ހާދަރު: ނޮވެމްބަރު 3ގެ ބަތަލުންގެ ހިތްވަރު ފުރިހަމައަށް ދައްކުވައިދޭ

ހާދަރުގެ ޕޯސްޓަރެއް.

ކުރިން ހީކުރެވުނު ފަދައިން ދިވެހި ސިފައިން އުފެއްދި ފުރަތަމަ ފިލްމު "ހާދަރު" މިވަނީ ހަގީގަތުގައި ވެސް ވަރަށް ފުރިހަމަ ފިލްމަކަށް ވެގެންގޮސްފަ އެވެ. މިފަދަ ފިލްމެއްގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމައަށް އެ ފިލްމުގައި ދައްކުވައިދީފައިވެ އެވެ. ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ހަމަލާދިން ދިވެހީންނަށް ވަނީ މީގެ ކުރިން އެތަކެއް އިބުރަތްތަކެއް ލިބިފަ އެވެ. ނަވާރަ ދިވެހީން ޝަހީދުވެގެން ދިޔަ އެ ކަޅު މާޒީގެ މަތިން އިތުރަށް ވިސްނައި ފިކުރު ކުރެވެ އެވެ. އެ ދުވަހު ދިވެހި ސިފައިން ދެއްކި ރިވެތި މިސާލާއި ދެއްކި ހިތްވަރު މިއަދު ވެސް ސިފައިންގެ ކިބައިގައި ހުރިކަން އެ ފިލްމުން ދައްކުވައިދެ އެވެ.

ދިވެހި ސިފައިންނަށް ބިލިއަނުން ރިޝްވަތު ދިނަސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ދޭން އުޅޭ މީހުންނާ ދެކޮޅަށް އެއްވެސް ފަސްޖެހުމެއް ނެތި ސިފައިން ނުކުންނާނެކަން އެ ފިލްމުން ދައްކުވައިދެ އެވެ.

ހާދަރު ފިލުމުގެ މަންޒަރެއް ---

އެ ފިލްމުގައި 3 ނޮވެމްބަރުގެ ބަތަލު ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ހުސައިން އާދަމްގެ މިސާލު ދައްކުވައި ދޭ ރޯލެއް ކުޅެފައިވެ އެވެ. އެ ފިލްމުގައި ފެނިގެންދާ ގޮތުން ހުސައިން ނަމަކަށް ކިޔާ މީހަކު ކުޑައިރުން ފެށިގެން ސިފައިންގެ މީހަކަށް ވުމަށް އަޒުމު ކަނޑައަޅައި ތެދުވެރި ނަޒާހަތްތިއެއްގެ ގޮތުގައި ދެމިހުރެ އެވެ. އެންމެ ފަހުން އެ އުންމީދުތައް ހަގީގަތަކަށް ވެގެންދެ އެވެ. ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އޭނާ މަސައްކަތް ކުރެ އެވެ. އެ ފިލްމުން ދައްކުވައިދޭ ހުސައިން ވެގެން ގޮސްފައި ވަނީ ގައުމަށް ވަފާތެރި މީހެއްގެ ގޮތުގަ އެވެ. ހިތްވަރާއި އަޒުމާއެކު އޭނާ ކުރިމަތިލަނީ ވަރުގަދަ ހަނގުރާމައަކަށެވެ. ގައުމުގެ ދިފާއުގައި އޭނާ ކެރިގެން ނުކުންނަ މަންޒަރު އެ ފިލްމުން ފެނިގެންދެ އެވެ.

ޗީފް އޮފް ޑިފެންސްފޯސް އަހުމަދު ޝިޔާމްގެ ޚިޔާލުގެ މައްޗަށް "ހާދަރު" ވާހަކަ ލިޔެފައި ވަނީ މަޝްހޫރު ވާހަކަލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދެވެ. ސިފައިންގެ ޖަމްއިއްޔާ ސިފްކޯ އިން ޕްރޮޑިއުސްކުރި އެ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ސިފައިން އުފެއްދި ގިނަ ޓެލެޑްރާމާތަކެއް ޑައިރެކްޓްކޮށްފައިވާ އަޝްއަރު ވަހީދެވެ.

މިފަދަ ބުރަ މަސައްކަތެއް ކޮށްގެން މި ފިލްމު ގެނެސްދިނުމުގެ ބޭނުމަކީ ކޮބައިތޯ މިއީ ގިނަ ބަޔަކު މިހާތަނަށް އުފެއްދި ސުވާލެކެވެ. އެ ސުވާލުގެ ޖަވާބު ރޭ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ދެއްވާފަ އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިހާރުގެ ޖީލަށް އެ ހާދިސާ އެންމެ ރަނގަޅަށް އިހްސާސް ކުރެވޭ ގޮތަށް ކިޔައިދެވެން އޮތީ ފިލްމެއްގެ ސިފައިއެވެ.

ފިލްމު ޕްރިމިއާ ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެއީ ވިދާޅުވީ ދިވެހީންގެ ތެރެއަށް ނޭދެވޭ އަސަރު ފޯރަފާނެ މައްސަލަތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ މުހިންމު ފިލްމެއް ކަމަށެވެ.

އެ ފިލްމުގައި ފަހުގެ ޓެކްނޮލޮޖީ ވަރަށް ބޮޑަށް ބޭނުންކޮށްފައިވެ އެވެ. ފިލްމުގެ ބައެއް މަންޒަރުތައް ޑްރޯން އިން ނަގާފައިވާ އިރު، ބަޑިޖަހާ މަންޒަރު ދައްކުވައިދެނީ އެނިމޭޓްކޮށްގެނެވެ.

އޮލިމްޕަހުގެ އިތުރުން ހދ. ކުޅުދުއްފުށި، ލ. ގަން، ލ. ފުނަދޫ، ސ. ހިތަދޫ، ސ. މަރަދޫ އަދި ޅ. ނައިފަރު ގައި ވެސް 16 ވަނަ ދުވަހުގެ ރޭ ފިލްމު ޕްރިމިއާ ކުރުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ޝްވެކް ސިނަމާގައި ވެސް "ހާދަރު" ދައްކާނެ އެވެ.

މި ފިލްމު ބެލި ގިނަ މީހުން ބުނެފައި ވަނީ އެއީ ވަރަށް ކަމުދާ ފިލްމެއް ކަމަށާއި ހުރިހާ ގޮތަކުން ވެސް އެ ފިލްމު ފުރިހަމަ ކަމަށެވެ.

comment ކޮމެންޓް