އެތެރޭގެ އުދުހުން ދިވެހިންނަށް ބުރައެއް؟

ދެ މީހަކު ޑޮމެސްޓިކް އެއާލައިނަކުން ފައިބައިގެން އަންނަނީ -- ސަން ފައިލް ފޮޓޯ

ހުސެއިން ހަމީދު،24،ގެ އާއިލާ ދިރިއުޅެނީ ރަށުގަ އެވެ. ހުސެއިން ވަޒީފާއަށް ޓަކައި ދިރިއުޅެނީ މާލޭގަ އެވެ. މަންމައާއި އާއިލާ މެމްބަރުން ގާތަށް ދޭތެރެ ދޭތެރެއިން ދިއުމަށް ކިތަންމެހާ ވެސް ބޭނުންވެ އެވެ. މަންމަގެ އެންމެ ބޮޑު އެއް އެދުމަކީ ވެސް އެއީ އެވެ. މާލޭގެ ބަރުބޮޑު ދިރިއުޅުމުގެ ތެރެއިން އެއީ ކުރަން ފަސޭހަ ހަރަދެއްނޫނެވެ. އެއީ ފްލައިޓް ޓިކެޓަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމެވެ. މިއީ އޭނާ އާއި އާއިލާއާ ދޭތެރޭ އެޅިފައިވާ ހުރަހެކެވެ.

އަވައްޓެރި ގައުމަކަށް ދިއުމަށް ކުރަން ޖެހޭ ހޭދައަށް ވުރެ ބޮޑު ހޭދައެއް އުފަން ރަށަށް ދިއުމަށް މިވަނީ ކުރަންޖެހިފަ އެވެ. ޓިކެޓުތައް މިއުޅެނީ ކޮޅަކަށް އެއްހާސް ރުފިޔާއަށް ވުރެ މަތީގަ އެވެ. އެ ހަރަދު އިތުރަށް ބޮޑުވެގެން ދަނީ ރާއްޖެ އުފެދިފައިވާ ގޮތުން އެއާޕޯޓް އޮންނަ ރަށަށް ދިއުމަށްފަހު ވެސް ބޭނުންވާ ރަށަށް ދިއުމަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމެވެ. އެހެންކަމުން އުފަން ވަޒަނަށް ދިއުން މިވަނީ ބުރައަކަށްވެފަ އެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ދެ ކުންފުނިން މަސައްކަތްކުރާ އިރު ޓިކެޓު އަގު ބޮޑުވުމައީ ދިވެހިންނާއި ޓޫރިސްޓުންގެ ވެސް ޝަކުވާއެކެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ ހައްލަކީ ކޮބާހެއްޔެވެ؟

ޓިކެޓު އަގު ބޮޑީ ކީއްވެ؟

ބައިނަލްއަގުވާމީ ދަތުރުތައް ކުރާ ފުލައިޓްތައް ބޮޑުވެފައި ކަސްޓަމަރުންނަށްދޭ ހިދުމަތްވެސް ފުރިހަމަ އެވެ. ފުލައިޓަށާއި ކެއުމަށް ބަލާލި ނަމަވެސް އެކަން ހާމަވެ އެވެ. އެހެންކަމުން ކުރަން ޖެހޭ ހަރަދުވެސް ބޮޑުވާނެތާ އެވެ. އެހެންނަމަވެސް ބައެއް ފަހަރު އެފަރާތްތަކުން ވެސް ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ވުރެ ހެޔޮއަގުގައި ޓިކެޓު ވިއްކަ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވި ގޮތުގައި ފުލައިޓް ޓިކެޓު އަގު ބޮޑުކުރަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ދުވަހުން ދުވަހަށް މެއިންޓެނެންސް ހަރަދުތަކާއި ހިންގުމުގެ ހަރަދު ބޮޑުވުން ހިމެނެ އެވެ. އަގުހެޔޮ ފެއާގައި ހުރިހާ ޓިކެޓެއް ވިއްކައިފި ނަމަ ދެކޮޅު ނުޖެހޭނެ ކަމަށް ހާރިސް ވިދާޅުވި އެވެ.

"އެންމެ ލޯ ފެއާ މުޅި ބޯޓް އެއްކޮށް ވިއްކާލައިފިއްޔާ ހަރަދު ވެސް ކަވަރުނުވާނެ، މިސާލަކަށް އެންމެ ލޯކޮށް މިއަންނަ ފެއާ 899 ނޫނީ 999 އޭގެ އެއަގަށް އެއްކޮށް ހުރިހާ ޓިކެޓެއް ވިއްކާލައިފިއްޔާ އޭގެ ކޯސްޓެއް ކަވަރެއް ނުވާނެ." ހާރިސް ވިދާޅުވި އެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުމުގެ ހިދުމަތްދޭ ވިލާ އެއާގެ ފުލައީ ދަތުރުކުރަނީ ބ.ދަރަވަންދޫ އާއި އދ. މާމިގިއްޔަށެވެ. އަގުތައް އުޅެނީ ކޮޅަކަށް 600 އާއި 800 ދޭތެރޭ އަގުތަކެއްގަ އެވެ. ފުލައިމީގެ ސޭލްސް އެންޑް ޑިސްޓިބިއުޝަން މެނޭޖަރު އާދަމް ފައިނާން ވަހީދު ވިދާޅުވީ މިހާރު އެ ހިދުމަތްދޭ އަގަކީ އެންމެ ހެޔޮކޮށް މިހާރު އެހިދުމަތް ދެވެން އޮތް އަގު ކަމަށެވެ.

އާންމުކޮށް ފުލައިޓް ދަތުރުތަކަށް ބާރުބޮޑުވަނީ ކޮންމެ ވެސް ބަންދަކާ ދިމާކޮށެވެ. އެހެން ނޫން ނަމަ ފުލައިޓްތައް ފުލްކޮށް ދަތުރު ކުރަނީ މަދު ފަހަރެއްގަ އެވެ. އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ހާރިސް ވިދާޅުވީ އެކުންފުނިން ބޭނުމީ ދެމެހެއްޓެނި ގޮތަކަށް އެހިދުމަތް ދިނުން ކަމަށެވެ. އެހެންކަމުން ޓިކެޓު އަގު ކަނޑައަޅާފައިވާ ފުލައިޓް މަދުނުކޮށް ދެމެހެއްޓެނި ގޮތަކަށް އެހިދުމަތް ދެވޭ ގޮތަށް ކަމަށް ހާރިސް ވިދާޅުވި އެވެ.

"ދިވެހިންނަށް މިހެން ދަތުރުކުރެވޭ ގޮތަށް ދުވާލަކު ފަސް، ހަ ފުލައިޓް އޮތުން ކޮންމެ ޑެސްޓިނޭޝަނަކަށް ވަރަށް މުހިންމު، އެސަސްޓެއިން ކުރެވެންޖެހޭނެ، ދުވާލަކު އެއް ފުލައިޓަށް ބަދަލުކުރިޔަސް ވަރަށް ދަތިވާނެ ދިވެހިންނަށް" ހާރިސް ވިދާޅުވި އެވެ.

ތެޔޮ އަގު ދަށަށް ދާއިރު އޭގެ ހެޔޮ ބަދަލު އާދޭތަ؟

މަރުކަޒީ އެއާޕޯޓް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ވިއްކަމުން އަންނަ ޖެޓް ފިއުލްގެ އަގު ދޭތެރެ ދޭތެރެއިން މިދަނީ ހެޔޮކުރަމުންނެވެ. އައިއެންއައިއޭ ފިއުލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނިޔާޒް ވިދާޅުވީ ކުރިން ކުރިން 0.67 ސެންޓް ނުވަތަ 10.33 ރުފިޔާ އަށް ޑޮމެސްޓިކް ފްލައިޓްތަކަށް ވިއްކި ޖެޓް ފިއުލް ލީޓަރެއް މިހާރު ވިއްކަނީ 0.64 ސެންޓް ނުވަތަ 9.88 ރުފިޔާ އަށެވެ. އެއީ 45 ލާރީގެ ދަށް އަދަދެކެވެ. ދެން އުފެދޭ ސުވާލަކީ މިހެޔޮ ބަދަލު ޓިކެޓުއަގުން ފެނޭތޯ އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ހާރިސް ވިދާޅުވި ގޮތުގައި ތެލުގެ އަގު ހެޔޮވާވަރަކަށް އަގުހެޔޮ ފެއާގައި ވިއްކާ ސީޓުގެ އަދަދު އިތުރު ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ޑޮމެސްޓިކް އެއާޕޯޓަކަށް މޯލްޑިވިއަން އިން ދުވާލަކު ހަ ފުލައިޓް ވަރު ދަތުރުކުރާ އިރު ކޮންމެ ފުލައިޓަކުން 10 ނުވަތަ 15 ސީޓް އަގުހެޔޮ ފެއާގައި ވިއްކަމުން އަންނަ ކަމަށް ހާރިސް ވިދާޅުވި އެވެ.

"ތެލާއި އެއްޗެހި ހަރަދު ކުޑަވާވަރަކަށް އަޅުގަނޑުމެންނަށް ކޯސްޓްވައިސްއަށް [އަގަށް ބަލައ] ބަލާފައި ސަސްޓެއިން [ދެމެހެއްޓޭނެ ގޮތަކަށް] ކުރެވޭ ވަރަކަށް އެއްކަލަ ލޯ ފެއާ ސީޓްސް އަޅުގަނޑުމެން އިތުރު ކުރަމުން މިދަނީ، ކުރިން އަޅުގަނޑުމެންގެ ފުލައިޓެއްގައި ހަތް ސީޓް އަށް ސީޓް ލޯ ފެއާ އިންނައިރު މިހާރު އެހުންނަނީ ބައެއް ފުލައިޓްތަކުގައި 15 ސީޓަށް ހަދާފައި." ހާރިސް ވިދާޅުވި އެވެ.

ހެޔޮ އަގުގައި ޓިކެޓު ހޯދާނީ ކިހިނެއް؟

އަގުހެޔޮ ފެއާގައި ޓިކެޓު ވިއްކަމުންދާ ކަމަށް އެއާލައިންތަކުން ބުނެ އެވެ. އެކަމަކު މިއީ ބައެއް އާންމުން ގަބޫލް ކުރާ ކަމެއްނޫނެވެ. އެމީހުން ބުނަނީ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އަގުހެޔޮ ފެއާގައި ލައްވާނުލާ ކަމަށެެވެ.

ހާރިސް ވިދާޅުވީ އަގު ހެޔޮ ފެއާގައި ޓިކެޓު ނުވިއްކާ ކަމަށް ބުނާ ވާހަކަ އަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށާއި މޯލްޑިވިއަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ އެއާލައިނުން ދަތުރުކުރާ މީހުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މީހުން ދަތުރުކުރަނީ އަގުހެޔޮ ފެއާގައި ކަމަށެވެ.

ކުއްލިއަކަށް ކުރަން ޖެހޭ ދަތުރުތައް އަގުހެޔޮކޮށް ކުރުމަށް ދަތިތައް ހުރި ނަމަވެސް ކުރިއާލާ ރާވައިގެން ކުރާ ދަތުރުތަކުން ބޮޑުތަން އަގުހެޔޮކޮށް ޓިކެޓު ލިބޭނެ ކަމަށް އެއާލައިންތަކުން ބުނެ އެވެ. އެއާލައިންތަކުގެ އިލްތިމާސްއަކީ ހެޔޮއަގުގައި ޓިކެޓް ގަތުމަށް އެދަތުރެއް ކުރިއާލާރާވައި ކުރިން ޓިކެޓު ނެގުމަށެވެ.

"ލޯފެއާގައި ޓިކެޓު ލިބޭނީ ކުރިން ޓިކެޓު ނަގާ ފަރާތްތަކަށް، މި އީދަށް ވެސް އެބަހުއްޓޭ މަސް ދުވަސް ކުރިން ލޯފެއާގައި ޓިކެޓު ނަގާފައި، އެހެންވީމަ އަޅުގަނޑުމެން މިއަންގަނީ ކުރީބައިގައި ނަގާށޭ ޓިކެޓު." ހާރިސް ވިދާޅުވި އެވެ.

ރާއްޖެ އުފެދިފައިވާ ގޮތަށާއި ދިރިއުޅުމުގެ ކަންކަންހުރި ގޮތަށް ބަލާއިރު އަވަސް ދަތުރެއް ކުރަން ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ. އެހެންކަމުން އެކަން ކުރެވެން އޮތީ ފުލައިޓުންނެވެ. މިދެކެވެނީ ފުލައިޓް ދަތުރުތަކުގެ އަގު އަތްނުފޯރާފަށުގައި ހުރި ވާހަކަ އެވެ. އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ އެއީ މިހާރަށް ދެވެންއޮތް އެންމެ ހެޔޮ އަގު ކަމަށެވެ.

"އަޅުގަނޑުމެންނަށް ދެވޭ އެންމެ ހެޔޮއަގުގައި މިދެނީ ހިދުމަތް، މިއަށް ވުރެ އަގުހެޔޮކުރާ ނަމަ ޓޫރިސްޓުން ދަތުރުކުރާ މިންވަރު އިތުރު ވެގެން އެކަން ވާނީ." ފުލައިމީގެ ސޭލްސް އެންޑް ޑިސްޓިބިއުޝަން މެނޭޖަރު ފައިނާން ވިދާޅުވި އެވެ.

އެކަމަކު ޓޫރިސްޓުން ދަތުރު ކުރުމަށް ނަގާ އަދަދު އަދި އެތައް ގުނައެއް އިތުރެވެ. މާލެއިން ޓޫރިސްޓަކު ދަރަވަންދު އަށް ދަތުރު ކުރާ ނަމަ މި ދުވަސް ވަރު ދެ ކޮޅަށް 4790 ރުފިޔާ (310 ޑޮލަރު) ފުލައިމީ އިން އެބަ ނަގަ އެވެ. ސުވާލަކީ އެ އަދަދު ދަށް ނުކޮށް ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން ވައިގެ މަގުން ދަތުރު ކުރާނެތޯ އެވެ؟

މިއީ ކޮންމެ ދިވެއްސަކާ ވެސް ގުޅިފައިވާ މައްސަލައެކެވެ. ދިރިއުޅުމުގެ ހަރަދުތަކާއި ވިޔަފާރިތަކާ ވެސް ގުޅިފައިވާ މައްސަލައެކެވެ. އެހެންކަމުން ފުލައިޓް ޓިކެޓުގެ އަގުތައް އާންމުން އަތްފޯރާ ފަށަށް އައުމަކީ ދިވެހިންގެ އުންމީދެވެ. އެއާލައިންތަކުގެ އިލްތިމާސްއަކީ ދުރާލާ ޓިކެޓު ނެގުމެވެ.

comment ކޮމެންޓް