އޮލިމްޕިކް ސްވިމިންގް އަށް ނިޝްވާން އާއި ސަޖަން ދާގޮތަށް ހަމަޖެހިއްޖެ

އަންނަ މަހު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގެ ސްވިމިން އިވެންޓްގައި ރާއްޖޭގެ ފަރާތުން ވާދަކުރާނެ ނިޝްވާން(ކ) އަދި ސަޖަން ----

އަންނަ މަހު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގެ ސްވިމިން އިވެންޓްގައި ރާއްޖޭގެ ފަރާތުން ދާނެ ދެ އެތުލީޓަކަށް ނިޝްވާން އިބްރާޙީމް އަދި އާމިނަތު ސަޖަން ދާގޮތަށް ހަމަޖެހިއްޖެ އެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ ނިޝްވާން އަދި ސަޖަން އަށް އެ ފުރުސަތު ދޭގޮތަށް ނިންމީ ބައިނަލްއަޣްވާމީ ފެތުމުގެ ކުޅިވަރުތަކާ ބެހޭ ޖަމިއްޔާ އިން ފާއިތުވި ދެއަހަރުބޭއްވި ފެތުމުގެ މުބާރާތްތަކުގައި ވާދަކޮށް، އެދެފެތުންތެރިން ހޯދާފައިވާ ނަތީޖާގެ ކުރިއެރުމަށްބަލައި އެ ޖަމްޢިއްޔާ އިން ކަމަށެވެ.

ބްރެޒިލްގެ ރިއޯގައި އޮގަސްޓް 5 އިން 21 ށް ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގައި ނިޝްވާން ފެތުމަށް ހަމަޖެހިފައި ވަނީ ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓެވެ. އަދި ސަޖަން ފެތުމަށް ހަމެޖިފައި ވަނީ އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓެވެ.

ދެހާސް ސާދަ ވަނަ އަހަރު ދިވެހިރާއްޖޭގެ އެންމެ މޮޅު ފެތުންތެރިންގެ ގޮތުގައި ހޮވިފައިވާ ނިޝްވާން އަދި ސަޖަންއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ފީނާ އަދި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ސޮލިޑާރިޓީ ޕްރޮގްރާމްގެ އެހީތެރިކަމާ އެކު މިހާރު ވެސް ރާއްޖެ އިން ބޭރުގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންދާ ދެފެތުންތެރީންނެވެ. މީގެތެރެއިން ނިޝްވާން ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ ސައުތު އެފްރިކާގެ ޑަރބަންގަ އެވެ. އަދި، ސަޖަން ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ ތައިލަންޑްގެ ޕުކެޓްގަ އެވެ.

އެ މުބާރާތުގައި ފެތުންތެރިންގެ ކޯޗެއްގެ ގޮތުގައި ބައިވެރިވާނީ ދިވެހިރާއްޖޭގެ ގައުމީ ހެޑް ކޯޗް، އިސްމާޢީލް ފަރުޙާނެވެ. މެނޭޖަރެއްގެ ގޮތުގައި ސްވިމިންގް ޓީމާއި ޙަވާލުވެގެންދާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝާރިފެވެ.

comment ކޮމެންޓް