ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިހަށް

ސަލްސާ ވީއޭއެމް ކަޕް ވޮލީބޯޅަ މުބާރާތް ޕޮލިހުން ކާމިޔާބް ކުރުމަށް ފަހު ޓްރޮފީއާ އެކު އުފާފާޅު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގައި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބު ތަށި ދިފާއުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ރޭ ކުޅުނު ފައިނަލް މެޗް ޕޮލިސް ކުލަބު ކާމިޔާބު ކުރީ ތިން ސެޓް އެއް ސެޓުންނެވެ.

ފުރަތަމަ ސެޓް ފޯރި ގަދަ ކުޅުމަކަށް ފަހު މޯލްޑިވިއަން އިން ކާމިޔާބު ކުރީ 24-26 އިންނެވެ. ޖެހިގެން އައި ތިން ސެޓްވެސް ވާދަވެރި ކުޅުމަކަށް ފަހު ކާމިޔާބު ކުރީ ޕޮލިސް ކުލަބެވެ. ދެ ވަނަ ސެޓް 25-20 ކާމިޔާބު ކުރި އިރު ތިން ވަނަ ސެޓް ކާމިޔާބު ކުރީ 26-24 ން ނެވެ. އަދި ފަހު ސެޓް ކާމިޔާބު ކުރީ 25-18 އިންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަކީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ. އޭނާ ވަނީ ޑްރީމް ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ. ޑްރީމް ޓީމުން ދެން ހިމެނުނު ކުޅުންތެރިންނަކީ ޕޮލިހުގެ ލީލާ ހާމިދު، ހައްވާ ސަހާ، ފާތިމަތު ޖޫޒަން، މުއީނާ ހަސަން އަދި މޯލްޑިވިއަންގެ އައިޝަތު މާޖިދާ އާއި އައިޝަތު ޝައްފަ އެވެ.

އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވުނީ ޕޮލިހުގެ މައުމޫރު މުހައްމަދެވެ. ނަވާރަ އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ޕޮލިހުގެ އައިމިނަތު ރިޔާޝާ ހޮވުނުއިރު 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮލިހުގެ އައިމިނަތު އަރީޝާ އެވެ. ފެއާޕްލޭ ޓީމަކަށް ޕޮލިސް ހޮވުނުއިރު ފެއާޕްލޭ ކުޅުންތެރިޔަކީ މޯލްޑިވިއަންގެ އައިޝަތު އިމްތިނާނެވެ.

comment ކޮމެންޓް