ފާސް ނުކޮށް ދީނީ ލިޔުން ޝާއިއު ނުކުރެވޭނެ: އިސްލާމިކް މިނިސްޓްރީ

މީހަކު މާލޭގެ މިސްކިތެއްގައި ގުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޝާއިއުކުރާ ދީނީ ލިޔުންތައް ޝާއިއު ކުރަންޖެހޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ދީނީ ތަގުރީރުކޮށް، ދީނީ ނަސޭހަތް ދިނުމާއި ދީނީ ފޮތް ޝާއިއު ކުރެވޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދިން ކަމުގެ ލިޔުމެއް ލިބިގެން ކަމަށެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގައިވާ ގޮތުން، ދެވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ "ދިވެހި ރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ދީނީ ނަސޭހަތްދީ، އަދި ދީނީފޮތް ޝާއިޢުކުރެވޭނީ މިނިސްޓްރީން ލިޔުމަކުން ހުއްދަ ލިބިގެން" ކަމަށެވެ.

މިނިސްޓްރީން ބުނީ ޝާއިއުކުރާ ކީރިތި ގުރުއާނުގެ ތަރުޖަމާ އާއި، ވަކިވަކި ސޫރަތްތަކުގެ މާނައާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގެ ތަރުޖަމާގެ އިތުރުން ދީނީ ފޮތްތަކާއި މަޖައްލާތައް މިނިސްޓްރީން ފާސް ކުރަން ޖެހޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ފާސްކުރާ ދީނީ ލިޔުންތައް ޗާޕު ކުރަންވާނީ މިނިސްޓްރީން ދޫކުރާ ކާޑުގެ ނަމްބަރު ޖެހުމަށް ފަހު އެ ހިމަނައިގެން ކަމަށެވެ. އަދި ފާސްކުރި ކަމުގެ ކާޑުގެ ނަމްބަރު ނުހިމަނައި ޗާޕުކުރާ ދީނީ ލިޔުންތަކަކީ ފާސް ނުކުރާ ލިޔުންތަކެއް ކަމަށް މިނިސްޓްރީން ދެކޭނެ ކަމަށާއި އެފަދަ ލިޔުންތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި ފާސްކުރާ ކާދުގެ ނަމްބަރު ނުހިމަނައި ޗާޕުކުރާ ދީނީ ލިޔުންތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ޒިންމާ އުފުލަން ވާނީ ލިޔުން ޝާއިއުކުރި ފަރާތަކުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް