ދުނިޔޭގެ ބެސްޓް އެއާލައިންކަން އެމިރޭޓްސްއަށް ލިބިއްޖެ

އެމިރޭޓްސްގެ ފްލައިޓެއް -- ފޮޓޯ/ ގެޓީ

ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސްގައި ދުނިޔޭގެ އެންމެ ރަނގަޅު އެއާލައިނުގެ ޝަރަފުވެރި އެވޯޑު އެމިރޭޓްސްއަށް ލިބިއްޖެ އެވެ.

މިއީ އެމިރޭޓްސްއަށް މި އެވޯޑު ލިބުނު ހަތަރުވަނަ ފަހަރެވެ. ސްކައިޓްރެކްސްއިން އެއާލައިން އެވޯޑްސް މީގެ 15 އަހަރު ކުރިން ތައާރފު ކުރި އިރު، ބެސްޓް އެއާލައިންގެ އެވޯޑު އެމިރޭޓްސްއަށް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ލިބިފަ އެވެ. ފުރަތަމަ ފަހަރަށް ސްކައިޓްރެކްސް އެވޯޑު ދިން 2001 ވަނަ އަހަރާއި 2002 ވަނަ އަހަރާއި އަދި 2013 ވަނަ އަހަރު އެވެ.

ދުނިޔޭގެ ބެސްޓް އެއާލައިނުގެ އެވޯޑަކީ އެއާލައިންތަކުގެ ދާއިރާގެ އެންމެ މަތީ ޝަރަފެވެ. ބެސްޓް އެއާލައިނުގެ އިތުރުން އެމިރޭޓްސް އަށް ވަނީ ބެސްޓް އިންފްލައިޓް އެންޓަޓެއިންމެންޓް އެވޯޑު ވެސް ލިބިފަ އެވެ. މިދިޔަ 11 އަހަރު ވެސް އެ އެވޯޑު ލިބިފައި ވަނީ އެމިރޭޓްސް އަށެވެ.

މި ޝަރަފުތަކާ ގުޅިގެން އެމިރޭޓްސް އެއާލައިން ރައީސް ސާ ޓިމޮތީ ކްލާކް ވިދާޅުވީ އެއާލައިން ދާއިރާގައި އެންމެ މަތީ ޝަރަފު ލިބުމަކީ އެމިރޭޓްސްއަށް ލިބޭ ވަރަށް މަތިވެރި ފަޚުރެއް ކަމަށާއި، އެމިރޭޓްސްއިން އަބަދުވެސް ކުރިޔަށް ނެރެނީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ކޮށްދޭންޖެހޭ ކަންކަން ކަމަށެވެ.

އެމިރޭޓްސް އަށް ދުނިޔޭގެ އެންމެ ރަނގަޅު އެއާލައިންގެ އެވޯޑު ލިބުނު އިރު، ދެވަނައަށް އެންމެ ބެސްޓް އެއާލައިނުގެ އެވޯޑު ލިބުނީ ގަތަރު އެއާވޭސް އަށެވެ.

އެމިރޭޓްސްއަކީ އެކުވެރި އަރަބި އިމާރާތުގައި ހިމެނޭ ދުބާއީ ސަރުކާރުގެ އެއާލައިނެވެ.

ޔޫއޭއީގެ އަބޫ ދާބީ ސަރުކާރުގެ އެއާލައިން އިއްތިހާދު އެއާވޭސް ސްކައިޓްރެކްސް އެވޯޑްސްގައި އައިސްފައި ވަނީ ހަ ވަނަ އަށެވެ.

comment ކޮމެންޓް