ފަރްހާދާއި ރިލޭ ވިކްޓަރީއަށް ސޮއި ކޮށްފި

ރިލޭ(ކ) އަދި ފަރޭ ދެން ފެންނާނީ ވިކްޓަރީގެ ފެހި ޖާޒީގައި --- ސަން ފޮޓޯ: ފަޔާޒް މޫސާ

މި ސީޒަނުގައި ނިއު ރޭޑިންޓްއާ ގުޅުނު މިޑްފީލްޑަރ ފަރްހާދު އިސްމާއިލް (ފަރޭ) އަދި ވައިސް ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ވިކްޓަރީ ސްޕޯޓްސް ކުލަބަށް ސޮއިކޮށްފި އެވެ.

ސަލްސާ ރޯޔަލް ރެސްޓޯރެންޓްގައި މިއަދު އޮތް ހަފްލާއެއްގައި ފަރޭ ވިކްޓަރީއާ ގުޅުނު އިރު އޭނާ ސީޒަން ފެށީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނިއު ރޭޑިއަންޓުންނެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ފަރާ ވިކްޓަރީއާ ގުޅުނީ އޭނާގެ އެދުމުގެ މަތިން ނިއު އިން ރިލީސް ކޮށްދިނުމުންނެވެ.

މީގެ ކުރިން ގައުމީ ޓީމަށް ވެސް ކުޅުނު ފަރޭ ވަނީ ވިކްޓަރީ އާއި ވެލެންސިއާ އަދި ވީބީ އަށް ވެސް ކުޅެ 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު ނިއު އަށް ކުޅެފަ އެވެ. މިދިޔަ އަހަރު އޭނާ ނިއު ބަދަލުވީ މާޒިޔާ އަށް ކުޅުމަށް ފަހުއެވެ.

ފަރޭގެ އިތުރުން ވޭތުވެދިޔަ ތިން އަހަރު ނިއު އަށް ކުޅުނު ރިލޭ ވެސް މި ވަނީ މި ސީޒަނުގެ ބައިކީބައި ވިކްޓަރީ އަށް ކުޅުމަށް އެއްބަސްވެފައެވެ. ނިއު އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިއަހަރުގެ މޭމަހު 25 ވަނަ ދުވަހު ޓީމްގެ ހުރިހާ ހަރަކާތްތަކަކުން ރިލޭ ހުރީ ސަސްޕެންޑް ކޮށްފައެވެ.

ރިލޭގެ ކުޅުން އެންމެ ފުރަތަމަ ފާހަގަ ވެފައި ވަނީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލްގެ ޓީމުންނާއި ފަހުން ދަރުމަވަންތަ ސްކޫލްގެ ޓީމުންނެވެ.

ރިލޭ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފަށާފައި ވަނީ ކުލަބު ވެލެންސިއާއިންނެވެ. އެގޮތުން އޭނާ ވަނީ 2006 އިން 2011 ވަނަ އަހަރުގެ ނިޔަލަށް ވެލެންސިއާގައި ހޭދަކޮށްފަ އެވެ. 2012 ވަނަ އަހަރު ވިކްޓްރިއަށް ބަދަލުވުމަށްފަހު 2013 ވަނަ އަހަރު އޭނާ ބަދަލުވީ ނިއުރޭޑިއަންޓަށެވެ.

comment ކޮމެންޓް