ތުރުކީގެ 283 ރިޔާސީ ގާޑުން ހައްޔަރުކޮށްފި

ތުރުކީގެ ރައީސް އުރުދުޣާން ވަނީ މިހާތަނަށް 10،410 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭޕީ

އިސްތަންބޫލް (ޖުލައި 23): ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން އެގައުމުގެ ސަރުކާރުން 283 ރިޔާސީ ގާޑުން ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ ސަލާމަތީ ފަރާތަކުން ވިދާޅުވެއްޖެ އެވެ.

ނަންހާމަ ނުކުރުމަށް އެދިފައިވާ ތުރުކީގެ ސަލާމަތީ ފައުޖުތަކަށް ނިސްބަތްވާ އޮފިޝަލު ވިދާޅުވި ގޮތުގައި ތުރުކީ ސަރުކާރުން މިފަހަރު ހައްޔަރުކޮށްފައި ވަނީ ގައުމުގެ ވެރިރަށް އަންކާރާގައި ހުންނަ ރިޔާސީ ގަނޑުވަރު ބަލަހައްޓަން ހަވާލުކޮށްފައިވާ ގާޑުންގެ ތެރެއިން ބަޔެކެވެ. ފުލުހުން އެމީހުންނާ ސުވާލު ކުރުމަށް ފަހު އަންކާރާގައި ހުންނަ ޕެލެސް އޮފް ޖަސްޓިސް އަށް އެމީހުން ހާޒިރު ކުރާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މީގެ އިތުރުން، ތުރުކީ ސަރުކާރުން ވަނީ "ފްލައިޓް ނުރައްކަލެއް" ކަމަށް ސަރުކާރުން ދެކޭ 10،856 މީހެއްގެ ޕާސްޕޯޓު ކެންސަލްކޮށްފަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ތުރުކީގައި ނާކާމިޔާބުވި ބަޣާވާތަށް ފަހު ސަރުކާރުން މިހާތަނަށް 10،410 މީހަކު ހައްޔަރުކޮށްފައި ކަމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ބުރާސްފަތި ދުވަހު ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި އަސްކަރިއްޔާގެ 100 ޖެނެރަލުންނާއި އެޑްމިރަލް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. (ޕްރެސްޓީވީ)

ގުޅޭ ޓެގު
comment ކޮމެންޓް