ބަންގްލަދޭޝްގައި ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ހަތަރު އަންހެނަކު ހައްޔަރުކޮށްފި

ބަންގްލަދޭޝްގެ ފުލުހުން

ދާކާ (ޖުލައި 25): ބަންގްލަދޭޝްގައި ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ޖަމާއަތަކަށް ނިސްބަތްވާ ކަމަށް ބެލެވޭ ޒުވާން ހަތަރު އަންހެނުން ހައްޔަރުކޮށްފިއެވެ.

ބަންގްލަދޭޝްގެ ފުލުހުން ބުނީ މި ހަތަރު އަންހެނުން ނިސްބަތްވާ ކަމަށް ޝައްކު ކުރެވެނީ ދާދިފަހުން ދާކާގެ ކެފޭ އަކަށް ޓެރަރިސްޓް ހަމަލާތަކެއްދީ ބާވީސް މީހުން މަރާލި ޖަމާއަތް ކަމަށްވާ "މުޖާހިދީން ބަންގްލަދޭޝް" ޖަމާއަތަށް ކަމަށެވެ. މިއީ އެޖަމާއަތުގެ ހަރުކަށި ފިކުރަށް ތަބާނުވާ ކޮންމެ މުސްލިމަކީ ކާފަރެއްކަމަށް ދައުވާކުރާ (ތަކްފީރީ ވިސްނުމުގެ) ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ. 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުތަކުގެ މި ހަތަރު އަންހެނުން ހައްޔަރު ކޮށްފައި ވަނީ ވެރިރަށް ދާކާގެ ސިރާޖްގާންގް ނަމަކަށް ކިޔާ ސަރަހައްދެއް ގައެވެ.

ބަންގްލަދޭޝްގެ ޒުވާން އަންހެނުންތަކެއް

ހައްޔަރުކުރުމަށްފަހު އެމީހުން ދިރުއުޅުނު ތަނާއި އެމީހުންގެ ދަބަސްތައް ފަދަ ތަކެތި ފާސްކުރިއިރު ބޮން ހެދުމަށް ބޭނުންކުރާ މާއްދާތަކާއި އާލާތްތަކުގެ އިތުރުން ޖިހާދުގެ ނަމުގައި އަމިއްލައަށް މަރުވެގެން (ހަށިގަނޑު ގޮއްވާލައިގެން) އާންމުން މެރުމަށް ހިއްވަރުދޭ ހަރުކަށި ފިކުރުގެ ފޮތްތައް ފެނިފައިވާކަމަށްވެސް ބަންގްލަދޭޝްގެ ފުލުހުންގެ އިނިސްޕެކްޓަރެއްކަމަށްވާ ސިރާޖުއްދީން އަހަމްދު ވިދާޅުވިއެވެ.

މުސްލިމުންނާ ދެކޮޅަށް ހަރަކާތްތެރިވާ ނުރައްކާތެރި ޓެރަރިސްޓް ދެ ޖަމާއަތް ކަމަށްވާ އަލްގާއިދާއާއި އައިއެސް ޖަމާއަތުން ގެންދަނީ އެ ދެ ޖަމާއަތުގެ ހަރުކަށި ފިކުރުތައް ބަންގްލަދޭޝްގެ ޒުވާނުންގެ މެދުގައި ހިއްޕާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށް އެގައުމުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

އަލްގާއިދާއާއި އައިއެސް ޖަމާއަތަކީ އިސްލާމީ އެތަށް ގައުމެއްގެ ޒުވާނުންގެ މެދުގައި ހައްދުފަހަނަޅާފައިވާ ފިކުރުތައް ފެތުރުމުގެ އިތުރުން އިސްލާމް ދީނުގައި އޮންނަ ޖިހާދުގެ މަތިވެރި މަފްހޫމްވެސް އޮޅުވާލައި ޖިހާދަކީ ބަދަލުހިފުމުގެ ރޫހުގައި ދޭ ޓެރަރިސްޓް ހަމަލާތަކެއްކަމަށް ހެދުމަށް މަސައްކަތް ކުރަމުން ގެންދާ ދެ ޖަމާއަތެވެ.

އިރާގާއި ސޫރިޔާއާއި ލީބިޔާއާއި ޔަމަނާއި ސޮމާލިޔާ އެ ދެ ޖަމާއަތުގެ ޓެރަރިސްޓް ހަމަލާތަކުގެ ޝިކާރައަކަށްވެ އެގައުމުތަކުގެ ރައްޔިތުން ހަލާކުވެ ފަނާވަމުންދާއިރު އެދެ ޖަމާއަތުން ގެންދަނީ މުޅި އިސްލާމީ ދުނިޔެއަށް ވެރިވެ ގަތުމަށްޓަކައި އެއް ޖަމާއަތް އަނެއް ޖަމާއަތާ ހަނގުރާމަ ކުރަމުންނެވެ.

މީގެއިތުރުން އައިއެސްއިން ވަނީ އަލްގާއިދާއަކީ ކާފަރުން ކަމަށް ސިފަކޮށް އެޖަމާއަތުގެ ހަނގުރާމަވެރިންގެ ލޭ ހުއްދަ ކޮށްފައެވެ. އަދި އަލްގާއިދާއިންވެސް ވަނީ އައިއެސް ޖަމާއަތަކީ ކާފަރުން ކަމަށް ސިފަކޮށް އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ލޭ ހުއްދަކޮށްފައެވެ.

މި ދެޖަމާއަތުގެ މަދު ހަމަލާތަކެއް ޔޫރަޕަށާއި އެމެރިކާއަށް އަމާޒު ކޮށްފައިވީނަމަވެސް މިދެ ޖަމާއަތުގެވެސް އަސްލު ލަނޑުދަނޑިއަކީ މުސްލިމުންނާއި އިސްލާމީ ގައުމުތަކެވެ. މިގޮތުން އިރާގާއި ލީބިޔާއާއި ޔަމަނާއި ސޫރިޔާގައި ކޮންމެ ދުވަހަކު ބޮންގޮއްވައި ކުށެއްނެތް އެތަށް މުސްލިމުންނެއް މަރަމުން ގެންދާއިރު މާތްވެގެންވާ މަދީނާގައި އަލްމަސްޖިދުއް ނަބަވީ ގެ ކައިރިއަށްވެސް ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފައެވެ. އެހަމަލާގެ ފަހަތުގައިވާކަމަށްވެސް ޝައްކު ކުރެވިފައިވަނީ އައިއެސް ޖަމާއަތެވެ.

ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ ކެފޭ އަކަށް ދާދިފަހުން ޓެރަރިސްޓް ހަމަލާތަކެއްދީ ބާވީސް މީހުން މަރާލި "މުޖާހިދީން ބަންގްލަދޭޝް" ޖަމާއަތަކީވެސް އައިއެސްއާއި އަލްގާއިދާއިން ގެންގުޅޭ ތަކްފީރީ ވިސްނުމުގެ ޖަމާއަތެއްކަމަށާއި ނަމަވެސް އެއީ އައިއެސްގެވެސް އަދި އަލްގާއިދާގެވެސް ގޮތްޕެއް ނޫންކަމަށް ބަންގްލަދޭޝް އިން ބުނެއެވެ.

އައިއެސް ޖަމާއަތް އުފެދިގެން ދިޔައީ އެމެރިކާ ސިފައިން އިރާގަށް އަރައިގަނެ ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށްފަހު ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ބަދަލު ހިފުމުގެ ރޫޙެއްގައެވެ. އައިއެސްފަދަ ތަކްފީރީ ވިސްނުމުގެ ޖަމާއަތްތަކުން ޕްރޮމޯޓް ކުރަނީ އިސްލާމްދީނުގައިވާ ތަސާމުހާއި ރިވެތި އަޚްލާގާއި އޯގާތެރިކަމާއި ކުލުނާއި އަޅާލުމުގެ ރިވެތި ތަހުޒީބީ ސިފަތަކުގެ ބަދަލުގައި އަނިޔާވެރިކަމާއި މީހުން ކަތިލައި ބޯބުރިކުރުމާއި އަސީރުން އަލިފާނަށް ލައިގެން އެންދުންފަދަ ބަދަލު ހިފުމުގެ އަމަލުތަކެވެ.

އެމެރިކާ ސިފައިން އިރާގާއި އަފްޣާނިސްތާނުގައި ހިންގި ޖަރީމާތަކުގައި އެދެގައުމުގެ މިލިޔަނަކަށްވުރެ ގިނަމީހުން މަރާލައި އެދެ ގައުމުވަނީ ޓެރަރިޒަމްގެ ހާލިތަކަށް ހަދާފައެވެ.

ބަންގްލަދޭޝްގައި މިދިޔަ އަހަރާއި މިއަހަރު ދިން އެކިބާވަތުގެ ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާއަތާއި އަލްގާއިދާއިންނެވެ. ނަމަވެސް ބަންގްލަދޭޝްގެ ސަރުކާރުން ބުނެފައިވަނީ އެ ހަމަލާ ތަކުގެ ފަހަތުގައިވަނީ އެދެޖަމާއަތުގެ ހަރުކަށި ފިކުރުތަކުގެ ދަލުގައި ޖެހިފައިވާ ލޯކަލް ގޭންގް ތަކެއް ކަމުގައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް