ރަޖްނީކާންތުގެ "ކަބާލީ" އިން ޝާހު އަދި ސަލްމާންގެ ރެކޯޑު މުގުރާލައިފި

ރަޖްނީކާންތުގެ ޓަމިލް ފިލްމު، "ކަބާލީ" ގެ ޕޯސްޓަރެއް. ބޮޑު އާމްދަނީ އަކާއެކު އެ ފިލްމުން މިހާރުވެސް ވަނީ ގިނަ ރެކޯޑުތަކެއް މުގުރާލާފައި ---

ޓެމިލް އަދި ބޮލީވުޑްގައި މަޝްހޫރުކަން ހޯދާފައިވާ ރަޖްނީކާންތުގެ އެންމެ ފަހުގެ ޓެމިލް ފިލްމު، "ކަބާލީ" ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން، އެ ފިލްމުގެ ޓީޒާ ވެސް ވަނީ އެންމެ ގިނަ ބަޔަކު ބެލި ޓީޒާގެ ޝަރަފު ހޯދައިފަ އެވެ.

ފިލްމު ރިލީޒްކުރިތާ ހަފްތާއެއް ނުވަނީސް އެ ފިލްމުން މި ވަނީ ބޮލީވުޑުގެ ރެކޯޑުތަކެއް މުގުރާލާފަ އެވެ.

އެ ފިލްމަށް މިހާތަނަށް 250 ކުރޯޑު ރުޕީޒް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފިލްމު ރިލީޒްކުރި ދުވަހު އެ ފިލްމަށް ވަނީ 48 ކުރޯޑު ރުޕީޒް ލިބިފަ އެވެ. އެއާއެކު އެ ފިލްމު ވެގެންގޮސްފައި ވަނީ އިންޑިއާގައި މިހާތަނަށް ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ އެއް ހޯދި ފިލްމަށެވެ.

"ކަބާލީ" އިން އެ މަގާމު ހޯދީ 2014 ވަނަ އަހަރު ނުކުތް ޝާހު ރުކް ޚާންގެ "ހެޕީ ނިއު އިޔަރ" އާއި ސަލްމާން ހާންގެ "ޕްރޭމް ރަތަން ދަންޕަޔޯ" އަދި "ސުލްތާން" ވެސް ފަހަތަށް ޖައްސާލުމަށްފަހު އެވެ.

"ކަބާލީ" އަށް އެހާބޮޑު އާމްދަނީއެއް ލިބިފައި ވަނީ ތިން ބަހަކުން ފިލްމު ރިލީޒް ކުރުމުން ކަމަށް ބެލެވެ އެވެ. އެ ފިލްމު ވަނީ ޓެމިލް، ތެލުގޫ އަދި ހިންދީ ބަހުން ރިލީޒް ކޮށްފަ އެވެ.

އޭގެ އިތުރުން އެ ފިލްމުން ވަނީ ފިލްމު ރިލީޒްކުރި ދުވަހު އެންމެ ގިނަ ބަޔަކު ބެލި ފިލްމުގެ ރެކޯޑު ވެސް ހޯދައިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން 12،000 އަށް ވުރެ ގިނަ ސިނަމާގައި ފިލްމު ވަނީ އަޅުވާފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ 480 ސިނަމާ އަކާއި، މެލޭޝިޔާގެ 490 ސިނަމާ އަދި ގަލްފު ސަރަހައްދުގެ 500 ސިނަމާ ހިމެނެ އެވެ.

ފިލްމަށް ފުރަތަމަ ހަފްތާގައި ބޮޑު އާމްދަނީ އެއް ލިބުނު ނަމަވެސް، ފިލްމުގެ ރިވިއުތައް މާ ރަނގަޅެއް ނޫނެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ފިލްމުގެ ވިޔަފާރި ދަށްވާނެ ކަމަށް އެނަލިސްޓުން ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް