުދިން ޝައުގުވެރިވަނީ އެކެރެކްޓާތައް ކަމަށްވާތީ ކަމަށެވެ. ބަތަލުންގެ ވާހަކަ ބުނެނުދީ އެބަތަލުންނަށް ލޯބި ނުޖައްސައި އެޖަވާބް ދިނުމުން ވަރަށްވެސް ޒިންމާދާރު ކުޑަކަމަށްބެލެވެއެވެ. އިންސާނާއަށް ލޯބިވެވޭނީ އޭނާ ދަންނަ ނުވަތަ އޭނާ އަށް އެނގޭ އެއްޗެއް ދެކެ އެވެ. އޭނާއަށް އެކަމާ މެދު ފަހުރުވެރިވެވޭނީ އެކަމެއް އިހުސާސް ކުރެވިގެންނެވެ.

"ގައުމީކަންކަން ކުރާއިރުވެސް އަދި އާންމު ދިރިއުޅުމުގައިވެސް ދިވެހި ސަގާފަތަށާއި ދީނަށާއި ގައުމިއްޔަތަކަށް އިސްކަން ނުދޭތީ މިހެންމިވަނީ،" އަދަބީ ކަންކަމަށް ލޯބިކުރާ އަދި ދިވެހި ތައުލީމް ކިޔައިދެއްވުމުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވަމުންގެންދަވާ ޓީޗަރަކު ވިދާޅުވިއެވެ.

ބަތަލުންގެ ވާހަކަ ކިޔައިނުދޭނަމަ ބަތަލުން ނޫފެދޭނެ!

މިގައުމަށް މިނިވަންކަން ލިބި ހަމަނޭވާ ލެވެނީ އެތައް ބައެއްގެ ގުރޫބާނީތަކެއްގެ ސަބަބުންނެވެ. މިގައުމަށްޓަކައި ޖިހާދުވި ފަރާތްތަކުގެ އަގުވަޒަން ނުކުރެވޭއިރު އެކަންކަން އިހުސާސް ކުރެވޭ މީހަކުވެސް މަދެވެ. ޚާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ ތެރޭގައި އެކަން ކުޑައެވެ. ގައުމީ ބަތަލުންނާއި މެދު ފަހުރުވެރި ނުވެވޭ ނަމަ އެފަދަ ބަތަލުން އުފެދުމުގެ ފުރުސަތު ކުޑަވެގެން ދެ އެވެ.

"އަޅުވެތިކަމަށްފަހު ލިބޭ މިނިވަންކަމަކީ އަމިއްލަވަންތަކަމުގެ ލޯބީގައި އިންސާނާ ވާ ގުރުބާނީއެއްގެ ނަތީޖާ، އެހެންވީމާ އަމިއްލަވަންތަކަމަށް ބީރައްޓެހި ޖީލެއް ބޮޑުކުރެވޭނަމަ އެބޮޑުކުރެވެނީ މިނިވަންކަމުގެ ހަގީގީ މާނައަށް ބީރައްޓެހި އެމިނިވަންކަން ދިފާއުކުރުމުގެ މައިދާނަށް ލޯ ހުޅުވުން ކުޑަ، ބުރަހެލި ފިނޑި ޖީލެއް،" ތާރީޚު ދިރާސާ ކުރާ އަދި އަދަބީ ދާއިރާގައި ހަރަކާތްތެރިވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ.

އާދަމް ނަސީރު "ސަން"ގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ އަލީ ނަސީރު

މިހެންމިވަނީ ކީއްވެ؟

އެންމެ ބޮޑު ސަބަބަކީ ޅަދަރިންނަށް ބަތަލުންގެ އަގުވަޒަންކުރަން ބުނެނުދިނުމެވެ. ނިންދަވާ ގަޑިން ފެށިގެން ކާންދޭގަޑީގައިވެސް މުޅިންހެން މިދައްކަނީ ހިޔާލީ ފޮލާތަކެވެ. އެކުދިން ހުސްވަގުތުގައި ދައްކަނީވެސް އަދި ކިޔަންވެސް ދެނީ އެފުލޯކު ވާހަކަތަކެވެ. ނަމޫނާއަކަށް މައިންބަފައިންވެސް ދައްކަނީ އެއެވެ.

ހަމައެހެންމެ ގައުމީ ކަންކަން އިސްކުރަން ދައުލަތުން މަސައްކަތް ނުކުރާތީވެސް މިފަދަ މައްސަލަތައް ގިނަވެއެވެ. ފުޅަދެެއް ނުވަތަ ގައުމީ ކަމެއް ފާހަގަކުރަން ހުޅުވާލާއިރު ދީނާއި ސަގާފަތް އިސްކުރަން ޝަރުތެއްނުކުރެއެވެ. ނަތީޖާއަކަށްވަނީ އެމީހަކަށް ހެދުނު އެއްޗެއް އެމީހަކު ހެދުމެވެ.

"ވަކިކަހަލަ އެއްޗިއްސަކަށް ބައިވެރިނުވެވޭނޭ، ނުވަތަ އެތަކެއްޗަކީ މިވެނި ގައުމީވަންތަކަމެއް ހުންނަތަކެއްޗަށް ވާންޖެހޭނޭ، ބުނާކަމަށްވާނަމަ އެތަކެއްޗެއް ތައްޔާރެއް ނުކުރެވޭނެ، ނުކުރާތީ މިހެންވަނީ." އަދަބީ ދާއިރާއަށް ލޯބިކުރާ ފަރާތުން ބުންޏެވެ.

ގައުމީކަންކަމަށް ލޯބިކުރާ ފަރާތްތަކުން ބުނަނީ ކަމާބެހޭ ފަރާތްތަކުން ސަގާފަތާއި އާދަކާދަތަކަށް އިސްކަން ނުދޭ ކަމަށެވެ. ފެންނަންއޮތް ހަގީގަތަކީވެސް އެއީއެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން އެކަން ގަބޫލެއް ނުކުރެއެވެ. ނެޝަނަލް ސެންޓާފޯދި އާޓްސް(އެންސީއޭ) ގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަހުމަދު ނާޒިމް ވިދާޅުވީ ސަރުކާރުން ހިންގާ ހަރަކާތްތަކުގައި ސަގާފަތާއި އާދަކާދަތައް އިސްކަންދޭ ކަމަށާއި އެކަންކަން ދައްކުވަމުންދާ ކަމަށެވެ.

"ޕާފޯމަންސް ދާއިރާގެ އަދި އާޓްސްގެ ދާއިރާގައިވެސް ރާއްޖެ ތަމްސީލް ކުރާކަހަލަ ރާއްޖޭގެ ތާރީހު ދައްކުވައިދޭ ކަހަލަ ކުރެހުންތައްވެސް ޑިސްޕްލޭ ކުރުމަށް ފުރުސަތު ލިބޭވަރަކުން ދަމުންދަނީ، ކުރިއަށްއޮތްތަނުގައިވެސް އެދާއިރާތަކުގައިވެސް އަދި ފިލްމީ ދާއިރާގައިވެސް ރާއްޖޭގެ އާދަކާދަތަކަށް ވަރަށް އިސްކަންދޭނަން." ނާޒިމް ވިދާޅުވިއެވެ.

ދަރިންނަށް ކާޓޫންވެސް ދައްކަންވާނެއެވެ. ޒަމާނީ ކަންކަންވެސް ކުރަންވާނެއެވެ. ނަމަވެސް އެކަން ކުރަންވާނީ ހުދޫދުގެ ތެރެއިންނެވެ. އެހެންކަމުން ފުރަތަމަ އިސްވާންޖެހޭނީ އަހަރެމެންގެ ސަގާފަތެވެ. ބޭރުގެ ސަގާފަތެއް އަންނަންވާނީ އެއަށްފަހުގައެވެ.

comment ކޮމެންޓް