ގޭގައި ތައްޔާރު ކުރާ ބައެއް ކާނާ އިން ކުޑަކުދިންނަށް ގެއްލުންވޭ: ދިރާސާ

ކުޑަކުދިންނަށް ހާއްސަކޮށް ގޭގައި ތައްޔާރު ކުރާ ބައެއް ކަހަލަ ކާނާ އިން އެކުދިންނަށް ފައިދާ ކުރާ މިންވަރަށް ވުރެ، ލިބޭ ގެއްލުން ބޮޑު ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

އިނގެރޭސިވިލާތުގެ ޔުނިވާސިޓީ އަކުން ކުރި ދިރާސާ އިން ވަނީ ގޭގައި ތައްޔާރު ކުރާ ކާނާ އަކީ ކުޑަކުދިންނަށް އެންމެ ރަނގަޅު ކާނާ ކަމަށް ހީކުރެވުނު ނަމަވެސް، ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ބައެއް މާއްދާތައް އެކުލެވޭ ކަމަށް ދައްކައިފަ އެވެ.

އެގޮތުން ގޭގައި ތައްޔާރު ކުރާ ކާނާގައި ކުޑަކުދިންގެ ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ މިންވަރު 26 ޕަސެންޓު އިތުރު ކަމަށާއި ޕްރޮޓީނާއި ފެޓްސްގެ މިންވަރު 44 ޕަސެންޓު އިތުރު ކަމަށް ވަނީ ދައްކައިފަ އެވެ.

"ކުދިންގެ ދުޅަހެޔޮކަމާއި ހެދިބޮޑުވުމަށް އެންމެ މުހިންމީ އެކަށީގެންވާ މިންވަރަށް ކާނާގައި ހުންނަންޖެހޭ މާއްދާތައް ހިމެނިފައިވުން،" ދިރާސާގައި ހަރަކާތްތެރިވި ޕްރޮފެސަރަކު ވިދާޅުވެފައިވެ އެވެ.

ފިހާރަތަކުގައި ވިއްކަން ހުންނަ ކުޑަކުދިންގެ ކާނާގެ ތެރެއިން، 65 ޕަސެންޓަކީ އެކާށިގެންވާ މިންވަރަށް މާއްދާތައް ހިމެނިފައިވާ ކާނާ ކަމަށް ދިރާސާ އިން ދެއްކި ނަމަވެސް، ގޭގައި ތައްޔާރު ކުރާ ކާނާގެ ތެރެއިން އެ މިންގަނޑަށް ފެތެނީ 52 ޕަސެންޓު ކާނާ އެވެ.

ގޭގައި ތައްޔާރު ކުރާ ކުޑަކުދިންގެ ކާނާގައި ޕްރޮޓީން ހުންނަ މިންވަރު ވަރަށް ބޮޑަށް މަތި ކަމަށް ދައްކާފައި ވާއިރު، އެއީ ކުއްޖާ މާބޮޑަށް ފަލަވުމާއި އަދިވެސް އެހެނިހެން ސިއްހީ މައްސަލަތައް ދިމާވެދާނެ ކަމެކެވެ. (އެންޑީޓީވީ)

comment ކޮމެންޓް