ބަނޑުބޮޑުވުމާ އެކު ޕަޕަރާޒީންގެ އުދަނގޫ ބޮޑުވެ، ކަރީނާ އާއި ސައިފް އިންޑިއާ ދޫކޮށް ލަންޑަނަށް!؟

ކަރީނާ އަދި ސައިފް ލަންޑަނުގައި: އެ ދެ ތަރިންނަށް ލިބެން އުޅޭ ފުރަތަމަ ދަރިފުޅަށް ކަރީނާ ބަލިވެ އިން އިރު މީޑިއާ އާއި ޕަޕަރާޒީތަކުން ކަރީނާއަށް ދެމުންދާ ސަމާލުކަން ވަނީ ބޮޑުވެފައި ---

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ، ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން އަށް އަންނަ ޑިސެމްބަރު މަހު ލިބެން އުޅޭ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިއުމަށް އެ ދެ ތަރިން ދަނީ ތައްޔާރުވަމުން ނެވެ.

ނަމަވެސް ކަރީނާ ބަނޑުބޮޑުކަން މީޑިއާއަށް ޔަގީން ކޮށްދިން ފަހުން ކަރީނާ އަށާއި އޭނާގެ ބަނޑަށް މީޑިއާތަކުންނާއި ޕަޕަރާޒީތަކުންދޭ ސަމާލުކަން އިންތިހާއަށް ބޮޑުވެ، ކަރީނާގެ ދެމަފިރިންނަށް ވަނީ އުދަނގުުލަކަށް ވެފަ އެވެ.

ކަރީނާ އާއި ސައިފް ގާތް ރަހުމަތްތެރިންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނަމަ، ޕަޕަރާޒީންގެ އުދަނގުލާ ހެދި ކަރީނާ ވިހަން މުމްބާއީ ދޫކޮށް އެހެން ތަނަކަށް ބަދަލުވާން ވަނީ ނިންމައިފަ އެވެ.

ކަރީނާ އާއި ސައިފާ ގާތް އާއިލާގެ ފަރާތަކުން ބުނީ، މަންމަ އަކަށް ވާން އުޅޭ ކަރީނާ އާއި އޭނާ އަށް ލިބެން އުޅޭ ދަރިފުޅަށް ލިބެމުންދާ ސަމާލުކަމުގެ ސަބަބުން ކަރީނާ އަދި ސައިފަށް ވެސް އުދަނގޫވާ ކަމަށެވެ.

"ޕަޕަރާޒީން ދަނީ ކަރީނާގެ ބަނޑު ވަކިން ފޮޓޯ ނަގަމުން. މުމްބާއީގައި ސަމާލުކަން ދޭ އެތައް ބަޔަކު އެބަ އުޅޭ. އެކަމުގެ ސަބަބުން މުހިއްމު ކަމުގެ އިހުސާސް ކުރެއްވުމުގެ ބަދަލުގައި ކަރީނާ ވަނީ ނުތަނަވަސް،" އިންޑިއާގެ ޑައިލީ ނޫހަކަށް މައުލޫމާތު ދިން ސައިފް އަދި ކަރީނާގެ ގާތް މީހަކު ބުންޏެވެ.

ކަރީނާ ވިހެއުމަށް މުމްބާއީ ދޫކޮށް އެހެންތަނަކަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނާ އިރު، އެ ދެމަފިރިން ބަދަލުވާނީ ދެ މީހުންގެ ވެސް ޗުއްޓީ ހޭދަކޮށްލަން އެންމެ ގިނައިން ގޮސް އުޅޭ ލަންޑަނަށް ކަމަށްވެ އެވެ.

ލަންޑަނަކީ ސައިފް އަދި އޭނާގެ އަންހެން ކޮއްކޮ ސޮހާ އަލީ ޚާން ބޮޑުވި ތަން ކަމަށްވާ އިރު، އެތަނަކީ ސައިފްގެ މަންމަ އަދި ފިލްމީ ބަތަލާ ޝަރުމީލާ ޓޭގަރު ވަގުތު ހޭދަކުރަން ލޯބި ކުރާ އެއް ތަނެވެ.

"ޝަރުމީލާ އެކަނި ވެސް ލަންޑަނުގައި ގިނަ ވަގުތު ހޭދަކުރޭ. އަދި ޝަރުމީލާ ވަނީ ލަންޑަނަކީ ހާސްވުން ކުޑަ އަދި ކަރީނާ އާއި ސައިފްގެ ފުރަތަމަ ކުއްޖާ ވިހެއުމަށް އެންމެ ރަނގަޅުތަން ކަމަށް ބުނެފައި،" ކަރީނާ އާއި ސައިފްއާ ގާތް މަސްދަރުން ބުނެފައިވެ އެވެ. (ޕިންކުވިލާ)

comment ކޮމެންޓް