އަބަދު ބޯ ކަހާ ނަމަ ހަދާނީ ކިހިނެއް؟

ބޯ ކެހުމާއި ހިރުވުމަކީ ވަރަށް އުނދަގޫވާ މައްސަލައެކެވެ. އަދި އިސްތަށިގަނޑު ހަލާކުވެ، އިސްތަށި ފޭބުމަށް ވެސް މެދުވެރި ކުރުވާ ކަމެކެވެ. ބޯ ކެހުމަށް މެދުވެރިވާ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ބޮލުގައި ހަން ފޮޅުމާއި ހަންގަނޑު މާބޮޑަށް ހިކުން، ބިހި ނެގުން، މާ ބޮޑަށް ކަންކަމާ ވިސްނާ ފިކުރު ކުރުން، ފަންގަސް ނުވަތަ ވައިރަލް އިންފެކްޝަންގެ އިތުރުން ތިމާގެ ކެއުން ބައްޓަން ކުރާ ގޮތް ހިމެނެ އެވެ.

އިންފެކްޝަނެއްގެ ސަބަބުން ބޯ ކަހާ ނަމަ، ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަން ޖެހޭނެ އެވެ. އެހެން ސަބަބަކާ ހުރެ ބޯ ކަހާ ނަމަ، ގޭގައި ވެސް ފަރުވާ ހޯދި ދާނެ އެވެ.

1. ލުނބޯ ހުތް

ލުނބޯ ހުތަކީ ބޮލުގައި ހަން ފޮޅުން ހުއްޓުވައިދޭ އެއްޗެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ލުނބޮއެއްގެ ހުތް ފެލުމަށް ފަހު ބޮލުގައި އުނގުޅާށެވެ. ފަސް މިނެޓު ވަންދެން ބެހެއްޓުމަށް ފަހު ޝޭމްޕޫ ލައިގެން ރަނގަޅަށް ބޯ ދޮވެލާށެވެ. ބޮލުގައި ހަން ނުފޮޅުނު ނަމަވެސް، ބޯ ކަހާ ހިރުވާ ގޮތް ދިމާވާ ނަމަ، ލުބޯ ހުތާއު ފެން އެއްކުރުމަށް ފަހު ބޮލުގައި އުނގުޅާށެވެ. ހަމަ އެއާއެކު ޔޯގަޓާއި ލުނބީ ހުތް އެއްކުރުމަށް ފަހު ބޮލުގައި އުނގުޅުން ވެސް ރަނގަޅު ވާނެ އެވެ. ފަސް ވަރަކަށް މިނެޓު ބެހެއްޓުމަށް ފަހު ޝޭމްޕޫ ލައިގެން ބޯ ދޮވެލާށެވެ.

ގަވައިދުން ކޮންމެ ދުވަހަކު މިގޮތަށް އަމަލު ކުރާ ނަމަ، ބޯ ކެހުން ހުއްޓި ހަން ފޮޅުން ހުއްޓޭނެ އެވެ.

2. ބޭކިން ޕައުޑަރު

ފަސޭހަ އިން ލިބެން ހުންނަ ބޭކިން ޕައުޑަރަކީ ފަންގައިގެ ސަބަބުން ބޮލުގައި ހަން ފޮޅޭ މީހުންނަށް ރަނގަޅު ފަރުވާ އެކެވެ. ބޭކިން ޕައުޑަރާއި ފެން އެއްކޮށް ގިރާލާށެވެ. އެއަށްފަހު ބޮލުގައި އޮލިވް އޮއިލް އުނގުޅާށެވެ. ދެން ފެނުގައި ގިރުވި ބޭކިންގ ޕައުޑަރު ޕޭސްޓު ބޮލުގައި އުނގުޅާށެވެ.

ޕޭސްޓު ބޮލުގައި އުނގުޅުމަށް ފަހު 15 ވަރަކަށް މިނެޓު ބަހައްޓާށެވެ. އެއަށް ފަހު ފެނުން ދޮވެލާށެވެ.

3. އަލޯވެރާ

އަލޯވެރާގައި ހަންގަނޑު މޮއިސްޗުރައިޒް ކުރާ މާއްދާ އެއް އެކުލެވިގެންވެ އެވެ. ތާޒާ އަލޯވެ ނުލިބޭ ނަމަ، އަލޯވެރާ ޖެލް ވެސް ބޭނުން ކުރެވިދާނެ އެވެ.

ބޮލުގައި އަލޯވެރާ އުނގުޅާށެވެ. އެއަށް ފަހު 15 ވަރަކަށް ބެހެއްޓުމަށް ފަހު ބޯ ދޮވެލާށެވެ.

4. ކާށި ތެޔޮ

ކާށި ތެލަކީ ބޮލުގެ ހަންގަނޑަށް ފަރަށް ފައިދާ ކުރާ އެއްޗެކެވެ. ބޯ ދޮވުމަށް ފަހު ކާށި ތެޔޮ ފޮދެއް ބޮލުގައި އުނގުޅާލާށެވެ. ދެން ގަޑިއެއްހާ އިރު ބެހެއްޓުމަށް ފަހު ޝޭމްޕޫ ލައިގެން ބޯ ދޮވެލާށެވެ. ކޮންމެ ހަފްތާ އަކު ތިން ފަހަރު މިގޮތަށް ކަންތައް ކުރާ ނަމަ ބޮލުގެ ކެހުން ފިލުވައިދޭނެ އެވެ.

5. ދޮންކެޔޮ

ދޮންކޭލަކީ ބޮލުގެ ކެހުން ފިލުވައިދިނުމުގެ އިތުރުން އިސްތަށިގަނޑު ވެސް ކޮންޑިޝަން ކޮށްދޭ މޭވާއެކެވެ. ދޮންކޭލުގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ބޮލުގައި ހަންފޮޅުން ކުޑަކޮށްދެ އެވެ.

ދެ ވައް ދޮންކެޔޮ އަދި އެވޮކާޑޯ އެއް އެއްކުރުމަށް ފަހު ބޮލާއި އިސްތަށިގަނޑުގައި އުނގުޅާށެވެ. ދެން 30 މިނެޓު ބެހެއްޓުމަށް ފަހު ރަނގަޅަށް ދޮވެލާށެވެ.

comment ކޮމެންޓް