ރާއްޖޭގައި ޝޫޓުކުރި ސްޓާވޯޒް ފިލްމުގެ ޕޯސްޓަރުގައި ބަރެސްދޫ!

ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީގެ ޕޯސްޓަރު --

މިދިޔަ އަހަރު ދިވެހިރާއްޖޭގައި ޝޫޓުކުރި ސްޓާވޯޒްގެ އާ ފިލްމު "ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީ"ގެ މޫވީ ޕޯސްޓަރުގައި ރާއްޖޭގެ މަންޒަރެއް ހިމަނައި، އެ ޕޯސްޓަރު އާންމުކޮށްފި އެވެ.

މި ޕޯސްޓަރު އާންމުކޮށްފައިވަނީ މިއަދު ލަންޑަންގައި ބޭއްވި "ސްޓާވޯޒް ސެލެބްރޭޝަން" ހަރަކާތުގަ އެވެ. އާންމުކުރި ޕޯސްޓަރުން ފެންނަނީ ރާއްޖޭގެ ގޮނޑުދޮށެއްގައި، ގެލެކްޓިކް އެމްޕަޔާގެ ސްޓޯމް ޓްރޫޕާސްއާއި ރެބެލް އެލަޔަންސާ ދެމެދު ހަމަލާ ބަދަލުކުރާ މަންޒަރެވެ.

ޕޯސްޓަރުން ދައްކައިދޭ މަންޒަރުން ފެންނަނީ ލ. ބަރެސްދޫ އެވެ.

ސްޓާވޯޒްގެ މި ފިލްމުގެ ބައެއް މަންޒަރުތައް ޝޫޓު ކޮށްފައިވަނީ ލ. ބަރެސްދޫގެ އިތުރުން ހައްދުންމަތީގެ ބައެއް ސަރަހައްދު ތަކުގަ އެވެ. މި ފިލްމުން ދިވެހި އަސްކަރިއްޔާގެ ބައެއް ސިފައިން ވެސް ފެނިގެން ދާނެ އެވެ. އަދި މި މަންޒަރުތައް ޝޫޓު ކޮށްފައިވަނީ ފިލްމުން ފެންނަން ބޭނުންވާ މާހައުލުގައި ކަމުން، ގްރީން ސްކްރީން ސޮފްޓްވެއާ ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތް ވަރަށް މަދު ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.

ފިލްމުގެ ޑިރެކްޓަރު ގެރެތު އެޑްވާޑްސް ބުނެފައިވާ ގޮތުގައި، މި ފިލްމުގައި ދިވެހި ސިފައިންގެ ދައުރެއް ފެނިފައިވާ އިރު، ސްޓާވޯޒް ފިލްމާ ބެހޭ މައުލޫމާތު ނުވަތަ ސްޓޯމްޓްރޫޕާސްއަކީ ކޮން ބައެއްކަން ވެސް ސިފައިންނަށް ނޭނގެ އެވެ.

ރާއްޖޭގެ އިތުރުން، މި ފިލްމުގެ މަންޒަރުތައް އައިސްލެންޑް، އުރުދުން އަދި އިނގިރޭސި ވިލާތުގެ އެލްސްޓްރީ ސްޓޫޑިއޯސްގަ އެވެ.

މިއަދު ބޭއްވި ސްޓާވޯޒް ސެލެބްރޭޝަން ހަފްލާގައި ފިލްމުގެ ޕޯސްޓަރުގެ އިތުރުން ފިލްމު އުފެއްދުމުގައި ފިލްމުގެ ޓީމު ހަރަކާތްތެރިވާ މަންޒަރުތަކެއް ދައްކައިދޭ ވީޑީއޯއެއް ވެސް އާންމުކޮށްފައި ވެ އެވެ. މި ވީޑިއޯއިން ވެސް ރާއްޖޭގައި ފިލްމު އުފެއްދުމުގެ މަސައްކަތް ކުރާ މަންޒަރު ދައްކަ އެވެ. އަދި ހަމަ އެއާ އެކު، ރިލީޒް ކޮށްފައިވާ ފިލްމުގެ ޓްރެއިލާއިން ވެސް ރާއްޖެ ދައްކުވައިދެ އެވެ.

ދުނިޔޭގެ މަޝްހޫރު ފިލްމު ފްރެންޗައިޒެއްގައި ރާއްޖެ ހިމެނި، ރާއްޖޭގެ މަންޒަރުތަކާއި ބައިވެރިވުން އެ ފިލްމުން ފެނުމަކީ ރާއްޖެ ދުނިޔޭގައި ޕްރޮމޯޓު ވުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.

comment ކޮމެންޓް