ރަޖްނީކާންތުގެ "ކަބާލީ" ބަލަން ސިނަމާތައް ފުނިޖެހި، ފިލްމު ބަލަންދާން މުވައްޒަފުންނަށް ޗުއްޓީ!

ރަޖްނީކާންތުގެ އެންމެ ފަހުގެ ޓެމިލް ފިލްމު، "ކަބާލީ" ބެލުމަށް އިންޑިއާގެ ސިނަމާއެއް ދޮށަށް އެއްވެފައި ތިބި ގްރޫޕަކުން ސެލްފީ އެއް ނަގަނީ --- ސަން ފޮޓޯ/ އޭޕީ

ޓެމިލް އަދި ބޮލީވުޑްގައި މަޝްހޫރުކަން ހޯދާފައިވާ ރަޖްނީކާންތުގެ އެންމެ ފަހުގެ ޓެމިލް ފިލްމު، "ކަބާލީ" އިއްޔެ ރިލީޒްކުރުމާއެކު ސިނަމާތަކުގައި ފުނި ޖެހި، މުވައްޒަފުންނަށް ފިލްމު ބަލަން ދިއުމުގެ ފުރުސަތު ދޭން އިންޑިއާގެ ބައެއް އޮފީސްތައް ބަންދުކޮށްފި އެވެ.

އިއްޔެ ރިލީޒްކުރި އެ ފިލްމާއެކު ސިނަމާތަކަށް ވަންނަން އެތައް ހާސް ބަޔަކު އެއް ދުވަސް ކުރިން ކިއު ހަދާފައިވާއިރު، ޓަމިލް ނާޑޫގެ ވެރިރަށް ޗެންނާއީގެ ސިނަމާތަކުގައި ފަޔާކްރެކާސް ގޮއްވައި ފޮނި ކާތަކެތި ވަނީ ބަހާފަ އެވެ.

މީގެ އިތުރުން ޗެންނާއީގެ ބައެއް ކުންފުނިތަކުން އެ ކުންފުނީގެ މުވައްޒަފުންނަށް ހިލޭ ޓިކެޓް ބަހައި، މުވައްޒަފުންނަށް ފިލްމު ބަލަންދިއުމުގެ ފުރުސަތު ދޭން ވަނީ ޗުއްޓީ ދީފަ އެވެ. އަދި ދެކުނު އިންޑިއާގެ ސްޕޯޓް ކާރުތަކާއި ބަސްތަކާއި އޮޓޯތަކުގައި ވަނީ ރަޖްނީކާންތުގެ ފޮޓޯތައް ޕެއިންޓު ކޮށްފަ އެވެ.

ރަޖްނީކާންތުގެ ސަޕޯޓަރުން ތިބީ ހަމައެކަނި އިންޑިއާއަކު ވެސް ނޫނެވެ. އޭނާގެ ފަހުގެ ފިލްމު އަޅުވާ ފުރަތަމަ ދުވަހު އެ ފިލްމު ބެލުމަށް ޖަޕާނުގައި ތިބި ރަޖްނީކާންތުގެ ފޭނުންތަކެއް ވަނީ ޗެންނާއީ އަށް ގޮސްފަ އެވެ.

އިންޑިއާގެ އެކިކަންކޮޅުތަކުގައި ހުންނަ 12000 އަށްވުރެ ގިނަ ސްކުރީނުގައި އެ ފިލްމު އަޅުވާފައިވާއިރު، ޓެމިލް ބަހުން ވާހަކަދައްކާ ބޮޑު ޖަމާއަތެއް އޮންނަ އިނގިރޭސި ވިލާތާއި މެލޭޝިއާގައި ވެސް އެ ފިލްމު ވަނީ ޕްރިމިއާ ކޮށްފަ އެވެ. މީގެ އިތުރުން އެމެރިކާގެ 400 ސިނަމާ އެއްގައި އެ ފިލްމު ޕްރިމިއާކުރި އިރު، ސެން ފުރެންސިސްކޯގައި ބޭއްވި ހާއްސަ ސްކްރީނިން އެއްގައި ރަޖްނީކާންތު ވަނީ ބައިވެރިވެފަ އެވެ.

ރަޖްނީކާންތުގެ އެންމެ ފަހުގެ ޓެމިލް ފިލްމު، "ކަބާލީ" ރިލީޒްކުރުމުން ބަޔަކު އުފާ ފާޅުކުރަނީ ---

އުމުރުން 65 އަހަރުގެ ރަޖްނީކާންތަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ތަރި އެވެ. ރަޖްނީކާންތާއެކު ޓައިވާންގެ އެކްޓަރެއް ކަމުގައިވާ ވިންސްޓަން ޗާއޯ ފެނިގެންދާ ފިލްމު، "ކަބާލީ" ގެ ޝޫޓިން ތައް ނަގާފައިވަނީ މެލޭޝިއާ އަދި ދެކުނު އިންޑިއާގަ އެވެ.

ޕާ. ރަންޖީތު ޑައިރެޓްކޮށް ލިޔެފައިވާ "ކަބާލީ" ގެ މައި ރޯލުން ބޮލީވުޑްގެ އެކްޓަރު ރާދިކާ އަޕްތޭ އާއި ދިނޭޝް ރަވީ އަދި ކިޝޯރުފަދަ ތަރިން ފެނިގެންދާއިރު، ފިލްމުގެ މިއުޒިކް ހަދާފައި ވަނީ ސަންތޯޝް ނަރަޔަނަން އެވެ.

-------------

* ރަޖްނީކާންތުގެ އެންމެ ފަހުގެ ފިލްމު، "ކަބާލީ" ރިލީޒްކުރުމުގެ އިތުރު ފޮޓޯތައް

comment ކޮމެންޓް