ގާނޫނީ އޮނިގަނޑު ތަންފީޒުކުރުމަށް މަރުގެ އަދަބު ދޭންޖެހޭ: ރައީސް

ރިޔާސީ ބަޔާން ދެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނީ އޮނިގަނޑު ހަމަޖެހިފައި އޮތް ގޮތުން، މަރުގެ އަދަބު ތަންފީޒުކުރުމަކީ ރާއްޖޭގައި ކުރަން ޖެހިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަން ދުވަހަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ 12:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އަލުން މަރުގެ އަދަބު ތަންފީޒުކުރުމަށް ބައެއް ފަރާތްތަކުން އެކި ސަބަބާ ހުރެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ ބައެއް ގައުމުތަކުންނާއި އެހެެން ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރަނީ ރާއްޖޭގެ ފަނޑިޔާރުގެއާ މެދު ކަންބޮޑުވުންތަކެއް ހުރެގެން ކަމަށާއި، މަރުގެ މައްސަލައެއްގައި މަރުގެ ހުކުމް ލަސްކުރުމަށް ވާރިސުން އެދިފައިވުމަކީ ވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމެއް ކަމަށެވެ.

ނަމަވެސް ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނީ އޮނިގަނޑު ހަމަޖެހިފައި އޮތް ގޮތުން މިއީ ގައުމުގެ ވަލިއްޔުލް އަމުރުގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން ކަމަށެވެ.

"ދައުލަތް ހިންގުމުގެ ނިޒާމު މިހާރު އޮތްގޮތުން ޝަރުޢީ ދާއިރާއަކީ ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒު ނުފޯރާ މިނިވަން ބާރެއް. ސަރުކާރުން ޝަރުޢީ ދާއިރާ ތަރައްޤީކުރުމަށްޓަކާ ގެންގުޅޭ ސިޔާސަތަކީ، އެ ދާއިރާ ފުރިހަމަކުރުމުގެ ގޮތުން ތަނަވަސްކޮށްދެވެން ހުރި ހުރިހާ ވަސީލަތެއް ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

ގަސްދުގައި މީހަކު މަރާލުމުގެ މައްސަލަތަކުގައި އިސްލާމް ދީނުގައި ގާތިލަށް ކަނޑައެޅިފައިވާ ހުކުމަކީ މަރު ކަމުން، މަރުގެ އަދަބު ތަންފީޒުކުރުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެހެން ގައުމުތަކުގެ ދާޚިލީ މިނިވަންކަމަށް ރާއްޖެއިން އިހްތިރާމު ކުރާ ފަދައިން އެ ގައުމުތަކުން ރާއްޖޭގެ ދާޚިލީ މިނިވަންކަމަށް އިހްތިރާމު ކުރަން ޖެހޭނެ ކަމަށެވެ.

އަދި ރާއްޖޭގެ ދާޚިލީ ކަންކަމަށް ގައުމުތަކުން ވަންނަ ނަމަ، ހީނުކުރާ ވަރުގެ ބޮޑެތި ނުފޫޒުތަކަށް ރާއްޖެ ހުޅުވާލުމަށް ޖާގަ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭރުގެ ނުފޫޒު ރާއްޖޭގެ އަމިއްލަވަންތަކުގެ ތެރެއަށް ވައްދައި، އިސްލާމީ އުސޫލުތަކަށް އަމަލުކުރުން ހުއްޓުވުމަކީ މިވަގުތު އަމިއްލައަށް އަރުވައިލެވިގެން ބޭރުގެ ގައުމުތަކުގެ ހިމާޔަތް ހޯޑައިގެން ތިބި ބައެއް ދިވެހީން ރެޔާއި ދުވާލު ކުރަމުންދާ މަސައްކަތް ކަމަށެވެ.

"މިއަދުވެސް އަމިއްލައަށް އަރުވައިލެވިގެން ފަރަންޖީ ދައުލަތްތަކުގެ ހިމާޔަތް ހޯދައިގެން ދިވެހިންގެ ބަޔަކު ރެޔާދުވާލު ކުރާތީ ފެންނަނީ މި މަސައްކަތް. ރާއްޖޭގެ ޓުއަރިޒަމް ހުއްޓުވުން. ރާއްޖެއަށް ލިބޭ އިންވެސްޓުމެންޓުތަކާއި މާލީ އެހީތަކަށް ހުރަސްއެޅުން. ދިވެހި ރައްޔިތުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން. ރާއްޖޭގެ މިނިވަންކަމާ އަމިއްލަވަންތަކަމުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ވެއްދުން. އިސްލާމީ އުސޫލުތަކަށް ޢަމަލުކުރުން ހުއްޓުވުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ، އިނގިރޭސީންގެ އިސްތިއުމާރުންނާއި ވޯރާ ވިޔަފާރިވެރިންގެ ނުފޫޒުން ރާއްޖެއާއި ރާއްޖޭގެ އިގްތިސާދު، ރައީސް އިބްރާހިމް ނާސިރު މިނިވަން ކުރެއްވީ 21 ވަނަ ގަރުނުގައި އަލުން އެފަދަ ބާރުތަކުން ބަސްކިއުމަށް ޖާގަ ދެއްވުމަށްތޯ ސުވާލު އުފައްދަވައިފަ އެވެ.

comment ކޮމެންޓް