އެފްއެސްއެމާއެކު މުވައްޒަފުންގެ ސްކީމުގައި ބައިވެރިވި އިދާރާތަކުގެ އަދަދު 29އަށް

އެފްއެސްއެމް އިން "މުވައްޒަފުންގެ ސްކީމް"ގައި ބައިވެރިވުމަށް ހައްޖު ކޯޕަރޭޝަނާއެކު އެއްބަސްވުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިޙްތިޝާމް މުޙައްމަދު

ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސްކީމް"ގައި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ބައިވެރިވެއްޖެ އެވެ.

މިއަދު މެންދުރު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްއެސްއެމުން ވަނީ އެ ސްކީމުގައި ބައިވެރިވުމަށް ހައްޖު ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެފްއެސްއެމާއެކު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ބޯޑް ޑިރެކްޓަރު މުހައްމަދު ރިޒާ އެވެ. އެފްއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ވާފިރެވެ.

އެފްއެސްއެމް އަކީ ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމުގައި ބައިވެރިވި 29 ފަރާތެވެ.

ރަސްމިއްޔާތަށްފަހު 'ސަން' އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މުހައްމަދު ރިޒާ ވިދާޅުވީ، ވަކި އަތޮޅުތަކަށް ޒިޔާރަތްކޮށް އެ ސްކީމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގަން ކައުންސިލްތަކާއެކު ސޮއި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

“އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރު ނިމެންވާއިރަށް ދިހަހާސް މުވައްޒަފުން މި ސްކީމްގައި ބައިވެރި ވެގެން ދިއުން. މިއަހަރު ނިމެންވާ އިރަށް އެޓާގެޓާ ހަމައަށް އަޅުގަނޑުމެންނަށް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެފްއެސްއެމް އިން ވަނީ ހައްޖުވެރިންގެ ދަބަސްތަކަށް ސްޕޮންސާގެ ގޮތުގައި 50،000 (ފަންސާސް ހާސް) ރުފިޔާ ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.

އެފްއެސްއެމް އިން ހައްޖުވެރިންގެ ދަބަސްތައް ސްޕޮންސާ ކުރުމަށް ހައްޖު ކޯޕަރޭޝަނަށް ފައިސާގެ ޗެކެއް ހަވާލުކުރަނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުޙައްމަދު

މުވައްޒަފުންގެ ސްކީމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން އެދިގެން ކޮންމެ މަހަކު އެ މުވައްޒަފެއްގެ މުސާރަ އިން، އެ މުވައްޒަފަކު ކަނޑައަޅާ ވަކި ވަރެއް ކަނޑައިގެން ހައްޖަށް ނުވަތަ އުމްރާއަށް ގެންގޮސްދިނުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ސްކީމެކެވެ. އަދި ސްކީމުގައި މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

comment ކޮމެންޓް