މަގުތައް ތަންމަތިތަކަކަށް!(ވީޑިއޯ)

ގެދޮރުނެތް ކަމަށް ބުނެ މީހަކު މަގުމަތީގައި ނިދާފައި-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރައްކާތެރިކަމެއްނެތް ކާރުބާރޫ ބޮޑު މަގުތައް މިވަނީ ނިދާ ތަންމަތިތަކަކަށް ހަދައިފަ އެވެ. އެތަންތަނުގައި ދަނީ ނިދުމާއި އެހެނިހެން ޒަރޫރީ ބޭނުންތައް ވެސް ފުއްދަމުންނެވެ. ދުވަސްވީ މި މައްސަލައަށް ހައްލެއް ނުލިބި ދުވަހުން ދުވަހަށް އެ ހާލުގައި އުޅޭ މީހުން އެދަނީ އިތުރުވަމުންނެވެ. މިއީ ބައެއްގެ ނިކަމެތި ހާލެވެ. މަގުތަކަކީ އެމީހުން ދިރިއުޅޭ ގެދޮރެވެ.

ގެދޮރުނެތް ފަރާތްތަކުން ވެރިރަށް މާލޭގެ އެކިހިސާބުތަކުގައި ތިބެ އެވެ. އެއްބަޔަކު ބާޒާރުމަތީގައި ގެދޮރު ހަދައިގެން އުޅޭ އިރު އަނެއް ބަޔަކު މަސްވެރިންގެ ޕާކްގައި ނިދައި ހެދުމަކީ ވަރަށް އާންމުކަމެކެވެ. މިއީ ކޮންމެ ރެއަކުހެން ދަންވަރު ފެންނަ މަންޒަރެކެވެ. މަގުތަކާއި ހިތްއުފާ ކޮށްލަން ޒިޔާރަތްކޮށްލާ ޕާކް ފަދަ ތަންތަން، ރޭގަނޑު ދަންވުމާ އެކު ތަންމަތިތަކަކަށް ބަދަލުކޮށްލަ އެވެ. އަދި ފަހަކަށް އައިސް ސަންފުރޮންޓް ފަރުނީޗަރު ފުރަގަހުގައި ހަދާފައިވާ މާކަރީ ބުރު މިވަނީ ދުވަސްވީ މީހެއްގެ ގެއަކަށް ހަދައިފަ އެވެ.

މަގުމަތީ ނިދާ އުޅޭ ރަޝީދު: އޭނާ ދިރިއުޅެނީ މަގުމަތީގައި-- ސަން ފޮޓޯ

މާލެއަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ މުހައްމަދު ރަޝީދު އެ މައިދާނުގައި ގެ ހަދައިގެން އުޅޭތާ ހަތަރު މަސްވެއްޖެ އެވެ. އޭނާ ނިދަނީ އެ މައިދާނުގެ އައްޓެއްގެ މަތީގަ އެވެ. ކަނީ ސަލާން ޖަހައިގެން ލިބޭ ފައިސާއިން ހޮޓާތަކުންނެވެ. ފެންވަރަނީ ރަސްފަންނުންނެވެ. ފާހާނާ ކުރަނީ މިސްކިތު ފާހާނާ އަށެވެ.

"އަޅުގަނޑުގެ އަމިއްލަ ގެ އަޅުގަނޑު ސްރީ ލަންކާގައި ހުއްޓައި ބަޔަކު މީހުން އަތުލީ. ކޯޓުން ވަނީ އެހެން ނިންމާފައި. އަޅުގަނޑަކީ ވަރަށް ފަގީރު ހާލުގައި އުޅޭ މީހަކަށްވާ އިރު އަޅުގަނޑަށް އެކަން ނުވެގެން މިއުޅެނީ،" ރަޝީދު ބުންޏެވެ.

ރަޝީދު ސަން އަށް އިންޓަވިއޫ ދެނީ-- އޭނާ ބޭނުންވަނީ އޭނާގެ ގޭ އަނބުރާ ހޯދަން: ސަން ފޮޓޯ

އުޅުމާއި ވާހަކަތަކަށް ބަލާ އިރު އޭނާއަކީ ބަލި މީހެކެވެ. އޭނާ ބުނާ ގޮތުގައި ލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދަރިންނާއި އަންހެނުން ވަނީ މަރުވެފަ އެވެ. އޭނާ އަށް އަޅާލާނެ އެހީތެރިވާނެ މީހަކު ނުހުރެ އެވެ.

ރަޝީދު ބުނާ ގޮތުގައި އޭނާ އެތަނުގައި އޮންނަނީ ދާނެ ތަނެއްނެތިގެންނެވެ. ކުރިން ފުލުހުން އޭނާ އެތަނުން ފޮނުވާލަން މަސައްކަތްކުރި ކަމަށާއި ވަންނާނެތަނެއް ނެތް ކަމަށް ބުނުމުން ފުލުހުން ފަހުން އަޅާނުލާ ކަމަށް އޭނާ ބުންޏެވެ. ޖެންޑާ މިނިސްޓްރީ އަށް ގޮސް އޭނާ އަމިއްލައަށް އެހީތެރިކަމަށް އެދުމުން މިނިސްޓްރީން ބުނީ ގުރައިދޫގެ މަރުކަޒަށް ދިއުމަށް ކަމަށާއި އޭރުން އޭނާއަށްގެ އެއްކޮށް ގެއްލުނީ ކަމަށް އޭނާ ބުންޏެވެ.

ބޮޑުމަގެއްގައި ހާމައަށް އޮންނަ މައިދާނެއްގައި އޭނާ ދިރިއުޅޭއިރު ބައެއް މީހުން އޭނާއަށް ގޯނާ ކުރަމުންދެ އެވެ. އޭނާ ގެންގުޅޭ ސާމާނުތައް ވެސް އެ ސަރަހައްދުގައި ބަހައްޓާފައިވާ އިރު އޭގެ ތެރެއިން ބައެއްތަކެތި ވަގަށް ނަގާފައިވާ ކަމަށާއި އަނެއްބައިތަކެތީގައި އަލިފާން ރޯކޮށްފައިވާ ކަމަށް އޭނާ ބުނެ އެވެ. އަލިފާން ރޯކޮށްފައިވާތަކެތި އޭނާ ވަނީ ދައްކާލައިފަ އެވެ.

ވެރިރަށް މާލޭގެ މަގުތަކާއި ހިތްފަސޭހަ މައިދާންތަކުގައި ނިދަން ތިބޭ މީހުންނާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި އޭގެ ތެރެއިން އެއް ބަޔަކީ އަޅާލާނެ ބަޔަކު ނެތް ކަމަށް ބުނެ ސަލާންޖަހަން އުޅޭ މީހުންނެވެ. އަނެއް ބަޔަކީ މަސްވެރިކަން ފަދަ މަސައްކަތްކޮށް އުޅޭ މީހުންނަށް ވާއިރު މާލޭގެ ވަކި ގެއެއްގައި ނޫޅޭ މީހުންނެވެ. ދެން އުޅެނީ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި މިންވަރުން ގެއަށް ނިދަން ދާން ބޭނުން ނުވާ މީހުންނެވެ. ދެން ތިބީ ވިޔާނުދާ އުޅުމުގެ ސަބަބުން މަގުމަތިވެފައިވާ މީހުންނެވެ. އެ އެންމެންގެ ވެސް ޖަވާބަކީ އެމީހުންނަށް އަޅާލާނެ މީހަކު ނެތް ކަމެވެ.

މަގުމަތީ ދުވަސްވީ މީހަކު ނިދާފައި-- އެމީހުންނަށް ރައްކާތެރި މާހައުލެއް ބޭނުންވޭ-- ސަން ފޮޓޯ

"އަހަރެމެން ދާނެ އެހެން ތަނެއް ނެތީމާ މިތާ ތިބެނީ. އަހަރެންގެ ލާރިތައް ...[މީހަކު] އަތުލައިފި،" އުމުރުން ދުވަސްވީ އެ ބޭބެ ބުންޏެވެ.

އެގޮތަށް ނިދާ އުޅޭ ބައެއް މީހުންނަކީ 65 އަހަރުވުމުން ސަރުކާރުން ދޭ ފައިސާ ވެސް ލިބޭ ފަރާތްތަކެވެ. ނަމަވެސް ދުވަސްވީ މީހުންނަށްވުމާއި އަޅާލާނެ މީހަކު ނެތުމާއި ހޭލުންތެރިކަން ދަށްވުމުގެ ސަބަބުން އެ ފައިސާގެ ބޭނުން ހެޔޮގޮތުގައި ހިފަން އެފަރާތްތަކަކަށް ނޭނގެ އެވެ. ނުކުޅެދުންތެރިންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުން ގަބޫލްކުރާގޮތުގައި ދައުލަތުން އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހެ އެވެ.

"އެއްބަޔަކު މިދަނީ މަގުމަތީގައި އުޅެމުން، ހާއްސަކޮށް މަގުމަތީގައި ނިދާ އުޅޭ ދުވަސްވީ ފަރާތްތައް ހިމެނޭ، މިއަދުން މިއަދަށް ވެސް މިފަރާތްތަކަށް ބޯހިޔާވަހިކަން ދޭންޖެހޭ، ގުރައިދޫ މަރުކަޒަށް ފޮނުވައިގެން ވެސް މިފަރާތްތައް ނިދޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ،" ޑިސެބިލިޓީ އެމްބިސެޑާ އަހުމަދު ހިޝާން ވިދާޅުވި އެވެ.

ހިޝާން ސަން އަށް އިންޓަވިއޫ ދެއްވަނީ: އޭނާ ވިދާޅުވަނީ ސަރުކާރުން އެމީހުންނަށް ދާއިމީ ހިޔާއެއް ހޯދަދޭންޖެހޭކަމަށް-- ސަން ފޮޓޯ

އެގޮތަށް ނިދަން ތިއްބާ ފެނުމުން ކިތަންމެހާ ވެސް އަސަރުކުރެ އެވެ. އަރާމު ތަންމަތިތަކުގައި ގިނަ ބަޔަކު ނިދާއިރު ރައްކާތެރިކަމެއް ނެތް އެ މައިދާންތަކުގައި ނިދަން މީހުން ތިބުމަކީ ގަބޫލް ކުރެވޭ ކަމެއްނޫނެވެ. އެފަދަ ތަންތަނުގައި ނިދާ ފަރާތްތަކުގެ ވަނަވަރު ބަލާލުމުން ގިނަ ބައެއްގެ ފަރާތުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެ މީހުންގެ ތެރެއިން އެމެންނަކީ އެހެން އުޅެން ޖެހޭ ބައެއް ނޫނެވެ. ބައެއް މީހުން ކޮންމެ ވެސް ސަބަބަކާ ހުރެ އެ ގޮތް އިހުތިޔާރު ކުރަނީ އެވެ.

ޖެންޑާ މިނިސްޓްރީ އޮފިޝަލަކު ވިދާޅުވީ ނިދަން ތިބޭ މީހުންގެ ތެރޭގައި ދިރިއުޅޭނެ ތަންތަން ހުރި މީހުން ވެސް ހިމެނޭ ކަމަށާއި އެމީހުން އެގޮތަށް މަގުތައް މަތީ ނިދައި އުޅެނީ އެމީހުންގެ އުފަލަކަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެގޮތަށް ނިދަން ތިބުމަކީ މަނާ ކަމެއް ކަމަށްވާ އިރު ކުރިއަށް އޮތްތަނުގައި އެއީ މަނާކަމެއްކަން އެންގުމަށް ބޯޑުތައް ހަރުކުރާނެ ކަމަށެވެ.

އެކަން ހުއްޓުވުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަލް އިސްމާއިލް އަލީ ވިދާޅުވީ، އެފަދަ ފަރާތްތަކުގެ އާއިލާތަކާއި އެފަދަ މީހުންނާ ވާހަކަ ދައްކައި އެކަން ހުއްޓުމަށް އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށް އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުދުންތެރި މިރާއްޖޭގައި ވަންވާނެ ގެދޮރެއް ނެތި އެގޮތަށް މަގުތަކަށް ގިނަވާންޖެހުމަކީ ގަބޫލްކުރެވޭ ކަމެއްނޫނެވެ. ދައުލަތުން އެފަރާތްތަކަށް އެހީތެރިވާން ޖެހެ އެވެ. އަވަސް ހައްލެއް ބޭނުމެވެ.

comment ކޮމެންޓް