30 އަހަރަށް ފަހު އަލުން އެފްރިކާ އިއްތިހާދާ ގުޅެން މޮރޮކޯ އިން އެދިއްޖެ

މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަ ވަނަ، އަދި ރުވަންޑާގެ ރައީސް ޕޯލް ކަގާމޭ --ފޮޓޯ/ އޭޕީ

މީގެ 32 އަހަރު ކުރިން އެފްރިކާ އިއްތިހާދު (އެފްރިކަން ޔޫނިއަން) އިން އަމިއްލަ އަށް ވަކިވި މޮރޮކޯއިން އެ އިއްތިހާދާ އަލުން ގުޅުމަށް އެދިއްޖެ އެވެ.

މޮރޮކޯ އެފްރިކަން ޔޫނިއަނުން ވަކިވީ 1984 ވަނަ އަހަރު، އެ އިއްތިހާދުން ވެސްޓަން ސަހަރާއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުންނެވެ. މޮރޮކޯ އިން ބުނަމުން ދިޔައީ ވެސްޓަން ސަހަރާ ނުވަތަ ޞަޙްރަލް ޣަރްބިޔާއަކީ އެ ގައުމުގެ އެންމެ ދެކުނު ޕްރޮވިންސް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ 30 އަހަރު އެފްރިކަން ޔޫނިއަނާ ދުރުގައި އޮތުމަށް ފަހު، މޮރޮކޯއިން ވަނީ އެ އިއްތިހާދާ ގުޅެން ބޭނުންވާކަމަށް ބުނެ، ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރުވަންޑާގެ ކިގާލީގައި އިއްޔެ ނިމިގެން ދިޔަ އެފްރިކަން ޔޫނިއަންގެ 27 ވަނަ ސަމިޓަށް މޮރޮކޯއިން ވަނީ ޚާއްސަ މަންދޫބެއް ފޮނުވައިފަ އެވެ. އަދި އެގައުމުން އިއްތިހާދުގައި އަލުން ބައިވެރިވާން ބޭނުންވާކަން ސަމިޓުގައި މޮރޮކޯ އިން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އެފްރިކަން ޔޫނިއަނާ މޮރޮކޯއާ ޖެހިފައިވާ މައްސަލަ ކަމުގައިވާ ވެސްޓަން ސަހަރާގެ ދައުލަތުގެ މައްސަލައިގައި ދުލެއް ދިނުމަށް ނުވަތަ ޚިޔާލު ބަދަލު ކުރުމަށް އެފްރިކަން ޔޫނިއަން ހުރީ ތައްޔާރަށް ކަމަށް ނުބެލެވެ އެވެ. އެ އިއްތިހާދުން ބުނީ ވެސްޓަން ސަހަރާގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ގޮތުން، އަމިއްލައަށް ވެރިކަން ކުރުމަށް އެދޭތޯ ބެލުމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދޭ ކަމަށެވެ.

ވެސްޓަން ސަހަރާގައި އުފެދިފައިވާ މައްސަލައާ ގުޅިގެން އެސަރަހައްދުގެ އަމަން ބަލަހައްޓަނީ އދގެ ޕީސްކީޕިން މިޝަންތަކުންނެވެ.

comment ކޮމެންޓް