ޔޫކޭ އަށް ކިޔަވަންދާ ކުދިންނަށް ޔޫކޭ ވިސާއަށް އެދި ހުށަހެޅުން އަންނަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު ފޮރިން މިނިސްޓްރީގައި އޮންނާނެ ކަމަށް ބްރިޓިޝް ހައިކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވަގުތީ ގޮތުން އެއް ދުވަހަށް ގާއިމްކުރާ އެ ސެންޓަރު ހާއްސަކޮށްފައި ވަނީ ޔޫކޭއަށް ކިޔަވަންދާ ކުދިންނަށް ކަމަށެވެ. ނަމަވެސް އެހެނިހެން ވިސާތަކަށް އެދިވެސް އެ ސެންޓަރަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ބްރިޓިޝް ހައިކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުގެ ބަޔާނުގައި ބުނީ ވިސާއަށް އެޕްލައިކޮށްގެން މަސައްކަތް ކުރިއަށްދާނީ އެހެންޏާ ވެސް ކުރިއަށްދާ ގޮތަށް ކަމަށެވެ. އެގޮތުން ފޯމް ހުށަހަޅައި ވިސާއަށް ފައިސާ ދެއްކުމާއި ވިސާ އެޕްލިކޭޝަން ސެންޓަރަށް އެޕޮއިންޓްމެންޓް ބުކް ކުރުން އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ޔޫކޭ ވިސާ އެންޑް އިމިގްރޭޝަންގެ ސައުތު އޭޝިއާ ރީޖަންގެ ޑިރެކްޓަރު ނިކް ކްރައުޗް ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނީ، އޮގަސްޓް މަހުވެސް ޔޫކޭ ވިސާއަށް އެދި ހުށަހެޅުމަށް ރާއްޖޭގައި ޓެމްޕޮރަރީ ސެންޓަރެއް ހުޅުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އޮގަސްޓް މަހު ކުރިއަށްގެންދާ ސެންޓަރު ދެ ދުވަހަކަށް ކުރިއަށްގެންދާނެ ކަމަށެވެ.
"މިގޮތަށް ސެންޓަރުތަކެއް ހިންގުމުގެ ބޭނުމަކީ އަޅުގަނޑުމެން ދޫކުރާ ވިސާގެ ހިދުމަތް ރާއްޖެ އިން ޔޫކޭ އަށް ކިޔަވަން އަންނަ ދަރިވަރުންނަށް އަދި އެހެން ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހަ ގޮތަކަށް ހަމަޖައްސައިދިނުން. މީގެ ސަބަބުން އެބޭފުޅުން ކުރަން ޖެހޭ މަސައްކަތްތަކަށް ލުޔެއް ލިބޭނެ،" ނިކް ކްރައުޗް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގައި އެ ސެންޓަރު ހުޅުވާފައި ހުންނާނީ އޯގަސްޓް 24 ވަނަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:15 އާއި ހަމައަށެވެ.