2018 ގެ ރިޔާސީ އިންތިހާބަށް ނުކުންނަވަން އުމަރު ނިންމަވައިފި

ޖޫން 30، 2016: ޕީޕީއެމް ހަރުދަނާކުރަން ކޮމެޓީއެއް އެކުލަވާލަން ބޭއްވި ބައްދަލުވުމަށް ފަހު އުމަރު ނަސީރު ޕީޕީއެމް އޮފީހުން ނިކުންނަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފިއެވެ.

އުމަރު ދާދި ދެންމެ އަކު ސަން އަށް ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އޮތްގޮތުން 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި ގައުމުގެ އިސްފަރާތްތަކުގެ ތާއީދު އޭނާއަށް ލިބޭނެ ކަމަށެވެ.

"ގައުމުގައި ތިއްބެވި އެންމެ ސީނިއާ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް ލިބޭނެ." އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސައްކަތްކުރާނީ ޕީޕީއެމްގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކަމަށާއި ޕުރައިމަރީއަކަށް ފުރުސަތު ހުޅުވާލައިފިނަމަ ވާދަކުރައްވާނެ ކަމަށެވެ.

ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އުމަރު ވިދާޅުވީ އޭނާ ވާދަކުރައްވާނީ 2023 ގެ ރިޔާސީ އިންތިހާބުގައި ކަމަށެވެ.

އުމަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާއިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޕުރައިމަރީއަކާއި ނުލައި ރައީސް އަބްދުﷲ ޔާމީންއަށް ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. ނަމަވެސް އެއީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފު ކަމެއް ކަމަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.

އުމަރު ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމާ އެކުް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫނާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މިދަނޑިވަޅުގައި ރައީސް ޔާމީނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ވަނީ 65 އަހަރުން މަތީގެ މީހުންނަށް ސިޔާސީ ޕާޓީތަކުގެ ރައީސްކަން ނުކުރެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ނަމަވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެފަދަ ކަމެއް ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިނުވާނެ ކަމަށެވެ. އަދި އެއީ މެމްބަރުންގެ އަމިއްލަ ޚިޔާލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް އިސްލާހު ކުރުމަށް ރައީސް މައުމޫން އެކުލަވާލެއްވި ލަފާދޭ ކޮމެޓީގައި ވެސް އުމަރު ހިމެނިވަޑައިގަންނަވަ އެވެ.

comment ކޮމެންޓް