އެެމެރިކާގެ ރައީސް ކަމަށް ހިލަރީއަށް ވުރެ ގާބިލު ބޭފުޅެއް ނެތް: އޮބާމާ

ޑިމޮކްރަޓިކް ނެޝަނަލް ކޮންވެންޝަންގައި ހިލަރީ ކްލިންޓަން އާއި ބަރަކް އޮބާމާ -- ފޮޓޯ: ގެޓީ

ފިލަޑެލްފިއާ (ޖުލައި 28): އެމެރިކާގެ ރައީސް ކަމަށް ހިލަރީ ކްލިންޓަންއަށް ވުރެ ގާބިލު ބޭފުޅެއް ނެތް ކަމަށް އެގައުމުގެ ރައީސް، ބަރަކް އޮބާމާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރަޓިކް ނެޝަނަލް ކޮންވެންޝަންގެ ތިން ވަނަ ރޭ ވާހަކަފުޅު ދައްކަވަމުން އޮބާމާ ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެމެރިކާގެ ވެރިކަމަށް އެކަށީގެންވާ ހަމައެކަނި ކެނޑިޑޭޓަކީ ހިލަރީ ކަމަށް ވިދާޅުވެފަ އެވެ.

އަދި ވެރިކަމުގައި ނިންމަން ޖެހޭ އުނދަގޫ ނިންމުންތަކުގެ ތަޖުރިބާ ހިލަރީއަށް ލިބިގެންވާ ކަމަށާއި އޭނާއަކީ އެންމެ އުނދަގޫ ހާލަތްތަކުގައި ވެސް މީހުންގެ އަޑު އަހާ، އެންމެންނަށް އިހުތިރާމު ކުރާ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.

"އެހެންވެގެން ވަރަށް އިތުބާރާ އެކު އަޅުގަނޑު ބުނެވެނީ، އެމެރިކާގެ ރައީސް ކަމަށް ހިލަރީ ކްލިންޓަން އަށް ވުރެ ގާބިލު އެއްވެސް މީހަކު ނެތް ކަމަށް، އެއީ އަޅުގަނޑު ކަމަށް ވިޔަސް އަދި ބިލް [ކްލިންޓަން] ކަމަށް ވިޔަސް،" އޮބާމާ ވިދާޅުވި އެވެ.

ޑިމޮކްރެޓުން ހިލަރީއަށް ތާއިދު ކުރެއްވުމަށް ގޮވާލެއްވުމުގެ އިތުރުން އޮބާމާ ވަނީ ހިލަރީއާ ރިޔާސީ ރޭހުގައި ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ޑޮނަލްޑް ޓްރަމްޕަށް ފާޑު ވިދާޅުވެފަ އެވެ. އަދި ޓްރަމްޕްގެ ސްލޯގަންއަށް އަމާޒު ކުރައްވައި އެމެރިކާއަކީ މިހާރު ވެސް ވަރުގަދަ ގައުމެއް ކަމަށާއި އެމެރިކާ އަނެއްކާ ވަރުގަދަ ކުރުމަށް ޓްރަމްޕަށް ބަރޯސާވާން ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެ ޑިމޮކްރަޓިކް ކޮންވެންޝަންގައި ރައީސް އޮބާމާގެ އިތުރުން ނައިބު ރައީސް ޖޯ ބައިޑެން އާއި ހިލަރީ ކްލިންޓަންގެ ރަނިންމޭޓް، ޓިމް ކެއިން ވާހަކަފުޅު ދައްކަވާފައިވެ އެވެ. އަދި މިއަދު ކޮންވެންޝަން ނިންމާލުމަށް ޑިމޮކްރަޓިކް ރިޔާސީ ކެނޑިޑޭޓު، ހިލަރީ ކްލިންޓަން ވާހަކަފުޅު ދައްކަވާނެ އެވެ.
comment ކޮމެންޓް