ބްލިންކެމް: އެސްފިޔަ ޖަހާލުމުން ފޮޓޯ ނެގޭ އައިނެއް ގޮތަށް އަޅާލެވޭ ކެމެރާ!

ޖަޕާނުގެ ޓީމަކުން އުފެއްދި ބުލިންކެމް އެއް އައިނެއްގައި ހަރުކޮށްފައި ---

މުހިއްމު ފޮޓޯއެއް ނަގާލަން ބޭނުންވާ ވަގުތެއްގައި އަތުގައި ކެމެރާއެއް ނުވަތަ ފޯނެއް ގިނަ ފަހަރު ނޯވެ އެވެ. ނުވަތަ އުޅެވެނީ ކޮންމެ ވެސް ކަމެއްގައި ބުރަކޮށެވެ. އެ ވަގުތުގައި ލޮލުން އެސްފިޔަ ޖަހާލުމުން ފޮޓޯ ނެގޭނެ ގޮތެއް ވާނަމައޭ، މިއީ ވަރަށް ގިނަ ބަޔަކު ހިތަށްއަރާ އެއްޗެކެވެ.

ޖަޕާނުގެ ޓީމަކުން މިއަދު އެކަން މިވަނީ ހަގީގަތަކަށް ހަދާފަ އެވެ. ހާއްސަކޮށް އެ އީޖާދަކީ އައިނު އަޅާ މީހުންނަށް ކަމުދާނެ އެއްޗެކެވެ.

ބްލިންކެމްގެ ނަމުގައި ޖަޕާނުގެ ޓީމަކުން އުފެއްދި އެ ޑިވައިސް އަކީ އެސްފިޔަ ޖަހާލުމުން ފޮޓޯ ނެގޭ އައިނެއް ގޮތަށް އަޅާލެވޭ ކެމެރާއެކެވެ. ކެމެރާ އިންނަނީ އައިނުގެ ދުނިގަނޑުގައި ހަރުކޮށްފަ އެވެ.

ބްލިންކެމްގެ ޝަޓާ މަސައްކަތްކުރަނީ ގަސްތުގައި ބާރަށް ލޮލުގެ އެސްފިޔަ ޖެހުމުންނެވެ. އަދި އޭގައި އިންނަ ސެންސާ އިން ގުދުރަތީ ގޮތުން ޖެހޭ އިސްފިޔައާ ގަސްތުގައި އެސްފިޔަ ޖެހުން ދެނެ ގަންނާނެ އެވެ. އަދި އެގޮތުން ނަގާ ފޮޓޯތައް ކެމެރާގައި ހިމެނޭ ބްލޫޓޫތް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގުޅާލާފައިވާ ފޯނަކަށް ފޮނުވާލެވޭނެ އެވެ.

ބުލިންކެމްގައި ހިމެނޭ ކެމެރާގެ ކޮލެޓީގެ މައުލޫމާތު އަދި ލިބިފައިނުވި ނަމަވެސް، އެ ކެމެރާ އުފެއްދި ޓީމުން ބުނާގޮތުން ދުވެ ހަދާއިރު ވެސް އޭގެން ފޯކަސް ކޮށްލުމަށް ފަހު ފޮޓޯ ނެގޭނެ އެވެ.

އެ ޑިވައިސް އަށް ޖަޕާނުގެ ކްރައުޑްފަންޑިން ވެބްސައިޓަކުން މިހާތަނަށް ހަ މިލިއަން ޔެން (ގާތްގަނޑަކަށް 9400 އެމެރިކާ ޑޮލަރު) ލިބިފައިވާ އިރު، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކިކްސްޓާޓާ ކެމްޕެއިނެއް ޖައްސަން ވަނީ ނިންމާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޖަޕާނުގެ ޓީމަކުން އުފެއްދި އެ ޑިވައިސް އެންމެ ފުރަތަމަ ދައްކާލަން ނިންމާފައި ވަނީ ޓެކްނޮލޮޖީ އިންޑަސްޓްރީގެ ހަބަރުތައް ގެނެސްދޭ ޓެކްކުރަންޗުން މިއަހަރުގެ ސެޕްޓެމްބަރު މަހު ސެން ފްރެންސިސްކޯގައި ބާއްވާ ކޮންފަރެންސެއްގަ އެވެ.

އެ އުފެއްދުން އެމަޒަން ފަދަ އޮންލައިން ރީޓެއިލްތައް މެދުވެރިކޮށް އަންނަ އަހަރުގެ ކުރީކޮޅު ނެރެން ނިންމާފައިވާ އިރު، އެ ޑިވައިސްގެ އަގެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. (ސީނެޓް)

comment ކޮމެންޓް