ދަރިވަރުންނަށް އެކްޓިން ކިޔަވައިދޭން ޝާހިދު ކަޕޫރަށް އެތައް ހުށަހެޅުމެއް

ފިލްމު، "ޕާތުޝާލާ" ގެ މަންޒަރެއްގައި ޝާހިދު ކަޕޫރު: ފިލްމު އިންސްޓިޓިއުޓްތަކުގައި ދަރިވަރުންނަށް އެކްޓިން ކިޔަވައިދޭން އޭނާއަށް ދަނީ ހުށަހެޅުންތައް އަންނަމުން ---

އެކްޓިންއާ ގުޅޭ ވޯކްޝޮޕްތަކެއް ދަރިވަރުންނަށް ހިންގައިދިނުމަށް އެދި އެތައް ތައުލީމީ އިންސްޓިޓިއުޓްތަކަކުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު، ޝާހިދު ކަޕޫރަށް ހުށަހަޅައިފި އެވެ.

ޝާހިދުގެ ތަރުޖަމާން ބުނީ، އެކްޓިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް އެކްޓިންއާ ގުޅޭ ލެކްޗާތަކެއް ދިނުމަށް ބައެއް ކޮލެޖް ތަކުން އޭނާއަށް ގުޅަމުންދާ ކަމަށެވެ.

"ޝާހިދު ކުޅޭ ތަފާތު ރޯލުތައް ކުޅުމުގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކޮށްދިނުމަށް އެދި ފިލްމު އިންސްޓިޓިއުޓްތަކުން ޝާހިދު ގާތު އަންނަނީ ބުނަމުން. އެ ލެކްޗާތައް ވާނީ އެކްޓަރުންނަށް ވާންތިބި ދަރިވަރުންނަށް ވަރަށް މުހިއްމު އެއްޗަކަށް،" ޝާހިދުގެ ތަރުޖަމާން ބުންޏެވެ.

ތަރުޖަމާން ބުނީ، އެކްޓު ކުރުމުގައި ލިބިފައިވާ ތަޖުރިބާއާ ފަންނު ހިއްސާކުރަން ޝާހިދު ބޭނުންވި ނަމަވެސް، އެކްޓުކުރުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވެފައި ތިބި ދަރިވަރުންނަށް އެއްޗެއް ކިޔަވައިދޭން އޭނާއަށް ވަގުތު ދެވޭނެ ކަމާމެދު އަދި ޝާހިދު ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ޝާހިދުގެ އަންހެނުން މީރާ ކަޕޫރު އަންނަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ވިހަން ތައްޔާރުވަމުންދާއިރު، މިދިޔަ ޖޫން މަހު މީޑިއާތަކަށް ޝާހިދު ދިން އިންޓަވިއުއެއްގައި އޭނާ ވަނީ މަސައްކަތުން ޗުއްޓީއެއް ނެގުމަށްފަހު މީރާ ގާތު ހުންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޝާހިދު ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން 2009 ވަނަ އަހަރު ރިލީޒްކުރި ފިލްމު، "ކަމީނޭ" އާއި 2014 ވަނަ އަހަރު ނެރުނު "ހައިދަރު" އަދި އެންމެ ފަހުގެ ފިލްމު "އުޅްތާ ޕަންޖާބު"ގައި ދައްކާފައިވާ ތަފާތު ހުނަރުން އޭނާ އަށް އެތައް ބައެއްގެ ތައުރީފު ދަނީ އަންނަމުންނެވެ. (ހިންދުންސްތާންޓައިމްސް)

comment ކޮމެންޓް