ކޭޝް ކާޑު ރަމްޒީވެ، އެޒިންމާ ވެސް ފޯނަށް!

މީރު ކެއުމަކަށް އޯޑާ ކުރެއްވުމަށް ފަހު ފޯނު ނަމްބަރު ބުނެލުމާއެކު ފައިސާ ދެއްކުމުގެ ކަންކަން ހަމަޖެހިގެންއެދިޔައީ އެވެ. ޗެޓަކުން އަނެކާއަށް ފައިސާ ފޮނުވަންވީ އެވެ. ވޮލެޓަށް ލުއި އަތުގައި އޮތް ފޯނުން މާލީ މުއާމަލާތް ނިންމާލުމުގެ އިންތިޒާމް ގައުމީ ބޭންކް، ބޭންކު އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ. ވަރަށް ފަސޭހަ ވެއްޖެ އެވެ. ކޭޝްކާޑު ރަމްޒީއެއްޗަކަށް ވެއްޖެ އެވެ. އެއްޗަކީ ފޯނެވެ.

މޯބައިލް ފޯނާއި ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ބޭނުންކޮށްގެން ކޭޝްކާޑުން ކުރެވޭ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ބީއެމްއެލް އިން ރެއިން ފެށިގެން މިވަނީ ހަމަޖައްސައިފަ އެވެ. "ބީއެމްއެލް މޯބައިލް ޕޭ" އެޕްލިކޭޝަން ބޭނުންކޮށްގެން މައިގަނޑު ތިން ހިދުމަތެއް ކޭޝްކާޑާއި ނުލައި ފޯނުން ނިންމާލެވެ އެވެ.

ބީއެމްއެލް މޯބައިލްޕޭ ޚިދުމަތް ތައާރަފުކުރުމުގެ ރަސްމިއްޔާތުގައި އެބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ -- ސަން ފޮޓޯ

ޕީއޯއެސްއަށް ފޯން ދިއްކޮށްލުމާ އެކު ޕޭމަންޓް ނިމޭ!

ފިހާރައަކުން ނުވަތަ ތަނަކުން ހިދުމަތް ހޯދުމަށް ފަހު ވޮލެޓު ނެގުމަށް ފަހު ދިއްކޮށްލާ ކޭޝް ކާޑުގެ ބަދަލުގައި މިހިދުމަތާ އެކު ވިޔަފާރީގެ މުއާމަލާތައް އެރި ފައިސާގެ އަދަދު ޕީއޯއެސް މެޝިނުގައި ޖެހުމަށް ފަހު އެންޑުރޮއިޑް ފޯންތައް ޕީއޯއެސްއަށް ދިއްކޮށްލައި ވެރިފިކޭޝަން ދިނުމާ އެކު ޕޭމެންޓް ނިމިގެންދެ އެވެ. އައިފޯނެއް ނަމަ ފޯނު ދިއްކޮށްލުމުން ލިބޭ އެސްއެމްއެސް ވެރިފައި ކޮށްލުމާ އެކު ޕޭމަންޓް ނިމިގެންދެ އެވެ. އެއާ އެކު ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ކުރެވުނު ކަމުގެ ސުލިޕް ލިބިގެންދާނެ އެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް 50000 ރުފިޔާގެ މުއާމަލާތް އެގޮތަށް ކުރެވެ އެވެ.

ޗެޓަކުން ފައިސާ ފޮނުވޭ!

ބީއެމްއެލް މޯބައިލް ޕޭ އެޕް ފޯނަށް އެޅުމާ އެކު އެބޭފުޅެއްގެ ފޯނު ނަމްބަރު އެކާޑަކަށް ރަޖިސްޓްރީވެ އެވެ. އެހެންކަމުން އެއެޕްލިކޭޝަންއަށް ވަނުމުން ވައިބާ ފަދަ އެޕްލިކޭޝަނުން ފެންނަ ފަދައިން އެފޯނުގައި ހުރި ނަމްބަރުތަކުގެ ތެރެއިން އެހިދުމަތައް ރަޖިސްޓްރީ ކޮށްފައި ވަނީ ކޮން ނަމްބަރުތަކަކުންކަންއެނގެ އެވެ. އެހެން ކަމުން މީގެ ކުރިން ފައިސާ ޓުރާންސްފާ ކުރަން ބޭނުންވުމުން އެމީހެއްގެ އެކައުންޓް ނަމްބަރު ހޯދުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ކުރާކަށްނުޖެހެ އެވެ. މޯބައިލް ނަމްބަރު އެނގޭ ނަމަ ފައިސާ ޓުރާންސްފާ ކުރެވެ އެވެ.

ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ޓުރާންސްފާ ކުރެވެނީ 15000 ރުފިޔާ އެވެ.

އޯޑާ ކުރާއިރު ޕޭމަންޓު ހެދުމަށް ވަރަށް ފަސޭހަ!

މީގެ ކުރިން ނަމަ ކާއެއްޗަކަށް ނޫނީ އެހެނިހެން އެއްޗަކަށްވެސް އޯޑަރު ކޮށްގެން ޕޭމަންޓު ހަދާ ނަމަ ބޮޑު މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ގިނަ މައުލޫމާތު ތަކެއް ހިސާކުރަންޖެހެ އެވެ. އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ އިރު މިހިދުމަތާ އެކު މިކަމަށް އަދި މާފަސޭހައެވެ.

އެއްޗަކަށް އޯޑަރު ދިނުމަށް ފަހު އެމީހެއްގެ ފޯނު ނަމްބަރު ބުނުމުން ވިޔަފާރިވެރިޔާ ޕީއޯއެސްގައި އެނަމްބަރު ޖަހާލަ އެވެ. ވަގުތުން ފޯނަށް ނޮޓިފިކޭޝަނެއް އާދެ އެވެ. ނޮޓިފިކޭޝަން ކޮންފޯމް ކޮށްލުމާ އެކު ޕޭމަންޓު ކަންތައް އެނިމުނީ އެވެ.

މިހިދުމަތް ހޯދާނީ ކިހިނެއް!

އެމޯބައިލް ފޯނަކަށް އެޕްލިކޭޝަން އަޅާ ސުޓޯއަކުން "ބީއެމްއެލް މޯބައިލް ޕޭ" ހޯދުމަށް ފަހު ޑައުންލޯޑް ކުރައްވާށެވެ. އެއާ އެކު އެއެޕްލިކޭޝަންއަށް ގެންގުޅުއްވާ ފޯނު ނަމްބަރު ރަޖިސްޓްރީ ކުރައްވާށެވެ. އެއާ އެކު ކާޑު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކާޑުގައިވާ ކޯޑްތައް ޖެހުމާ އެކު ކުރެޑިޓް ކާޑެއް ނަމަ އޮންލައިންކޮށް ވެރިފައި ކޮޑް ލިބޭނެ އެވެ. ޑެބިޓް ކާޑެއް ނަމަ 3330100 އަށް ގުޅުމުން ކޯޑް ލިބޭނެ އެވެ. އެލިބޭ ކޯޑެއް ޖެހުމުން އެޕްލިކޭޝަން ރަޖިސްޓްރީކޮށް ހިދުމަތް ލިބިގެންދާނެ އެވެ.

ވަރަށް ރައްކާތެރި ހިދުމަތެއް!

ކޭޝް ކާޑު މީހެއްގެ އަތައް ދިނުމަކީ ނުރައްކާކަމެކެވެ. އެކާޑުގެ ޕިން ނޭންގުނު ނަމަވެސް ކާޑުގެ ނަމްބަރުތައް ބޭނުންކޮށްގެން ވިޔަފާރިތައް ކުރެވޭނެ އެވެ. އެހެންކަމުން އެއީ ރައްކާތެރި ގޮތެއްނޫނެވެ.

ބީއެމްއެލްގެ މިހިދުމަތާ އެކު އެއްވެސް ހިދުމަތެއް ހޯދާއިރު ކާޑުގެ މައުލޫމާތު ވިޔަފާރި ވެރިޔާއަށް ނުލިބޭނެ އެވެ. ހަމައެއާ އެކު އޮންލައިންކޮށް ޕޭމަންޓްތަކުގެ މައުލޫމާތު ޗެކްކުރެވެ އެވެ. އެހެންކަމުން މިއީ ރައްކާތެރި ޒަމާނީ ހިދުމަތެކެވެ.

ކަސްޓަމަރުންނަށް ފަސޭހަ ގޮތްތައް ފޯރުކޮށްދިނުމަށް ގައުމީ ބެންކުން މިކުރާ މަސައްކަތުގެ ތެރެއިން ރޭ ތައާރަފްކުރި އެހިދުމަތާ އެކު އެ ބޭންކުގެ ހުރިހާ ޕީއޯއެސް މެޝިނަކުން އެހިދުމަތް މިހާރު ލިބިގެންދާނެ ކަމަށް އެބެންކުންބުނެ އެވެ. އެހެންކަމުން މިއީ ވޮލެޓުން ކޭޝް ކާޑު ނުގަނައި އަތުގައި އޮންނަ މޯބައިލް ފޯނުން ޕޭމަންޓު ހަދާލެވޭވަރުގެ ހިދުމަތެކެވެ.

comment ކޮމެންޓް