ބޮޑުތަކުރުފާނު މަގު ފުޅާކުރަން ނިންމައި، އަންނަ މަހު މަޖީދީމަގު މަރާމާތު ކުރަން ފަށަނީ

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ފުޅާ ކުރުމަށް ނިންމާފައި ވާއިރު ކުރިއަށްއޮތް މަސް ދުވަހުގެ ތެރޭގައި މަޖީދީމަގު މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބަޖެޓުގައި ހިމަނައިގެން މަގުތައް ހަދަން ނިންމާފައި ވާ ކަމަށާއި އެގޮތުން ޗައިނާގެ ކޮންސަލްޓަންޓެއް ހޯދައިގެން އެމަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ. ބޮޑުތަކުރުފާނު މަގު ހަދަނީ ތާރު އަޅައިގެން ކަމަށާއި އެމަގު ހަދާއިރު އިތުރަށް ފުޅާކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ބޮޑުތަކުރުފާނުމަގު އެހެން ހުރިހާ ދިމާލަކުންވެސް ރަނގަޅަށް ތާރުއަޅާފައި އަދި ފުޅާވެސް ކޮށްލާފަ ހަދާލަން މިމަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ އެކަންކަން އަޅުގަނޑުމެން މިބަލަނީ ވަރަށް އަވަހަށް ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގެ އެތެރޭ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާއިރު އެމަގުތައް ހަދަނީ ގާ އަތުރައިގެން ކަމަށާއި މާލެއާ ގުޅެނީ ވެސް ގާއަތުރައިގެން ހަދާ މަގުތައް ކަމަށެވެ. ސާވޭގެ މަސައްކަތް ކުރިއަށްދާއިރު ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި ފުރަތަމަ ހަދާނީ މަޖީދީ މަގުކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ އެއްބައި ނިންމާފަ އަނެއްބަޔަކަށް ދާގޮތަށް. ވީހާވެސް ޓްރެފިކަށް ބާރު ކުޑަވާގޮތަށް. އަލުންހަދާއިރު ހަމަ ގާތައް ނަގާފަ ލެވަލްކޮށްފައި އާގާ އަތުރާގޮތަށް ޕޭމަންޓުވެސް އާ ކުރަމުން ޑްރެއިނޭޖްވެސް އާކޮށްފައި މުޅިން އާކުރަމުން ދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ޕާކިންއަށް އަލިއަޅުވާލައި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށާއި އެގޮތުން މަގުތަކުގައި ބަހައްޓާ ޕާކިން ސިސްޓަމްތައް ބެހެއްޓޭނެ ކަމަށް ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހަލާކުވުމަކީ މިހާރު މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައެވެ. އެގޮތުން އަޑިގުޑަންތައް ގިނަވުމުން އޭގެ ގެއްލުން އެތައް ބަޔަކަށްދަނީ ފޯރަމުންނެވެ.

comment ކޮމެންޓް