ބޮޑެތި ކަންބޮޑުވުންތަކެއް ބިލުގައި އެބަ ހުރި، އިސްކުރާނީ މަޝްވަރާ: އެމްއެމްސީ

މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) އަދި އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފު ނަފީސް-- ސަން ފައިލް ފޮޓޯ

އަބުރު ރައްކާތެރިކޮށް ދިނުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް އަލަށް ހުށަހަޅާފައިވާ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެކަންތައްތައް ހައްލު ކުރަން މަޝްވަރާ އިސްކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

މީޑިއާ ކައުންސިލްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލުގެ ރައީސް މުހައްމަދު އާސިފު (މޮންދު) ވިދާޅުވީ، ދެވަނަ ފަހަރަށް އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅިއިރު ކުދިކުދި ބަދަލުތައް ބިލަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް މީޑިއާ ކައުންސިލުން ގެންނަން ބުނި މުހިންމު އިސްލާހުތައް އަލުން ހުށަހެޅި ބިލުގައި ނެތް ކަމަށް މޮންދު ވިދާޅުވި އެވެ.

"އެ ބިލު ދެވަނަ ފަހަރަށް ހުށަހެޅުނުއިރު އަޅުގަނޑުމެން އޭރު (އެންމެ ފުރަތަމަ އަބުރުގެ ބިލު ހުށަހެޅިއިރު) އެދުނު ކަންކަމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް އައިސްފައި ނުވާކަން އަޅުގަނޑުމެން ފާހަގަކުރަން،" މޮންދު ވިދާޅުވި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުންނާއެކު މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ބޭއްވި މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޮންދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާހު ހުސައިން މަނިކު މަޖިލީހަށް ފުރަތަމަ ހުށަހެޅުއްވި އަބުރުގެ ބިލުގައި ހުރި ކަންބޮޑުވުންތައް ކަމާ ގުޅޭ އިދާރާތަކާއި ކަމާ ބެހޭ ފަރާތްތަކާއެކު ވެސް މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް އެކަން ކަމަށް ހައްލެއް ނުލިބި ވަނިކޮށް ދެ ވަނަ ފަހަރަށް އެ ބިލު ހުށަހެޅިގެން ދިއުމުން އެކަމާ ހިތާމަކުރައްވާ ކަމަށް މޮންދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަދިވެސް ބިލަށް ބަދަލުތައް ގެނެވެން އެބަ އޮތް ކަމަށެވެ.

"މަޝްވަރާ ކުރެވިދާނެ ދެއްތޯ އަދިވެސް. އަޅުގަނޑުމެން ބޭނުމެއް ނުވޭ މާ ބޮޑަށް ހަރުކަށި ވާކަށް. ބިލާ ގުޅޭ ގޮތުން ކުރިންވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. އަދިވެސް އަޅުގަނޑުމެން ބޭނުން ވަނީ މަޝްވަރާކޮށްގެން މިކަމަށް ހައްލެއް ގެންނަން،" މޮންދުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އެމްއެމްސީގެ ފަރާތުން އަބުރުގެ ބިލު ދިރާސާކުރި ކޮމެޓީގެ މެމްބަރު އަހުމަދު ހަމްދޫނު ވިދާޅުވީ އަބުރުގެ ބިލު ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވި މެމްބަރު ނިހާނާ އެކު ބޭއްވެވި ބައްދަލުވުމުގައި ބިލު ދެވަނަ ފަހަރަށް ހުށަހަޅުއްވާއިރު އެ ބިލު އެކުލަވާލުމުގައި މީޑިއާ ކައުންސިލުގެ އެއްބާރުލުން އެކަމުގައި ދިނުމަށް ނިހާނު އެދިވަޑައިގެންނެވި ކަމަށެވެ. އަދި ބިލު ދެވަނަ ފަހަރަށް ފަރުމާ ކުރާއިރު އެ ކައުންސިލުގެ މަޝްވަރާއާ އެކު ނޫން ގޮތަކަށް ބިލުގެ މަސައްކަތް ކުރިއަށް ނުގެންދަވާނެ ކަމަށް ނިހާނު ވިދާޅުވެފައިވާ ކަމަށް ހަމްދޫން ވިދާޅުވި އެވެ.

ހިމޭން ހިގާލުމުގެ ނަމުގައި ނޫސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ނިހާނު އޭރު ބިލާ ގުޅޭގޮތުން އަޅުގަނޑުމެން ކައުންސިލަށް ދެއްވި ކޮމިޓުމަންޓާއި ހިލާފަށް، އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާއެއް ނެތި އާ ބިލެއް މަޖިލީހަށް މި އައީ. ދެން މި ބިލު އައި އިރުގައި އެބަހުރި އަޅުގަނޑުމެން އޭރު ޖޫރިމަނާ ކުޑަކުރަން ހުށަހެޅި އަދަދާ ގާތަށް ވެސް ކުޑަކޮށްފައެއް ނެތް،" ހަމްދޫން ވިދާޅުވި އެވެ.

މީޑިއާ ކައުންސިލުން ބުނީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތަކެއް އަބުރުގެ ބިލުން ގެއްލޭކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބިލުގައިވާ ޖިނާއީ ބައިތައް އުނިކޮށް އަބުރާ ބެހުމަކީ މަދަނީ މައްސަލައެއްގެ ގޮތަށް ބަދަކުރަންޖެހޭ ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.

އަބުރާ ބެހުމުގެ ބިލު ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅިގެން ދިޔައިރު ހަގީގަތާ ހިލާފު ދޮގު ވާހަކަތަކަށް ބިނާކޮށް، ހިޔާލުފާޅުކުރުމުންނާއި މީހެއްގެ އަބުރަށް އަރައިގަތުމުން 50،000 ރުފިޔާއާ 2،000،000 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

comment ކޮމެންޓް