މޯހަން ބަގާނަށް ސައުތުހެމްޓަންގެ ކުރީގެ ޑިފެންޑަރަކު ގެންނަނީ

އިންޑިއާގެ މޯހަން ބަގާނަށް މިހާރު ގެންނަން މަސައްކަތްކުރާ އިނގިރޭސި ޑިފެންޑަރު ޑެނިއެލް "ޑެނީ" ސީބޯން -- ފޮޓޯ: ގޯލް

އިނގިރޭސި ވިލާތުގެ ސައުތުހެމްޓަންގެ ސެންޓްރަލް ޑިފެންޑަރަކަށް ކުރިން ކުޅުނު ކުޅުންތެރިއަކު ގެންނަން އިންޑިއަން ފުޓްބޯޅަ ލީގުގެ ކްލަބެއް ކަމަށްވާ މޯހަން ބަގާނުން ތައްޔާރުވެއްޖެއެވެ.

މޯހަން ބަގާންގެ އޮފިޝަލަކާ ހަވާލާދީ، ގޯލް.ކޮމްއިން ބުނީ، ސްކޮޓިޝް ޕްރިމިއަރ ލީގުގެ ކްލަބެއް ކަމަށްވާ ޕާޓިކް ތިސްލްއަށް ވެސް ކުރިން ކުޅެފައިވާ، ސެންޓަރ ބެކް، ޑެނިއެލް "ޑެނީ" ސީބޯން، މޯހަން ބަގާއާ ގުޅުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

"އަހަރެން ނުބުނާނަށް މިއީ އަދި އެއްކޮށް ނިމިފައިވާ މުއާމަލާތެކޭ. މިކަން ރަސްމީކޮށް އިއުލާނު ކުރުމަށް އަހަރެމެންނަށް އަދި ވަގުތު ބޭނުންވޭ،" މޯހަން ބަގާންގެ ޓްރާންފަރ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އޮފިޝަލަކާ ހަވާލާދީ ގޯލްގައި ވެއެވެ.

މޯހަން ބަގާންއާ ގުޅުމަށް ތައްޔާރުވަމުންދާ އުމުރުން 29 އަހަރުގެ ސީބޯން ވަނީ، ސައުތުހެމްޓަންގެ އިތުރުން، އިނިގިރޭސި ލޮވަރ ޑިވިޝަންގެ އެކްސެޓަރ ސިޓީއާއި ކޮވެންޓްރީ ސިޓީއަށް ވެސް ކުޅެ ގިނަ ތަޖުރިބާތަކެއް ހޯދައިފައެވެ.

"ކްލަބުން ދަނީ އެކަމުގައި މަސައްކަތްކުރަމުން،" އިނގިރޭސި ވިލާތަށް ނިސްބަތްބާ ޑިފެންޑަރު ސީބޯންގެ ޓްރާންސްފަރއާ ގުޅޭ ގޮތުން މޯހަން ބަގާންގެ އިންޓަރިމް ކޯޗު ޝަންކަރުލާލް ޗަކްރަބޮޓީ ބުންޏެވެ.

އެކްސެޓަރ ސިޓީއާ އެކު 2007 ވަނަ އަހަރު ސޮއިކުރުމަށް ފަހު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ސީބޯން ގިނަ ދުވަސްތަކަކު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އެހެން ނަމަވެސް އެފަހަރު އަނިޔާއިން ސަލާމަތްވެ އެނބުރި އައިސް އޭނާ ވަނީ، އެ ކްލަބު ލީގު ޓޫއަށް ގެނެސްދިނުމަށް މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މޯހަން ބަގާންގައި މިހާރުވެސް ބިދޭސީ ތިން ޑިފެންޑަރުން ތިބި ނަމަވެސް، ސީބޯން ހޯދުމަށްއެ ކްލަބުން މަސައްކަތް ފަށާފައި ވަނީ، އެ ކުޅުންތެރީންގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ނުދާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް