އެއާ ކޮމްޕްރެސާއެއް ބޭނުންކޮށްގެން ބަނގުލަދޭޝްގައި އަނެއްކާ ވެސް ކުޑަކުއްޖަކު މަރާލައިފި

މިދިޔަ އަހަރު މަރާލި ކުޑަކުއްޖެއް ކަމަށްވާ ސާމިއުލް އަލަމް ރާޖޮންއަށް އިންސާފު ހޯދާ ދިނުމަށް އެދި މުޒާހަރާ ކުރަނީ -- ފޮޓޯ: އޭއެފްޕީ

ޑާކާ (ޖުލައި 25): ބަނގުލަދޭޝްގެ ފޮތި ފެކްޓަރީއެއްގައި މަސައްކަތް ކުރަމުން ދިޔަ 10 އަހަރުގެ ކުއްޖެއްގެ ފުރަގަސްފަރާތަށް އެއާ ކޮމްޕްރެސާއެއްގެ ނޮޒުލް ވެއްދުމަށް ފަހު އެކްޓީވޭޓް ކުރުމުން އެކުއްޖާ މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ސަގަރު ބަރުމާން ކިޔާ އެ ކުއްޖާ އަށް އަނިޔާކޮށްފައި ވަނީ އެ ފެކްޓަރީގައި މަސައްކަތް ކުރާ ބަޔެކެވެ. ނަމަވެސް ކުޑަކުއްޖާއަށް އަނިޔާ ކުރި ސަބަބު އަދި ނޭނގޭ ކަމަށާއި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބަނގުލަދޭޝްގެ ފުލުހުން ބުންޏެވެ.

މިދިޔަ އަހަރު ވެސް ބަނގުލަދޭޝްގެ ބަޔަކު ވަނީ ހަމަ އެގޮތަށް ކުޑަކުއްޖަކު މަރާލައިފަ އެވެ. ތޭރަ އަހަރުގެ އެ ކުއްޖާގެ ހަށިގަނޑު ތެރެއަށް ވައިޖަހައިގެން ކުއްޖާ މަރާލީ އޭނާ ވަޒީފާ އިން ވަކިވުމުގެ ސަބަބުންނެވެ. އެ ކުއްޖާގެ މަރާ ގުޅިގެން ބަނގުލަދޭޝް އިން ވަނީ ދެމީހެއް މައްޗަށް މަރުގެ ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ތެރޭގައި ބަނގުލަދޭޝްގެ އެހެން ކުޑަކުއްޖެއް ކަމަށްވާ ސާމިއުލް އަލަމް ރާޖޮންއަށް އަނިޔާ ކޮށްގެން މަރާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. ރާޖޮންގެ މަރާ ގުޅިގެން ބަނގުލަދޭޝް އިން ވަނީ ހަތަރު މީހެއްގެ މައްޗަށް މަރުގެ ހުކުމްކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް