ހުޅަނގުގެ ލީޑަރުންނަކީ ޑިމޮކްރަސީއާ މެދު ދެފުށްދެގޮތް ބައެއް: އުރުދުޣާން

ރަޖަބް ތައްޔިބު އުރުދުޣާން

އަންކަރާ (ޖުލައި 24): ތުރުކީއަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބު، އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އެއްވެސް ވަރަކަށް ކުށްވެރި ނުކުރާކަމަށާއި ހުޅަނގުގެ ލީޑަރުން ތުރުކީގެ ހާލަތާމެދު ދެފުށްދެގޮތް އުސޫލުތަކެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހުޅަނގުގެ ލީޑަރުންނަށް ފާޑު ވިދާޅުވެއްޖެއެވެ.

ފްރާންސް 24 ޗެނެލްއަށް ދެއްވި ބަސްދީގަތުމެއްގައި އުރުދުޣާން ވިދާޅުވީ، ތުރުކީގައި އޮތީ ޑިމޮކްރެޓިކް ވެރިކަމެއްނަމަވެސް އަސްކަރީ އިންގިލާބަކުން ޣައިރު ގާނޫނިގޮތެއްގައި އެ ވެރިކަން ބަދަލުކޮށްލުމަށް ގެންނަން މަސައްކަތްކުރި އިންގިލާބީ ހަރަކާތް ކުށްވެރިކޮށް ހުޅަނގުގެ އެއްވެސް ލީޑަރަކު ބަޔާނެއް ދެއްވާފައި ނުވާކަމުގައެވެ. އަދި އިންގިލާބީ ހަރަކާތައް ކުރިޔަށްދިޔައިރު ހުޅަނގުގެ ހުރިހާ ލީޑަރުންވެސް ތިއްބެވީ އެކަން ކުށްވެރި ނުކުރައްވައި ހިމޭނުންކަމަށާއި އިންގިލާބު ނާކާމާމިޔާބުވުމަށްފަހުވެސް އެ ހަރަކާތް ކުށްވެރިކޮށް ތުރުކީގެ ޑިމޮކްރަސީއަށް ތާއީދު ކުރުމުގެ ބަދަލުގައި ހުޅަނގުގެ ލީޑަރުން ދެއްވަމުން ގެންދެވީ ތުރުކީގެ ހާލަތާ ފުށުއަރާ އަދި ދެފުށްދެގޮތް ބަޔާންތަކެއް ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވެރިޔާ މޮގިރީނީ

ތުރުކީގެ ހާލަތާ ފުށުއަރާގޮތަށް ހުޅަނގުގެ ލީޑަރުން ދެއްވި ބަޔާންތަކުގެ ތެރޭގައި އެއްކޮޅުން ތުރުކީ ސަރުކާރަށް ތާއީދުކުރާކަން ހާމަކުރެއްވިއިރު އަނެއްކޮޅުން އިންގިލާބީންނާ ދެކޮޅަށް ތުރުކީ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް، ހުޅަނގުގެ ލީޑަރުން ގެންދެވީ ކުށްވެރި ކުރައްވަމުންނެވެ. އަދި އިންގިލާބުގެ ސަބަބުން ތުރުކީގެ ޑިމޮކްރަސީ ނެތި ދިޔުމުގެ ބިރަށްވުރެ ހުޅަނގުގެ ލީޑަރުން ކަންބޮޑުވެ ވަޑައިގެންނެވީ އިންގިލާބީންނާ ދެކޮޅަށް ތުރުކީ ސަރުކާރުން އަޅަމުން ގެންދިޔަ ފިޔަވަޅުތަކާމެދުގައެވެ. ނަމަވެސް ހުޅަނގުން ތާއީދުކުރާ ޑިމޮކްރެޓިކް ގައުމެއްގެ ސަރުކާރު އަސްކަރީ އިންގިލާބަކުން ވައްޓާލުމަށް ހުޅަނގާ އިދިކޮޅު ބަޔަކު މަސައްކަތްކުރިނަމަ ހާލަތު މިއާ މުޅިން ތަފާތުވީސްކަމަށް މުހައްލިލުން ދެކެއެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރިސާ މޭ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަކީ އޭނާގެ ވެރިކަމުގައި ބޮޑެތި ގޯސްތަކެއް ހެއްދެވިނަމަވެސް މެދުއިރުމަތީގެ އިސްލާމީ ގައުމުތަކުގެ އެހެން ލީޑަރުންނާ ޚިލާފަށް އެމެރިކާއާއި ޔޫރަޕް އެދޭހާގޮތަށް ނޫނީ ހުޅަނގުގެ މަސްލަހަތާ އެއްގޮތަށް އަމަލު ކުރައްވާ ބޭފުޅެއްނޫނެވެ. އަދި އުރުދުޣާން އަކީ އެހެން ހުރިހާ ކަމަކަށްވުރެ ތުރުކީގެ ގައުމީ މަސްލަހަތު އިސްކުރައްވާ ބޭފުޅެކެވެ. މީގެއިތުރުން ގަލްފުގެ އަރަބި ލީޑަރުންނާ ޚިލާފަށް އުރުދުޣާންއަކީ އޭނާގެ ވެރިކަން ހިމާޔަތް ކުރުމަށްޓަކައި އެމެރިކާއަށް ބަރޯސާވެ ވަޑައިގަންނަވާ ބޭފުޅެއްވެސް ނުމެނޫންމެއެވެ.

އުރުދުޣާންއަކީ ތުރުކީގެ މަސްލަހަތާ ޖެހުމުން އޭނާގެ ޕްރިންސިޕަލްތައްވެސް ދޫކޮށްލައްވާ ބޭފުޅެއްކަން އަމަލީގޮތުން ދާދިފަހުން އޭނާ ވަނީ ދައްކަވާފައެވެ. މިގޮތުން އުރުދުޣާންވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ހިމާޔަތް ކުރައްވައި ސޫރިޔާގެ އާންމުންނާ ދެކޮޅަށް ރަޝިޔާއިން ހަމަލާދޭކަމަށް ވިދާޅުވެ ރަޝިޔާއާ ގުޅުންތައް ގޯސްކޮށްލެއްވުމަށްފަހު އެކަމުގެ ގެއްލުން ތުރުކީއަށް ލިބެމުންދާތީ ސޫރިޔާގެ މައްސަލައަށް ބެއްލެވުމެއްނެތި ރަޝިޔާ ގުޅުންތައް އަލުން ބަދަހިކުރައްވާފައެވެ.

ފަރަންސޭސި ރައީސް އޮލާންދް

މިކަން ހާސިލް ކުރުމަށްޓަކައި އުރުދުޣާންވަނީ ރަޝިޔާ އެދުނުގޮތަށް ރަޝިޔާގެ ކިބައިން މަޢާފަށްވެސް އެދިވަޑައިގެންފައެވެ. އަދި ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ޙިސާރުގެ މައްސަލަ އެއްފަރާތް ކޮށްލެއްވުމަށްފަހު އުރުދުޣާން ދާދިފަހުންވަނީ އިސްރާއީލާވެސް އަލުން ގުޅުންތައް އިޢާދަކުރައްވާފައެވެ.

އުރުދުޣާން ވަނީ ސޫރިޔާއާވެސް ގުޅުންތައް ރަނގަނޅު ކުރަންޖެހިއްޖެނަމަ އެކަން ކުރައްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އެެމެރިކާގެ ރައީސް އޮބާމާ

އިންގިލާބު ނާކާމިޔާބު ވުމާ ގުޅިގެން އުރުދުޣާން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ތިންމަސްވަންދެން ގައުމުގައި ކުއްލި ހާލަތު އިޢުލާން ކުރެއްވުމާއި ސިފައިންގެ މުއައްސަސާގެ އޮނިގަނޑު އަލުން އެކުލަވާލައި އައު މީހުން ސިފައިންގެ ތެރެއަށް ވެއްދުމާއި ތުރުކީގެ ސިޔާސީ ގާޑުންގެ ފައުޖުތައް އުވާލުން ހިމެނެއެވެ. މީގެއިތުރުން ތުރުކީ ސަރުކާރުންވަނީ އިންގިލާބާ ގުޅިގެން ނުވަހާހަށްވުރެ ގިނަ އަސްކަރީންނާއި މަދަނީން ހައްޔަރުކޮށްފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް