އެތެއް އެއްލި ގަލަކުން ޖެހި މޮރޮކޯގައި ހަތް އަހަރުގެ ކުއްޖަކު މަރުވެއްޖެ

އެތެއްގެ ކައިރީގައި ބަޔަކު: މޮރޮކޯގެ ޒުލެއްގައި އެތެއް އެއްލި ގަލަކުން ޖެހި ހަތް އަހަރުގެ ސްކޫލް ކުއްޖަކު ވަނި މަރުވެފައި ---

އެފްރިކާގެ އުތުރުގައި އޮންނަ ގައުމެއް ކަމަށްވާ މޮރޮކޯގެ ޒުލެއްގައި އެތެއް އެއްލި ގަލަކުން ޖެހި ހަތް އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

މޮރޮކޯގެ ވެރިރަށް އައްރިބާތުގައި މިއަދު ހިނގި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރާ އެ ހާދިސާ ހިނގާފައިވަނީ އާއިލާއާއެކު އެތުގެ ހަރަކާތްތައް ބަލަން އޭތި ހައްޔަރުކޮށްފައި ހުރި ކޮށި ކައިރީގައި ކުއްޖާ ހުއްޓައި، އެތުގެ ޓްރަންކުން ނަގައި އެއްލި ބޮޑު ގާގަނޑެއް ކުއްޖާގެ ބޮލުގައި ޖެހިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން، އެތް އެއްލި ގާގަނޑު ކުއްޖާގެ ބޮލުގެ ފުއްކިބައިގައި ޖެހި އެތަނަށް އެ ކުއްޖާ ހޭނެތިގެން ވެއްޓުނެވެ. އަދި މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ހާދިސާއަށްފަހު ޒުލުގެ ތަރުޖަމާން ވަނީ މަރުވި ކުއްޖާގެ އާއިލާއަށް ހަމްދަރުދީ ފޮނުވާފަ އެވެ. އަދި އެތް ހައްޔަރުކޮށްފައި ހުރި ތަނަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ތަނެއް ކަމަށް ބުނެފައިވެ އެވެ.

"މިފަދަ ހާދިސާތަކަކީ ވަރަށް މަދުން ހިނގާ ގަބޫލުކުރަން ދަތި އަދި އާދަޔާ ހިލާފު ކަންތައްތަކެއް،" ޒުލުގެ ތަރުޖަމާން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޒުލުގެ ތަރުޖަމާނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން، އެ ހާދިސާއަކީ 2012 ވަނަ އަހަރު ހުޅުވި އެ ޒުލުގައި ހިނގި އެފަދަ ފުރަތަމަ ހާދިސާ އެވެ.

comment ކޮމެންޓް