ދިވެހި ސިފައިންގެ ''ހާދަރު'' ޕްރިމިއާކޮށްފި

ދިވެހި ފިލްމު "ހާދަރު" ޕްރިމިއާ ކުރުމަށް ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ތައްޔާރުކުރި ދިވެހި ފިލްމު "ހާދަރު" މިރޭ އޮލިމްޕަހުގައި ޕްރިމިއަރ ކޮށްފި އެވެ.

ތިނެއް ނޮވެމްބަރުގައި ދިވެހިން ދުށް ނުރައްކާތެރި އުދުވާނީ ހަމަލާގައި އެކުލެވިގެންވާ އަސަރާއި ހިތްދަތިކަން އަދި ޖެހިލުން ކުޑަކަމާއި ގައުމީ ބަތަލުންގެ ގުރުބާނީތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ހާދަރު" ޕްރިމިއަރކޮށް ދެއްވީ، އެކަމަށް ހާއްސަކޮށް އޮލިމްޕަހުގައި މިރޭ ކުރިއަށްދާ ހާއްސަ ޝޯގައި، ސިފައިންގެ ވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ތައްޔާރުކުރި ދިވެހި ފިލްމު "ހާދަރު" ޕްރިމިއަރ ކުރުމުގެ ހަފްލާގެ ތެރެއިން: ފިލްމު ޕްރިމިއަރކޮށް ދެއްވީ، އެކަމަށް ހާއްސަކޮށް އޮލިމްޕަހުގައި ބޭވި ޝޯގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިރޭގެ އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ތިނެއް ނޮވެމްބަރު ހާދިސާގައި ރާއްޖެއަށް އެހީތެރިވުމަށް އައި އިންޑިއާ އަސްކަރިއްޔާގެ ކޮމާންޑަރާއި، ސިފައިންގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް އިސްވެރީން ބައިވެރިވެޑައިގަތެވެ. އަދި ދިވެހި ފިލްމީދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނާއި އެނޫން ވެސް ހާއްސަ ފަރާތްތައް ބައިވެރިވި އެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު ''ހާދަރު'' ޑައިރެކްޓް ކޮށްފައި ވަނީ ސިފައިންގެ މޮޅު ޑްރާމާތައް ވެސް ޑައިރެކްޓު ކޮށްފައިވާ އައްސަރު ވަހީދެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ތައްޔާރުކުރި ދިވެހި ފިލްމު "ހާދަރު" ޕްރިމިއަރ ކުރުމުގެ ހަފްލާގެ ތެރެއިން: --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިލްމު ޝޫޓުކޮށްފައި ވަނީ ލ. އަތޮޅުގަ އެވެ. ޝޫޓިން އަށް ހަތަރު ވަރަކަށް މަސް ދުވަސް ވަނީ ހޭދަވެފަ އެވެ.

ފިލްމު "ހާދަރު" އަކީ ސިފައިންގެ އެކުވެރި ސިފްކޯ ކުންފުނީގެ އެހީތެރިކަމާ އެކު އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުކޮށްފައި ނުވާ އިރު، ފިލްމުގެ ސްޕޮންސަރުންގެ ތެރޭގައި އެސްޓީއޯ، އެލައިޑް އިންޝުއަރެންސް އަދި އުރީދޫ ހިމެނެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ތައްޔާރުކުރި ދިވެހި ފިލްމު "ހާދަރު" ޕްރިމިއަރ ކުރުމުގެ ހަފްލާގެ ތެރެއިން: ތިނެއް ނޮވެމްބަރުގައި ރާއްޖެއަށް އެހީތެރިވެދިން އިންޑިއާ ސިފައިންގެ ކޮމާންޑަރު ޕީއެސްއެމަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހާދަރަށް ކުރި ދިގު އިންތިޒާރަށް މިވަނީ ނިމުން އައިސްފަ އެވެ. މިރޭ އޮލިމްޕަހުގެ ސިނަމާގައި "ހާދަރު" އަޅުވަފާއިވާ އިރު، ފިލްމުގެ ޓިކެޓު ވިއްކުމުގެ ކަންތައް މިހާރު ވެސް ކުރިއަށް ދަނީ އެވެ. އޮލިމްޕަހުންނާއި ސިފްކޯ ފެމިލީ މާޓްގެ އިތުރުން ބަންޑާރަ ކޮށްޓާއި ކަޅުތުއްކަލާ ކޮށިން ޓިކެޓު ވިއްކަން ހުރި އިރު، ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ.

ހާދަރުގެ ދެވަނަ ޓްރެއިލާގެ ސްކްރީންޝޮޓެއް. ފިލްމު އުފައްދާފައި ވަނީ 3 ނޮވެމްބަރުގެ ހާދިސާގެ މައްޗަށް ---

އޮލިމްޕަހުގެ އިތުރުން ހދ. ކުޅުދުއްފުށި، ލ. ގަން، ލ. ފުނަދޫ، ސ. ހިތަދޫ، ސ. މަރަދޫ އަދި ޅ. ނައިފަރު ގައި ވެސް މިރޭ ފިލްމު ޕްރިމިއަރ ކުރުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ޝްވެކް ސިނަމާގައި ވެސް "ހާދަރު" ދައްކާނެ އެވެ.

ތިނެއް ނޮވެމްބަރުގެ ހަމަލާ ތަޖުރިބާ ކުރި ފަރާތްތަކަށް އެކަން ދުވަހަކު ވެސް ހަނދާނުން ނުފިލާނެ އެވެ. އަދި އިއްޔެ ވީކަމެއް ހެން، ބަޑީގެ އަޑު ކަންފަތުގައި ގުގުމާނެ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް ޒުވާން ޖީލަށް އެ ހަމަލާގެ އިހުސާސް، ގައުމާއި ދީނަށް ޓަކައި، މޭ އައްޑަނައަކަށް ދިއްކޮށްލައިގެން ނުކުމެ ޝަހީދުވި އަބްތޯލުން ވެވަޑައިގެންނެވި ގުރުބާނީ އަންގައިދޭނީ ކިހިނެތް ހެއްޔެވެ.

ހާދަރުގެ ދެވަނަ ޓްރެއިލާގެ ސްކްރީންޝޮޓެއް. ފިލްމަކީ ދިވެހި ފިލްމީ ދާއިރާ ސިއްސުވާލާނެ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން އެމްއެންޑީއެފް އިން ވަނީ ދީފައި ---

ބަވަނަ ވަމުން އަންނަ ދުނިޔެއެއްގައި އިންސާނުންގެ ވިސްނުމާ އެންމެ ފަސޭހަ އިން ކުޅެލާ އެއް ވަސީލަތަކީ މީޑިއާ އެވެ. އެހެންކަމުން ގައުމު ދެކެ ލޯބިވާ ބަޔަކު އުފެއްދުމަށް އަދި ގައުމުގެ އަމާންކަމަށް ގެއްލުންވާނެ ކޮންމެ ކަމަކާ ދޭތެރޭގައި މީހުން ހޭލުންތެރި ކުރުވުމަށް ސިފައިންވެސް ބޭނުން ހިފީ އެ ވަސީލަތުގެ އެވެ.

"ހާދަރު" ރާއްޖެ ސިއްސުވާލާނެ ކަމަށާއި އެ ފިލްމުގެ ސަބަބުން ގިނަ ބަޔަކަށް ހީ ނުކުރާ ވަރުގެ ބޮޑެތި މެސެޖުތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ސިފައިން ދެ އެވެ.

----------------

* ދިވެހި ފިލްމު "ހާދަރު" ޕްރިމިއަރ ކުރުމަށް ބޭއްވި ހަފްލާއާ ގުޅޭ އިތުރު ފޮޓޯތައް

comment ކޮމެންޓް