ވައިބާގެ ދިވެހި ސުޓިކާއަށް ބަހުގެ އެކަޑެމީގެ ހޫނު މަރުހަބާއެއް

އެކަކު އަނެކަކަށް މުއާމަލާތްކޮށް އެކުވެރިކަން ދެމެހެއްޓުމަށް ޓަކައި ދިވެހިންގެ ތެރޭގައި މިހާރު ބޭނުންކުރާ އެންމެ މަގުބޫލް އެއް ވަސީލަތަކީ ވައިބާ ކަމަށްވާއިރު އުރީދޫ އިން ވައިބާ މެދުވެރިކޮށް ދިވެހި ސްޓިކާ ފޮނުވޭގޮތް ހެދުމުން ދިވެހި ބަހުގެ އެކަޑެމީ އިން އެކަން ބަލައިގަނެ ޝުކުރު އަދާކޮށްފި އެވެ.

އިއްޔެ ފެށި އެހިދުމަތާ ގުޅޭ ގޮތުން ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ މިއަދު ސަން އަށް ވިދާޅުވީ ޒަމާނުގެ ޓެކުނޮލޮޖީ ބޭނުންކޮށްގެން މުއާމަލާތް ކުރުމުގެ ގާބިލްކަން އިނގިރޭސި ބަހެކޭ އެއްގޮތަށް ދިވެހި ބަހުގައި ވެސް ހުރިކަން މިކަމުން ހާމަކޮށްދޭ ކަމަށާއި އުރީދޫގެ އެމަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.

"މިއީ ދިވެހި ޒުވާނުންނަށް ތާނަ އަކުރު ބޭނުންކޮށްގެން މުއާމަލާތްކުރަން ފަހިވި ނުވަތަ ހުޅުވުނު އާ ދޮރެއް، އެހެންވީމަ އަޅުގަނޑު ވަރަށް އުފަލާއެކު އެކަން ބަލައި ގަންނަން." އަޝްރަފް ވިދާޅުވި އެވެ.

މުސްތަގުބަލުގައި އެފަދަ އެތައްކަމެއް ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި އަދި އެހެން ކުންފުނިތަކުން ވެސް އެފަދަ ކަންކަން ކުރުމަށް އަޝްރަފް ވަނީ ގޮވާލައްވައިފަ އެވެ.

ވައިބާ މެދުވެރިކޮށް ތަފާތު ސްޓިކާ ފޮނުވޭ އިރު މިއީ ދިވެހި ސްޓިކާ ވައިބާގައި ފޮނުވޭ ފުރަތަމަ ފަހަރެވެ. އެ ސްޓިކާ ސެޓުގައި ރާއްޖޭގެ އާންމު ބަހުރުވައިގައި ބޭނުން ކުރާ ބަސްތައް ހިމަނާފައިވެ އެވެ. ކޮންމެ މީހަކަށް ވެސް އެ ސްޓިކާތައް ހިލޭ ޑައުންލޯޑު ކުރެވޭނެ އެވެ.

ސްޓިކާތަކުގެ ތެރޭގައި "ބާއްޖަވެރި ހެނދުނެއް"، "ނެއްތަ ކޮފީއެއް"، "ހަބޭސް"، "އޮބިނޯވޭ"، "ހިނގާ ބުރެއް ޖަހާލަން ދާން"، މިފަދަ ލަފްޒުތައް ހިމެނެ އެވެ. ކުރިއަށް އޮތްތަނުގައި ވެސް، އުރީދޫ އިން ވައިބާގައި ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭ އިތުރު ސްޓިކާތައް ތައާރަފް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ އިން ހިލޭ ދޭން ފެށި އެހިދުމަތާ އެކު ގިނަ އަދަދެއްގެ ބަޔަކު ދަނީ މުއާމަލާތްތަކުގައި ދިވެހި ސްޓިކާ ފޮނުވަމުންނެވެ.

comment ކޮމެންޓް