އިދިކޮޅު ޕާޓީތަކުގެ ބަހެއް ނުހޯދައި ޓީވީން ޚަބަރު ގެނެސްދެވޭނެ: ބްރޯޑްކޮމް

ބްރޯޑުކާސްޓިން ކޮމިޝަންގެ ބައެއް މެމްބަރުން ---- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ އިދިކޮޅު ޕާޓީތަކާ ގުޅޭގޮތުން ޚަބަރެއް ގެނެސްދޭއިރު، އެ ޕާޓީގެ ބަހެއް ނުހޯދައި ޚަބަރު ގެނެސްދެވިދާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ އިދިިކޮޅު އެމްޑީޕީއާ ބެހޭގޮތުން ތުހުމަތުތަކެއް ކޮށް އެޕާޓީގެ ބަހެއް ނުހޯދައި ޗެނަލް 13 އިން ގެނެސްދިން ޚަބަރަކާ ގުޅިގެން އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.

ޗެނަލް 13 އާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް މައްސަލަ ހުށަހެޅީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހުގެ 2:00 ގެ ޚަބަރުގައި ހޯމް މިނިސްޓްރީގެ ޑެޕއިުޓީ މިނިސްޓަރު އަހުމަދު ސިއްދީގު ކުރެއްވި ޓްވީޓަކާ ހަވާލާދީ ގެނެސްދިން ޚަބަރަކާ ގުޅިގެންނެވެ.

އެމްޑީޕީ އަކީ ފަސާދަކުރާ ޕާޓީއެއް ކަމަށް ދޭހަވާގޮތަށް ސިއްދީގު ޓްވީޓު ކުރައްވާފައިވާއިރު، އެ ތުހުމަތާ ގުޅޭގޮތުން އެޕާޓީގެ ބަހެއް ހޯދާފައި ނުވާ ކަމަށް އެ ކޮމިޝަނަށް ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ.

އަދި ހުކުރު ދުވަހު އިސްލާމީ މަރުކަޒު ކައިރީ އެމްޑީޕީން ބަދު ދުޢާ ކުރާ ކަމަށް ސިއްދީގު ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ބަހެއް ހޯދާފައިނުވާ ކަމަށް ވެސް ހުށަހެޅި މައްސަލާގައި ވެއެވެ.

އެ މައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން ނިންމާފައި ވަނީ އެ ޚަބަރު ގެނެސްދީފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"ޗެނަލް 13 އިން ގެނެސްދިން ޚަބަރުގައި ހިމެނޭ ކޮންޓެންޓުގައި، ގެނެސްދީފައިވާ ވާހަކަތައް ދައްކާފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވާ މިންވަރަކަށް ކަމަށް ބެލެވެން ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން މައްސަލަ ނިންމީއެވެ،" ކޮމިޝަންގެ ނިންމުމުގައި ވެއެވެ.

comment ކޮމެންޓް