ދެއްކި ވާހަކަތަކާ ގުޅިގެން މަހުލޫފުގެ ވަކީލު ނާޒިމް ސަސްޕެންޑްކޮށްފި

މަހުލޫފުގެ ގާނޫނީ ވަކީލުންގެ ޓީމުން މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މަހުލޫފުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ނާޒިމް އަބްދުއް ސައްތާރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން މީޑިއާގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން މަހުލޫފުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ނާޒިމް އަބްދުއްސައްތާރު ސަސްޕެންޑްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު އެއްގުމެއްގައި ބުނީ، މިއަދުން ފެށިގެން ދައުލަތުން މަހުލޫފުގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަރާކުރުމަށް ދަތިކުރުމުގެ ދެ ވަނަ ދައުވާގެ މައްސަލައިގެ ވަކީލެއްގެ ހައިސިއްޔަތުން ނާޒިމު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ނާޒިމް ސަސްޕެންޑް ކޮށްފައި މިވަނީ މި މަހުގެ 21 ވަނަ ދުވަހު މީޑިއާއަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މަހުލޫފުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން އޭނާ ދެއްކެވި ވާހަކަތަކަކީ އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދިދާނެ ގޮތަކަށް އަމަލުކޮށް އާއްމު މީޑިއާ މެދުވެރިކޮށް އެ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައި ވާތީ ކަމަށް އެ ކޯޓުން ބުންޏެވެ.

މަހުލޫފުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތާ ގުޅިގެން އެ ދުވަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ނާޒިމް ވަނީ، އެ މައްސަލާގައި އިންސާފުގެ ހަމަތަކުން ބޭރު ކަންތައްތަކެއް ހުރިކަމާއި ޝަރީއަތުގައި މަހުލޫފުގެ ހައްގުތައް ނިގުޅައިގެންފައި ވަނީ އެއްވެސް ހަމައެއް ނެތިކަމަށް ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ޝަރީއަތް ގެންގޮސްފައިވާލެއް ހަލުވިކަމުގެ އިތުރުން އިންސާފުވެރި ޝަރީއަތެއްގައި ހުންނަން ޖެހޭ އެންމެ އަސާސީ ސިފަތަކަށް އިހްތިރާމް ކޮށްފައިނުވާ ކަމަށާއި މަހުލޫފުގެ ފަރާތުން އެކަށީގެންވާ ދިފާރު ތައްޔާރުކުރުމުގެ ހައްގަށް ހުރަސްއަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް