"ޕަދްމާވަތީ"ގައި ދީޕިކާގެ ފިރިމީހާގެ ރޯލަށް ފަވާދު؟

ދީޕިކާ ޕަދުކޯން އަދި ފަވާދު ޚާން އެކުގައި ފެނުމަކީ ވަރަށް ގިނަ ބައެއްގެ އިންތިޒާރެކެވެ. ޚުދު ފަވާދު އަދި ދީޕިކާ ވެސް ވަނީ އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އެ އިންތިޒާރަށް ފޮނި ނިމުމެއް އަންނަން އުޅޭ ކަމަށް މިހާރު މިވަނީ ބެލެވެން ފަށައިފަ އެވެ. އެއީ ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ޕަދްމާވަތީ" އިން ދެ ތަރިން އެކުގައި ފެނިގެންދާނެ ކަމުގެ ސިގްނަލްތަކެއް ލިބިފައިވާތީ އެވެ.

ބޮލީވުޑް ރިޕޯޓުތައް ބުނާ ގޮތުން، "ޕަދްމާވަތީ"ގައި ދީޕިކާގެ ފިރިމީހާ، ރާވަލް ރަތަން ސިންގގެ ރޯލަށް ފަވާދު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އަދި ފިލްމުގެ ކަންކަން ނިންމުމަށް ދެ ހަފްތާ ވަންދެން ފަވާދު މުމްބާއީގައި މަޑުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެ ފިލްމުގައި ލީޑު އެކްޓަރުންގެ ގޮތުގައި ފެނިގެންދާނީ ދީޕިކާ އަދި ރަންވީރު ސިންގް އެވެ. އެ ފިލްމުގައި ރަންވީރު އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ. އަދި ފިލްމު ބިނާވެފައި ވާނީ ޕަދްމާވަތީ އާއި ޚިލްޖީގެ މައްޗަށެވެ.

ރާވަލް ރަތަން ސިންގްގެ ރޯލު، ޝާހުރުކް ޚާން އާއި ޝާހިދު ކަޕޫރު އަދި އަލީ ޒަފަރު އަށް ވެސް ހުށަހެޅި ކަމަށްވެ އެވެ. ނަމަވެސް ސަޕޯޓިންގް ރޯލަކުން ފެންނަން ބޭނުން ނުވާތީ އެ ތަރިން ފިލްމަށް އެއްބަސްނުވީ އެވެ.

comment ކޮމެންޓް