ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދޭންޖެހޭ: ދުންޔާ

ފޮރިން މިނިސްޓަރުގެ މަގާމުގައި ދުންޔާ ހުންނެވި އިރު މީޑިއާއަށް ދެއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ކޮއްކޮ ފާރިސް މައުމޫންގެ ޓުވީޓާ އެކައުންޓް ޓެގްކޮށް ދުންޔާ މިއަދު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވި އިރު، ނޫސްވެރިކަމަކީ ކުށެއް ނޫން ކަމަށް ބުނެ ހޭޝްޓެގެއް ކުރައްވާފައިވެ އެވެ.

މިމަހުގެ ކުރީކޮޅު ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމުން އިސްއިތުފާ ދެއްވި ދުންޔާ އެގޮތަށް ވިދާޅުވެފައި މިވަނީ، މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށް ދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އާ ބިލާ މެދު ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުށަހަޅަމުންދާ ދަނޑިވަޅެއްގަ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށަހެޅުއްވި އާ އަބުރުގެ ބިލުގައި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރި އިރު، ޕީޕީއެމް ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ އަބުރުގެ ބިލު ފާސްކުރާނެ ކަމަށެވެ.

ނަމަވެސް އެ ބިލު ފާސްކުރާނީ އަވަސް އަރުވާލައިގެން ނޫން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ފޮރިން މިނިސްޓަރުގެ މަގާމުން ދުންޔާ އިސްތިއުފާ ދެއްވީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން ކަމަށެވެ.

comment ކޮމެންޓް