ސަލްމާން ކައިވެނި ކުރާނެ ދުވަސް އޭނާ ބުނެފި

ސަލްމާން ޚާން

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ކައިވެނި ކުރާނެ ދުވަހަކީ ގިނަ އަންހެން ކުދިންނެއްގެ ހިތްތައް ކުދިވާނެ ދުވަހެއް ނަމަވެސް، އެއީ ގިނަ ބަޔަކު އިންތިޒާރު ކުރާ ބޮޑު ދުވަހެކެވެ.

ސަލްމާން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ ރޫމޭނިއާގެ ޓީވީ ތަރި ޔޫލިއާ ވަންތޫރުގެ ކައިވެނި ވަރަށް އަވަހަށް ކުރާނެ ކަމަށް ބައެއް މީޑިއާތަކުން ބުނާއިރު، އެ ކައިވެނި އަންނަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ކުރާ ގޮތަށް ހަމަޖެހިފައިވާ ވާހަކަތަކެއް ވެސް މިވަނީ މީޑިއާގައި މީގެ ކުރިން ދެކެވިފަ އެވެ. އަދި އެ ތާރީހަކީ ސަލްމާންގެ އާއިލާ އިން ކަނޑައެޅި ދުވަހެއް ކަމަށް ވެސް ބުނެ އެވެ.

އެ ކައިވެންޏާ ގުޅޭ ގޮތުން އޭނާއާ ކުރިމަތިކުރުވި ސުވާލުތަކަށް މިއަދާ ހަމައަށް ވެސް ސަލްމާން ހުރީ ޖަވާބެއްނުދީ އެވެ. ނުވަތަ ދެނީ ފިނި ޖަވާބެކެވެ. ނަމަވެސް ސަލްމާން ކައިވެނިކުރާނެ ދުވަހެއް އޭނާ މިވަނީ ހާމަކޮށްފަ އެވެ. އެއީ ނޮވެމްބަރު މަހެއްގެ 18 ވަނަ ދުވަހެވެ.

ނޭނގޭ އެއްޗަކީ އެއީ ކޮން އަހަރެއް ކަމެވެ. އެ އަހަރެއް ސަލްމާން އަކަށް ވެސް ނޭނގެ އެވެ.

އިންޑިއާގެ ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާގެ އޮޓޯބަޔޮގުރަފީ ނެރެދިނުމަށް ފަހު އިއްޔެ ބޭއްވި ހަފްލާއެއްގައި ސާނިއާ ވަނީ ސަލްމާން ކައިވެނި ކުރާނެ ދުވަހެއް އެނގެން އެންމެން ވެސް ބޭނުންވާ ކަމަށް ބުނެ، އޭނާއާ އެ ސުވާލު ކުރިމަތި ކޮށްފަ އެވެ.

ސުވާލުގެ ޖަވާބެއްގެ ގޮތުގައި ސަލްމާން ބުނީ އެއީ ނޮވެމްބަރު 18 ކަމަށެވެ. ނަމަވެސް އެއީ ކޮން އަހަރެއްގެ ދުވަހެއްކަން ނޭނގުނު ނަމަވެސް އެކަން ވާނެ ކަމަށް އޭނާ ބުންޏެވެ.

ނޮވެމްބަރު 18 އަކީ ސަލްމާން އަށް ވަރަށް ވެސް ހާއްސަ ދުވަހަކެވެ. އެ ދުވަހަކީ ސަލްމާންގެ ބައްޕަ ސާލިމް ޚާން އޭނާގެ މަންމަ ސަލްމާއާ ކައިވެނި ކުރި ތާރީހެވެ. އަދި ސަލްމާންގެ ކޮއްކޮ އަރުޕިތާ ޚާން ވެސް މީގެ ދެ އަހަރު ކުރިން، އާޔޫޝް ޝަރުމާއާ ކައިވެނި ކޮށްފައި ވަނީ ވެސް ނޮވެމްބަރު 18 ވަނަ ދުވަހު އެވެ.

comment ކޮމެންޓް