އެއާޕޯޓު ތަރައްގީ ކުރަން ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައި ދެއްވައިފި

އާ ރަންވޭ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ގޮތުން އެއާޕޯޓަށް ބިން އިތުރު ކުރަނީ -- ސަން ފޮޓޯ/ ޝަރުވާން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫގެ ތެރެއިން އާ ރަންވޭ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.

އެ މަޝްރޫގެ ދަށުން 3400 މީޓަރު ދިގު، 60 މީޓަރު ފުޅާ ރަންވޭއެއް ހަދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެއާޕޯޓްސް ކޮމްޕެނީ އިން ވަނީ ބުނެފަ އެވެ. އަދި 120000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލްފާމެއް ވެސް ހަދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ މަޝްރޫގެ ދަށުން ގާތްގަނޑަކަށް 60 ހެކްޓަރުގެ ބިން ހިއްކާ އިރު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ. އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއަކީ މިހާތަނަށް ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރާ އެއް މަޝްރޫއު އެވެ. އެގޮތުން އެ މަޝްރޫ އަށް 800 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރެ އެވެ.

މަޝްރޫއާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތާއި ޝީޓްޕައިލް ކުރުމާއި ބިން އެއްވަރުކުރުމުގެ މަސައްކަތްތައް އެއްކޮށް ނިންމަން ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ނަގާނެ ކަމަށެވެ.

"އެހެންނޫނީ ހިންގާ ބިން ހިއްކުމުގެ މަޝްރޫތަކާ ތަފާތު މަސައްކަތެއް މިއީ. މި އަޅަނީ ކޯޑް އެފް ރަންވޭއެއް. ކޯޑް އެފް ރަންވޭއެއްގައި ދުނިޔޭގެ އެކި ތަންތާ ބޭނުންކުރަމުން އަންނަ އޭ 380 ސައިޒުގެ މަތިންދާބޯޓު ޖެއްސޭވަރުގެ ސުޓްރެންތު ހުންނަން ޖެހޭ. އެހެންވީމަ މުސްތަގުބަލުގައި ވަކި ހިސާބަކުން ރަންވޭ ބޭނުންކުރުން ނުހުއްޓޭވަރުގެ ފެންވަރެއްގައި މިތަން ގެންނަން އަޅުގަނޑުމެން ބޭނުންވަނީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އާ ރަންވޭ އެޅުމަށް ވަނީ ހުޅުމާލެ ފަޅަށް ވަންނަން ކުރިން ބޭނުން ކުރި ނެރު ބަންދުކޮށް އެހެން ނެރެއްވެސް ބޭނުންކުރަން ފަށައިފަ އެވެ. ސައީދު ވިދާޅުވީ އާ ރަންވޭގެ ކޮޅު ހުޅުމާލެ އަށް ވަނުމަށް ކުރިން ބޭނުންކުރަމުން އައި ނެރާ ހަމައަށްދާނެ ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އައިއެންއައިއޭ ތަރައްގީކުރަން ހިންގާ މަޝްރޫއު ނިމޭ އިރު އެއީ ސަރަހައްދުގައި ފާހަގަކޮށްލެވޭ އެއާޕޯޓަކަށް ވާނެ ކަމަށާއި އުންމީދަކީ 2018 ގެ ކުރިއަށް މަޝްރޫ އެއްކޮށް ނިންމާލުން ކަމަށެވެ.

comment ކޮމެންޓް