ކުޅުދުއްފުށީގައި ހައިޑްރޮޕޯނިކްސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ދަސްކޮށްދެނީ

ހައިޑްރޮޕޯނިކްސް އަދި ގޭގައި ދަނޑުވެރިކަން ކުރާނެ ގޮތް ދަސްކޮށްދިނުމަށް ހދ. ކުޅުދުއްފުށީގައި އެގްރިކަލްޗާ މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ

ބިމުގެ ފަސްބޭނުން ނުކޮށް ގަސް ހެއްދުން ނުވަތަ ހައިޑްރޮޕޯނިކްސް އަދި ގޭގައި ދަނޑުވެރިކަން ކުރާނެ ގޮތް ދަސްކޮށްދިނުމަށް ހދ. ކުޅުދުއްފުށީގައި އެގްރިކަލްޗާ މިނިސްޓްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިމަހުގެ 17 އިން 27 އަށް ކުރިއަށްދާ އެ ޕްރޮގްރާމުގައި ޖުމްލަ 28 މީހުން ބައިވެރިވާ ކަމަށެވެ.

ހައިޑްރޮޕޯނިކްސް ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަންކޮށް އެއިން ނަފާ ހޯދޭނެ ގޮތްތަކާއި ގޯތިތެރޭގައި އޮންނަ ހުސްބިންކޮޅުގައި ތަފާތު ވައްތަރުގެ ތަރުކާރީ އައި މޭވާ ހެއްދޭނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން ފަނިފަކުސާ އަދި ދިރޭސޫފާސޫފީގެ ސަބަބުން ދަނޑުވެރިންނަށް ދިމާވާ މައްސަލަތަކަށް މައުލޫމާތުދޭނެ އެވެ.

މީގެ އިތުރުން ގަސްތަކަށް ޖެހޭ އެކި ބަލިތައް ކޮންޓްރޯލް ކުރާނެ ގޮތްތަކާއި ބިމުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށްޓަކާ ވިސްނަންޖެހޭ ކަންތައްތަކާއި މުޑުވަށްގަސް ގިނަކުރާނެ ގޮތްތަކުގެ މައުލޫމާތު ވެސް ބައިވެރިންނަށް ދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

ހދ. ކުޅުދުއްފުށީގައި ހައިޑްރޮޕޯނިކްސް އަދި ގޭގައި ދަނޑުވެރިކަން ކުރާނެ ގޮތް ދަސްކޮށްދިނުމަށް ޕްރޮގްރާމެއް ކުރިއަށްދާއިރު، ހދ. ނެއްލާދޫ އަދި އެ އަތޮޅު ނޭކުރެންދޫ މީހުންނަށް އަމާޒުކޮށްގެން ނެއްލާދޫގައި ވަނީ އެފަދަ ޕްރޮގްރާމެއް މިމަހުގެ ތެރޭގައި ހިންގާފަ އެވެ.

މީގެ އިތުރުން، ހައިޑްރޮޕޯނިކްސް އަދި ގޭގައި ދަނޑުވެރިކަން ކުރާނެ ގޮތް ދަސްކޮށްދިނުމަށް މިދިޔަ މޭ މަހުގެ ތެރޭގައި ރ. ކިނޮޅަހުގައި ވެސް ޕްރޮގްރާމެއް ހިންގާ 24 މީހުންނަށް މައުލޫމާތުދީ ތަމްރީން ދީފައިވެ އެވެ.

comment ކޮމެންޓް