ސީރިއާގެ ރެފިއުޖީއަކު ޖަރުމަނުގައި ބޮމުގެ ހަމަލާއެއް ދީފި

ޖަރުމަނުގެ އަންސްބަކް ސިޓީގައި ބޮމުގެ ހަަމަލާ ދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އީޕީއޭ

ބާލިން (ޖުލައި 25): ޖަރުމަންވިލާތުން ހިމާޔަތް ހޯދުމަށް މަސައްކަތް ކުރުމުން އެކަން ނާކާމިޔާބުވި ސީރިއާގެ ރައްޔިތަކު ޖަރުމަނުގައި ޖާނުން ފިދާވެގެން ބޮމުގެ ހަމަލާއެއް ދީފި އެވެ.

ޖަރުމަނުވިލާތުގެ ބާވޭރިއާ ސްޓޭޓުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި 27 އަހަރުގެ ސީރިއާ ރައްޔިތަކު އެހަމަލާ ދިނީ އަންސްބަކް ސިޓީގައި އޮތް މިއުޒިކް ފެސްޓިވަލެއް ކައިރީ އެވެ. އެހަމަލާގައި 12 މީހަކަށް އަނިޔާވެފައިވާ އިރު އޭގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

ާބާވޭރިއާގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އިއްޔެ ހަމަލާ ދިން މީހާ ޖަރުމަންވިލާތުން ހިމާޔަތް ހޯދުމަށް އެގައުމަށް ގޮސްފައި ވަނީ މީގެ ދެއަހަރު ކުރިންނެވެ. އަދި އެގައުމުން އޭނާއަށް ހިމާޔަތް ލިބޭ ގޮތް ނުވި ނަމަވެސް، ސީރިއާގެ ހާލަތު މިހާރު އޮތް ގޮތުން ޖަރުމަނު ސަރުކާރުން ވަނީ އޭނާއަށް އެގައުމުގައި ހުރުމަށް ވަގުތީ ހުއްދައެއްދީ، އޭނާއަށް އެޕާޓްމެންޓެއް ހޯދައި ދީފައި ކަމަށް އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ހަމަލާ ދިން މީހާ ވަނީ މީގެ ކުރިންވެސް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފަ އެވެ.

"އޭނާ ބޭނުންވީ އަމިއްލައަށް މަރުވާން ކަމެއް ނުވަތަ އެހެން މީހުންވެސް މަރަން އޭނާ ރޭވިކަން އަދި އަޅުގަނޑުމެންނަށް ޔަގީނެއް ނޫން،" އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ހަމަލާދިން މީހާގެ ދަބަހުގައި ގިނަ އަދަދެއްގެ މީހުން މަރާލެވޭނެ ވަރަށް ގޮވާ ތަކެތި ހުރި ކަމަށްވެސް މިނިސްޓްރީން ހަމާ ކުރި އެވެ.

އަންސްބަކްގައި އިއްޔެ ދިން ހަމަލާއަކީ ބާވޭރިއާ ސްޓޭޓަށް ހަފްތާއެއްހާ ދުވަސްތެރޭ ދިން ތިން ވަނަ ހަމަލާ އެވެ. މިދިޔަ ހުކުރު ދުވަހު މިއުނިކުގެ ޝޮޕިން މޯލްއެއްގައި 18 އަހަރުގެ ޒުވާނަކު ވަނީ ބަޑިން ހަމަލާދީ ނުވަ މީހަކު މަރާލާފަ އެވެ. އަދި މިދިޔަ ހަފްތާ ތެރޭގައި އަފްގާނިސްތާނުގެ ރެފިއުޖީ ކުއްޖަކު ވަނީ ކޯރާޑިއަކާއި ވަޅިއެއް ބޭނުންކޮށްގެން ވާޒްބާގް ސިޓީގެ ރޭލެއްގެ ތެރޭގައި ތިބި ފަސް މީހަކަށް ހަމަލާ ދީފަ އެވެ. (ބީބީސީ)

comment ކޮމެންޓް